ސިޔާސީ މަގާމުތަކުގައި ތިބޭއިރު މުހިއްމީ އިތުބާރާއި ޔަގީން ކަން ކަމަށާއި އެއީ ފަސް އަހަރު ދުވަހަށް ލިބޭ ހަދިޔާއެއް ނޫން ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މުންދު ވިދާޅުވީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި 500 މުވައްޒަފުން ކަނޑަން އުޅޭ ވާހަކައަކީ މުޅީން ރަނގަޅު ވާހަކަތަކެއް ނޫން ކަމަށާއި ނަމަވެސް ކޮންމެ އަހަރަކު ވެސް ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންގެ އެސެސްމަންޓުތައް ހެދިގެންދާ ކަމަށެވެ.
އެސެސްމަންޓުތަކަށްފަހު ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބޭނީ އެންމެ އެކަށޭނެ މީހުން ކަމަށާއި އެ ބަދަލުތަކާއެކު ސަރުކާރުގެ ދުވެލި އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި ސިޔާސީ ވަޒީފާ ލިބެނީ ވަކި ޕާޓީއެއް، ވަކި ފިކުރެއްގައި ކުރާ މަސައްކަތެއްގެ ތެރެއިން ނުވަތަ އެ އޮންނަ ވަފާތެރިކަމެއްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.
”އެ އިތުބާރާއި ޔަގީންކަން އޮތް ބަޔަކު ތިބުން މުހިންމުވަނީ. އެކަމަކު އަޅުގަނޑު ވެސް ހިމެނޭގޮތަށް، އަޅުގަނޑުމެން އެއްވެސް މީހަކަށް ލިބޭ ހަދިޔާއެއް ނޫން އެއީކީ. އަޅުގަނޑު ގަބޫލެއް ނުކުރަން ސިޔާސީގޮތުން އަޅުގަނޑުގެ ޕާޓީއަށް ވަފާތެރިވީތީ އަޅުގަނޑަށް ފަސް އަހަރު ދުވަހަށް ފީސަބީލިއްލާހިއަށް ލިބިފައި އޮންނަ ހަދިޔާއެކޭ،“މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ ސިޔާސީ މަގާމުތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ވެސް މުސާރަ ލިބެނީ ދައުލަތުގެ ބަޖެޓުން ކަމަށާއި އެހެންކަމުން އެއީ ރައްޔިތުންގެ ފައިސާއަށްވުމުން އެމީހެއްގެ ޕާފޯމަންސް ދައްކަން ޖެހޭނެ ކަމަށެވެ.
“އެހެންވީމަ ވާނީ ރައްޔިތުންގެ ހާދިމަކަށް. އެހެންވީމަ އަޅުގަނޑުގެ ޕަފޯމެންސް އަޅުގަނޑު ދައްކަން ޖެހޭނެ. އަޅުގަނޑަށް ޕަފޯމެންސް ނުދެއްކޭނަމަ، އަޅުގަނޑު ނިކުމެގެން ދާންޖެހޭ ހާލަތެއް އަންނައިރު ޝަކުވާއެއް ކޮށްގެން ނުވާނެ،” މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ ސިޔާސީ މަގާމުތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ވެސް މުސާރަ ލިބެނީ ދައުލަތުގެ ބަޖެޓުން ކަމަށާއި އެހެންކަމުން އެއީ ރައްޔިތުންގެ ފައިސާއަށްވުމުން އެމީހެއްގެ ޕާފޯމަންސް ދައްކަން ޖެހޭނެ ކަމަށެވެ. އަދި ޕާފޯމަންސް ނުދެއްކިގެން، މަގާމުން ވަކިވެގެންދާ އިރު، އެކަމުގެ ޝަކުވާއެއް ކޮށްގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.





