ފެންހޮޅި އެޅުމުގެ މަޝްރޫއު ފެށުން ލަސްވަނީ އިދާރީ ބައެއްކަންކަން ހަމަނުޖެހިގެން – އޭދަފުށީ ކައުންސިލް

fen-holhi.jpg

ބޯފެނުގެ ނިޒާމް ގާއިމްކުރުމަށްޓަކައި އޭދަފުއްޓަށް ގެނެސްފައިވާ މެޝިނަރީތައް ބަހައްޓާފައި. މަސައްކަތް ފެށުން ލަސްވަނީ އިދާރީގޮތުން ބައެއްކަންކަން ހަމަނުޖެހޭތީކަމަށް އޭދަފުށީ ކައުންސިލުން ބުނޭ / ފޮޓޯ: އޭދަފުށީ ވޮއިސް

ބ. އޭދަފުށީގައި ބޯފެނުގެ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ތަކެތި ރަށަށް ގެނެސްފައިވީނަމަވެސް މަސައްކަތް ނުފެށި ލަސްވަމުންދަނީ އިދާރީގޮތުން ހަމަޖައްސަންޖެހޭ ބައެއްކަންކަން ހަމަނުޖެހިގެންކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

އޭދަފުށީ ކައުންސިލުން ބުނީ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން އެންވަޔަރުމެންޓް މިނިސްޓްރީން ކުރިޔަށް ގެންދާ މިމަޝްރޫއު މަސައްކަތް ފެށުން ލަސްވަނީ ކޮންޓްރެކްޓަރަށް ދީފައިވާ ބިން ބޮޑުކުރުމަށް ހައުސިން މިނިސްޓްރީގައި އެދިފައިވާތީ، އެކަން ހަމަޖެހުން ލަސްވަމުންދާތީ ކަމަށެވެ. ކައުންސިލްގެ ނާއިބްރައީސް ހައްވާ ސަމީހާ އީވީއަށް ވިދާޅުވީ ކޮންޓްރެކްޓަރ ކުރިން އެދުނު ބިން ކައުންސިލުން ހަމަޖެއްސިނަމަވެސް، ބިންބޮޑުކުރަން ކޮންޓްރެކްޓަރ ފަހުން އެދިފައިވަނީ މަސައްކަތަށް ބޭނުންވާތަކެތިވެސް ރަށަށް ގެނައުމަށްފަހު ކަމަށެވެ. އަދިބިމުގެ މައްސަލަ ހައްލުކުރެވެން އަންނަނީ ހައުސިން މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށްވާތީ، އެކަން އަވަސްކުރުމަށް މިނިސްޓްރީގައި އެދެމުން އަންނަ ކަމަށެވެ.

“ކޮންޓްރެކްޓަރ ކުރިން އެދުނު ވަރަށް ބިން އަޅުގަނޑުމެން ހަމަޖައްސާފަ އޮންނާނީ. އެހެންނަމަވެސް ކޮންޓްރެކްޓަރ މަސައްކަތް ފަށަން ބޭނުންވާ ސާމާނު ރަށަށް ގެނެސް ބިންބަލާފަ އަނެއްކާ ބިން ބޮޑު ކުރަން ހުށައެޅީ. އެބިމަކީ މިހާރު ފެންޕްލާންޓް ގެ ހުރި ދިމާ ހުޅަނގު ސަރަހައްދު. ދެން ބިން ހަމަޖެހެން މިއަންނަނީ ހައުސިން މިނިސްޓްރީން ހުއްދަ ލިބިގެން. އެކަން އަޅުގަނޑުމެން މިނިސްޓްރީގައި ދަންނަވައިގެން މަސައްކަތް ކުރަމުން މިދަނީ” ހައްވަ ވިދާޅުވިއެވެ.

ހައްވަ ވިދާޅުވީ ބޯފެނުގެ މަޝްރޫއަކީ އޭދަފުށީގެ ރައްޔިތުންނަށް ވަރަށް މުހިއްމު ބޭނުންތެރި މަޝްރޫއަކަށް ވާތީ، ކައުންސިލުން މިމަޝްރޫއު ކުރިޔަށް ގެންދިއުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާނެކަމަށާ، ކޮންޓްރެކްޓަރަށް ބޭނުންވާ އެހީތެރިކަން އަބަދުވެސް ލިބެމުންދާނެކަމަށެވެ.

އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ލޯން އެހީ އާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މި މަޝްރޫއު މިދިޔަ އޭޕްރީލް މަސްތެރޭގައި ސެނޮކް ޓްރޭޑް ކޮމްބައިން އާ ހަވާލުކޮށްފައި ވަނީ 74.3 މިލިއަން ރުފިޔާއަށް، ހަތް މަސް ދުވަސްތެރޭ މަސައްކަތް ނިންމާގޮތަށެވެ.

މިމަޝްރޫގެ ދަށުން އޭދަފުށީގައި 15 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމްކުރުމުގެ އިތުރުން 192 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top