ކައުންސިލްތަކަށް ލޯނު ނެގޭގޮތް ހަދައިދީފި

big_TQtHyEgDOC5jj4a1oHJXwFusU.jpg

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ލޯކަލް ކައުންސިލްތައް ޒިންމާވާ ގޮތަށް ލޯނު ނެގޭނެ ގޮތް ފަހިކުރުމަށްޓަކައި މާލިއްޔަތުގެ ގާނޫނަށް  މަޖިލީހުން އިސްލާހު ގެނައި ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ހުއްދައޮތް ލޯނަކަށް މެނުވީ ދައުލަތުގެ ފައިސާ ދޫނުކުރުމުގައި އަމަލުކުރަންވީ އުސޫލުތައް ބަޔާންކުރާ ބިލެކެވެ.

މި ބިލުގައި ކައުންސިލްތަކުން ދަރަންޏަށް ނަގާ ފައިސާ ނެގުމުގެ ހަމަތަކާއި އެކަމުގައި އަމަލުކުރުމުގެ އުސޫލުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވެ އެވެ. އަދި ކައުންސިލުގެ މުދާ ހުއްދަކުރެވިގެން ވިއްކުމާއި އެއާމެދު އަމަލުކުރުމުގެ ހަމަތަކާއި، ކައުންސިލުތަކުން އަމިއްލަ ޖަމިއްޔާތަކާއި ޖަމާއަތްތަކަށް އެހީ ދެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

ލާމަރުކަޒީ ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި، ވަކި ކައުންސިލަކަށް އެ އަހަރަކަށް ލިބޭ އާމްދަނީން ހަރަދުތައް ކަނޑައި ބާކީ ހުންނަ ފައިސާ، އެއްބަސްވާ ގޮތެއްގެ މަތިން އެހެން ކައުންސިލަކަށް ލޯނުގެ ގޮތުގައި ދޫކުރެވިދާނެ ކަމަށް މާލިއްޔަތު ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގައި ބަޔާންކޮށްފައިވެ އެވެ. އަދި އެގޮތަށް ދޫކުރާ ފައިސާ އަނބުރާ ނުދައްކާނަމަ އެފަރާތަކަށް ސަރުކާރުން ދޭ ފައިސާއިން އުނިކޮށް، އެ ފައިސާ އަނެއް ކައުންސިލަށް ދޫކުރުމުގެ ބާރު ސަރުކާރަށް ލިބިގެންދާނެ ކަމުގައިވެސް އިސްލާހުގައިވެ އެވެ.

މާލިއްޔަތު ގާނޫނަށް ގެނެސްފައިވާ މި އިސްލާހުތަކާ ގުޅިގެން މާލިއްޔަތުގެ ގަވާއިދަށް ވެސް އިސްލާހު ތަކެއް ގެންނަން ޖެހެ އެވެ. އެގޮތުން އެ އިސްލާހުތައް ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ގެޒެޓް ކުރަންޖެހޭތީވެ އެ މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބިލް ތަސްދީގު ކުރެއްވުމާ ގުޅިގެން ލޯކައުންސިލްތަކަށް އަމާޒުކޮށްގެން މާލިއްޔަތު ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކަށް މިއަދުން ފެށިގެން އަމުލުކުރާނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top