ސަރުކާރުގެ އެކި މިނިސްޓްރީތަކުން 500 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ދޮގުކުރައްވައިފިއެވެ.
ސަރުކާރުގެ ތަރުޖަމާނު މިހެން ވިދާޅުވީ ސިޔާސީ މުވައްޒަފުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، އެ މުވައްޒަފުންގެ ލިސްޓު މިނިސްޓަރުން ރައީސާ ހިއްސާކޮށްފައިވާ ކަމަށް މީޑިއާގައި ރިޕޯޓްކުރުމާ ގުޅިގެން ބައެއް މީޑިޔާ ތަކުން ސުވާލު ކުރުމުންނެވެ.
މުންދު ވިދާޅުވީ އެފަދަ އަދަދެއްގެ މުވައްޒަފުން ވަކިކުރާކަން އެނގިފައި ނުވާ ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ އޮނިގަނޑަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ. މި ބަދަލުތަކުގެ ތެރޭގައި މިނިސްޓްރީތައް އެއްކުރުމާއި ބައެއް އިދާރާތައް އުވާލުން ފަދަ ކަންކަން ހިމެނިދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިތުރަށް ވިދާޅުވީ “މިހާރުވެސް ދަނީ މުވައްޒަފުންގެ ޕާފޯމަންސް ބަލަމުން” ކަމަށާއި، މަސައްކަތުގެ ފެންވަރަށް ބިނާކޮށް މުވައްޒަފުން ވަކިކުރުމާއި އައްޔަނުކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ބައެއް މިނިސްޓްރީތަކުގެ އޮނިގަނޑަށް ބަދަލުތައް އަންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.






