
ހިއްކާފައިވާ ސަރަހައްދުގައި އާންމުން އުފާކުރަނީ. މިސަރަހައްދަށް ކުނިނޭޅުމަށް ކައުންސިލުންވަނީ އިލްތިމާސްކޮށްފައި / ފޮޓޯ: ފޭސްބުކް
ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން އޭދަފުށިން ހިއްކާފައިވާ ސަރަހައްދަށް ކުނިނޭޅުމަށް އޭދަފުށީ ކައުންސިލުން ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.
ކައުންސިލުން މިކަމަށް އިލްތިމާސްކުރީ ބުދަދުވަހު ބޭއްވި ރައްޔިތުންގެ ކުއްލި ބައްދަލުވުމެއްގައި ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައެވެ. ކައުންސިލްގެ ރައީސް އަލީ ވަހީދު ވިދާޅުވީ މަދުންނަމަވެސް ހިއްކި ސަރަހައްދަށް ގޭގައި އުފެދޭ ކުނިއަޅަމުންދާކަމަށާ، އެފަދަ ފަރާތްތަކާމެދު ގަވާއިދުން ފިޔަވަޅު އެޅޭނެކަމަށެވެ. އޭނާ ވިދާޅުވީ ބިންހިއްކި ދެހަފްތާއެއްހާދުވަހު ކުނިއެޅުން އާންމުކުނިގޮނޑަށް މެދުކަނޑާލިނަމަވެސް ކުނިގޮނޑު މިހާރު އަލުން ހުޅުވައި ބޭނުންކުރަންފަށާފައިވާކަމަށެވެ.
“މިއަދުވެސް ހެނދުނު ކުނިގޯންޏެއް އޮތް އޮއްސާލާފައި ދެކުނުފަރާތު ހިއްކި ސަރަހައްދަށް. މިހިރީ ކަންކަން ހުންނަގޮތަކީ. މިފަދަ އަމަލުތަކަކީ ބަލައިގަނެވޭނެކަމެއްނޫން. މިފަދަ ފަރާތްތަކާމެދު ގަވާއިދުން
ފިޔަވަޅުއެޅޭނެ” ބުދަދުވަހު އަލީ ވަހީދު ވިދާޅުވިއެވެ.
ކައުންސިލުން ފާސްކޮށް ގެޒުޓްކޮށްފައިވާ އާންމު ގަވާއިދު ބުނާގޮތުން މިފަދަ އަމަލުތައް ހިންގާ ފަރާތްތައް 500ރ އާ5000ރ އާދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވިދާނެއެވެ. މިގަވާއިދުތަކަށް މިދިޔަހަފްތާ ކައުންސިލުން ވަނީ އަމަލުވެސްކުރަންފަށާފައެވެ.
ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ޕްރޮޖެކްޓެއްގެ ދަށުން އޭދަފުށީގެ ކުނިކޮށި އެޅުމުގެ މަސައްކަތް މިއަހަރު ކުރީކޮޅޫ ކޮރަލްގޭޓް ކިޔާ ކުންފުންޏަކާވަނީ ހަވާލުކޮށްފައެވެ. ނަމަވެސް ބިންހިއްކުމުގެ މަޝްރޫއާ ގުޅިގެން ލޭންޑްޔޫސް ޕްލޭން ތައްޔާރުކުރެވެންދެން އެމަޝްރޫއު މަޑުޖައްސާލުމަށް ކައުންސިލުންވަނީ ސަރުކާރުގައި އެދިފައެވެ.