ރޭޕްކުރި ކުއްޖެއްގެ މައުލޫމާތު ހާމަކުރެވުނީ އޮޅިގެން. މާފަށް އެދެން: ޕީޖީ ޝަމީމް

img_md_202003050447271583408847.8065.jpeg

ޕީޖީ ،ހުސެން ޝަމީމް--ފޮޓޯ :ރާއްޖެ.އެމްވީ

ރައްޔިތުންގެ މަޖިލީހުން އިއްޔެ ލައިވް ކުރި ކޮމިޓީ ބައްދަލުވުމެއްގައި ކުޑަކުއްޖެއްގެ ކަރާމަތަށް އުނިކަން އަންނާނެ ކަމަށް ކަނޑައަޅާ ޖީންސީ ކުށުގެ ގާނޫނުގައި ހާމަކުރަން މާނަކޮށްފައިވާ މައުލޫމާތު ޕީޖީ އޮފީހުން ހާމަކުރި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މައާފަށް އެދިވަޑައިގެންފިއެވެ.

ޕީޖީ ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިއްޔެ މަޖިލީހުގެ ކޮމެޓީގައި ޕީޖީ އޮފީހުގެ ސްޓާފަކަށް އެފަދަ މައުލޫމާތެއް ހާމަކުރެވުނީ އޮޅިގެން ކަމަށެވެ.

އެއީ ނޭނގުމެއްގެ ތެރެއިން ހެދުނު ގޯހެއް ކަމަށާއި، ކޮމެޓީ ބައްދަލުވުން ލައިވް ކުރާކަން ޕީޖީގެ ސްޓާފަށް ނޭނގޭ ކަމަށެވެ. އެފަދަ ކަމެއް ތަކުރާރު ނުވާނެކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން މިހާރު ވަނީ ކޮށްފައި ކަމަށް ޕީޖީ ޝަމީމް ވަނީ ވިދާޅުވެފައެވެ.

ޖިންސީ ގޯނާގެ ޝިކާރައަކަށް ވީ ކުއްޖެއްގެ މައުލޫމާތު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކުރީ އިއްޔެ ކުރިޔަށް ގެންދިޔަ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައެވެ.

އެކޮމިޓީ މަޖިލީހުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކޮށްފައިވާއިރު އެ ކޮމިޓީއަކީ ޖިންސީ ގޯނާގެ މައްސަލަތަކާއި، ރޭޕްގެ މައްސަލަތަކުގައި ސާމްޕަލް ނަގާއިރު ރޭޕްގެ އެވިޑެންސް ކިޓު ބޭނުންކޮށްގެން ވިކްޓިމްގެ ހަށިގަނޑުން ސާމްޕަލް ނަގައި ތަހުލީލު ކުރުމާއި ގުޅޭގޮތުން ޖިންސީ ކުށުގެ ގާނޫނަށް ގެންނަ އިސްލާހު ދިރާސާ ކުރުމަށް ބޭއްވި ކޮމިޓީއެކެވެ.

އެ އިސްލާހަށް ހިޔާލު ހޯދުމަށް ޕީޖީ އޮފީހުންގެ ފަރާތުން ކޮމިޓީއަށް ހާޒިރުވެވަޑައިގަތް އެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ ފާތިމަތު ނަބާހާ ވަނީ އެ އޮފީހާއި ތަހުގީގީ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ކުޑަކުއްޖަކު ރޭޕްކުރި ކޭސްއެއް މިސާލެއްގެ ގޮތުގައި ނަންގަވައި، އެ ކުއްޖާ ރޭޕްކުރީ ކާކު ކަމާއި އެކުއްޖާގެ މައުމޫމާތު ވެސް ހާމަކޮށްފައެވެ.

ދިވެހި ރައްޖޭގެ ގާނޫނު އަސާސީގެ، ޖިންސީ ކުށުގެ ގާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ “ރޭޕްކުރުމުގެ ކުށުގެ ނުވަތަ ޖިންސީ އަނިޔާގެ ކުށުގެ ނުވަތަ ޖިންސީ ގޯނާގެ ކުށުގެ ތަހްގީގެއްގެ ނުވަތަ ޝަރީއަތެއްގެ ވާހަކަ މީޑިއާގެ އެއްވެސް ވަސީލަތެއްގައި ބަޔާންކުރުމުގައި ނުވަތަ ށާއިއުކުރުމުގައި، އެ ކުށުގެ ޝިކާރައަށްވީ މީހަކީ ކާކުކަން ދެނެގަނެވިދާނެ އެއްވެސް މައުލޫމާތެއް، މީޑިއާގެ އެއްވެސް ވަސީލަތެއްގައި ހާމަކުރުމަކީ، މި ގާނޫނު ހުއްދަކުރާ ކަމެއް ނޫން” ކަމަށެވެ.

ހަމަ އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށް އަމަލުކުރާ ފަރާތެއްގެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ބާރު ވަޒީރަށް ލިބިގެންވާ ކަމަށެވެ. އަދި އެފަދަ ކަމެއް ކުރިކަމަށް ސާބިތު ވާހިނދު، އެފަރާތެއް -/10،000 (ދިހަ ހާސް) ރުފިޔާއާއި -/15،000 (ފަނަރަ ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ކޯޓަށް ލިބިގެންވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top