”ދީނީ ހަރުކަށި”ފިކުރަކީ ކޮބައިކަމާއި އެކަމުގެ ސަބަބާއި އަދި އެކަމުގެ ހައްލުގެ މައްޗަށް ބަލައިލުން – 2

viber_image_2019-12-19_14-55-25.jpg

 

މި ލިޔުމުގެ ފުރަތަމަ ބައިގައި، އިސްލާމް ދީނުގައި، ދީނުގެ މަފްހޫމަކީ ކޮބައިކަމާއި އެ މަފްހޫމުގެ މާނަ ފަހުމުކުރުމުގެ ގޮތުން ދެނެގަންނަން ޖެހޭނޭ ހަތަރު ލަފްޒެއްގެ މާނަ ބަޔާންކުރެވުނެވެ. ދީނާއި އިސްލާމާއި ޝަރީއަތާއި ފިގުހާއި މި ހަތަރު ލަފްޒުގެ މާނައެވެ. މީގެ ތެރެއިން ދީނާއި އިސްލާމުގެ މާނަ ގުޅެނީ، މާތްކަލާނގެއަށް އީމާންވެ، ހެޔޮކަންތައްތައްކޮށް، އަދި، ނުބައިކަންތައް ކުރުމުން ދުރުވެ، އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމާކަން އެބައިގައި ބަޔާންކުރެވުނެވެ. ޝަރީއަތާއި ފިގުހުގެ މާނަ ގުޅެނީ ހެޔޮގަތަކީ ކޮބައިކަން ކަނޑައަޅާލުމާއި، ތަފްސީލީ ސިފައެއްގައި، އެ ގޮތް ބަޔާންކުރުމާކަން ވެސް ފުރަތަމަ ބައިގައި ބަޔާން ކުރެވުނެވެ.

މިބައިގައި ބަލާލަން ގަސްދުކުރަނީ ޝަރީއަތުގެ ހުކުމްތަކުގެ ބައިތަކާ އެހުކުމްތައް ގުޅޭ ސިޔާގަކީ (ކޮންޓެކެސްޓަކީ) ކޮބައިކަމާ މެދުގައެވެ. އަދި މީގެ އިތުރުން، މި ދެބައިން ކުރެ ކޮންމެ ބައެއް ވެސް ހިންގާލުމުގެ ބާރާއި އިޚުތިޔާރު ލިބިގެންވާ ފަރާތަކީ ކޮބައިކަމާ މެދު ވެސް ބަލައިލެވޭނެއެވެ. މި ދެބައި މަސްހުނިކޮށް، މި ދެބައި ހިންގާލުމުގެ ބާރު އޮންނަނީ ކޮންފަރާތެއްގެ އަތްމަތީކަން ސާފުނުވެ އޮތުމަކީ، ދީނީ ފިކުރު ހަރުކަށިވުމަށް މަގުފަހިކޮށްދޭ ކަމަކަށް ވެދާނެތީއެވެ.

ޝަރީއަތުގެ ހުކުމްތަކުގެ ބައިތައް

ޝަރީއަތުގެ ހުކުމްތަކުގެ ބައިތަކާއި އެ ހުކުމްތަކުގެ ސިޔާގު ދެނެގަތުމަށްޓަކައި އިންސާނީ ދުނިޔަވީ ހަޔާތުގެ ވުޖޫދާ ބެހޭ ގޮތުން އެއްޗެއް ބުނެލަން ޖެހެއެވެ. ދުނިޔޭގައި އިންސާނާއަށް ދެ ބާވަތެއްގެ ވުޖޫދެއް ލިބިގެން ވެއެވެ. އެންމެ ފުރަތަމަ ފަރުދީ ވުޖޫދެކެވެ. ކޮންމެ އިންސާނަކީ ވެސް ވަކި މީހެކެވެ. ފަރުދީ ހަޔާތެއް ދުނިޔޭގައި ވޭތުކޮށްލަން ޖެހިފައިވާ މީހެކެވެ. އުސޫލެއްގެ ގޮތުން، އޭނާ ބޭނުންވާ ގޮތެއްގެ މަތިން، އޭނާގެ ފަރުދީ ހަޔާތް ވޭތުކޮށްލުމުގެ މިނިވަންކަން، އިންސާނާއަށް ލިބިގެންވެއެވެ. ފަރުދީ ވުޖޫދެއްގެ އިތުރުން، މުޖުތަމައީ ވުޖޫދެއް ވެސް، އިންސާނާއަށް ލިބިގެން ވެއެވެ. އިންސާނާއަކީ ކޮންމެވެސް މުޖުތަމައެއްގައި ހިމެނޭ މީހެކެވެ. އޭނާގެ ހަޔާތް ވޭތުކުރަން ޖެހެނީ އޭނާ ހިމެނޭ މުޖުތަމައުގެ މެންބަރެއްގެ ގޮތުގައެވެ. އެހެންވެ، އޭނާ ހިމެނޭ މުޖުތަމައުގެ އެހެން މެންބަރުންނާ މުއާމަލާތްކުރަން ޖެހެއެވެ. ޝަރީއަތުގެ ހުކުމްތައް، އިންސާނާގެ ހަޔާތުގެ މިނަންގަތް ދެބަޔާ ގުޅެއެވެ. އިންސާނާގެ ފަރުދީ ހަޔާތާއި އަދި އޭނާގެ މުޖުތަމައީ ހަޔާތާއެވެ.

ޝަރީއަތުގެ ފަރުދީ ހުކުމްތަކުގެ ސިޔާގު

ޝަރުއީ ހުކުމްތަކުގެ ތެރެއިން އިންސާނީ ފަރުދީ ހަޔާތާ ބެހޭ ހުކުމްތައް ގުޅެނީ އިންސާނީ ތަބީއަތާއެވެ. އިންސާނާގެ މި ތަބީއަތް ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައިވެއެވެ.

ކީރިތި ގުރުއާނުގެ ބަޤަރާ ސޫރަތުގެ ތިރީސްވަނަ އާޔަތުގައި ބަޔާންކުރެވިފައިވާ ގޮތުން އިންސާނާއަކީ ދުނިޔޭގައި ލެއްވިފައިވާ މާތްކަލާނގެ ‘ޚަލީފާ’އެކެވެ. އާދެ، މިނިވަން އިޚުތިޔާރަކާއެކު ބިމުގައި ލެއްވިފައިވާ ކާއިނެކެވެ. ބަޤަރާ ސޫރަތުގެ ދެން އޮތް އެއްތިރީސް ވަނަ އާޔާތުގައި އިޝާރަތްކުރެވިފައިވާ ފަދައިން، މިނިވަން އިޚުތިޔާރެއް އިންސާނާއަށް ލިބިފައި އޮތުމުން، ހެޔޮކަންތައް ކުރުމުގެ އެކަށޭނަކަމާއި އަދި ނުބައިކަންތައް ކުރުމުގެ އެކަށޭނަކަން ވެސް އޭނާއަށް ލިބިގެން ވެއެވެ. މިކަމުގެ އިތުރު ތަފްސީލު އައްޝަމްސު ސޫރަތުގެ މިނަންގަންނަ އާޔަތްތަކުގައި ގެނެސްދެވިފައިވެއެވެ. ونفس وما سواها، فألهمها فجورها وتقواها، قد أفلح من زكاها، وقد خاب من دساها ، މިއާޔަތްކޮޅުގައެވެ.  “އަދި އިންސާނާގެ ނަފްސާއި އެ ނަފްސު ވަކިގޮތަކަށް ހައްދަވައި ފުރިހަމަކުރެއްވި ކަލާނގެ ގަންދެއްވަ(އި ވަހީކުރައްވަ)މުއެވެ. ގެއްލުންހުރި ހަޑިހުތުރު ނުބައި ކަންތައްތަކީ ކޮބައިކަމާއި އަދި ފައިދާހުރި ހެޔޮ ރަނގަޅު ކަންތައްތަކަކީ ކޮބައިކަން ދެނެގަތުމުގެ އެކަށޭނަކަން އެ ނަފްސުގައި އެކަލާނގެ ލައްވާފައިވެއެވެ. ހަމަކަށަވަރުން، އެ ނަފްސު ތާހިރުކަންމަތީ ދެމެހެއްޓުމުގެ މަސައްކަތުގައި ދެމިހުރެއްޖެ މީހާއަށް ކާމިޔާބު ލިބިއްޖެއެވެ. އަދި، ހަމަކަށަވަރުން، (ހުތުރު ކަންތައްތައް ކުރުމުގެ އަނދިރިކަމުގެ ތެރޭގައި) އެ ނަފްސު ވަޅުލައިފި މީހާ ނާކާމިޔާބުވެ، ގެއްލި ހިނގައްޖެއެވެ.” (10-7: 91) މިއާޔަތްކޮޅުގެ މާނައިގެ މައްޗަށް އިތުރަށް ވިސްނާލަމާތޯއެވެ. ޝަރުއީ ހުކުމްތަކުގެ ތެރެއިން އިންސާނީ ފަރުދީ ހަޔާތާއި ގުޅޭބައި ރަނގަޅަށް އެނގި ފަހުމުކޮށްގަތުމަށްޓަކައެވެ.

މިނަންގަތް ހަތަރު އާޔަތުގެ ތެރެއިން ފުރަތަމަ ދެ އާޔަތް އިޝާރަތް ކުރަނީ އިންސާނާ އުފެދިފައިވާ ގޮތުގެ މައްޗަށެވެ. އާދެ، އިންސާނާގެ ނަފްސު، އެ ބައިތަކުގެ މައްޗަށް އުފެދިގެންވާ ބައިތަކަށެވެ. އޭނާގެ ކިބައިގައި ޖިސްމާނީ ބޭނުންތަކާއި އެދުންތައް، ޖަޒުބާތުތަކާއި އަދި ޒިހުނީ (އިންޓަލެކްޓުއަލް) ބާރު ވެސް ލެއްވިފައިވެއެވެ. އަދި، އަޚުލާގީ ގޮތުން އިންސާނީ ނަފްސު ފޭލިވެދަނީ ކިހިނެއްކަމާއި އަދި ހަމަ އެގޮތުން އޭނާ ކުރިއަރައިދަނީ ކިހިނެއްކަން ވެސް ފަހު ދެ އާޔަތުގައި ބަޔާންކުރެވިފައި ވެއެވެ. قد أفلح من زكاها، وقد خاب من دساها. ހަމަކަށަވަރުން، އެ ނަފްސު ތާހިރުކަން މަތީ ދެމެހެއްޓުމުގެ މަސައްކަތުގައި ދެމިހުރެއްޖެ މީހާއަށް ކާމިޔާބު ލިބިއްޖެއެވެ. އަދި، ހަމަކަށަވަރުން، (ހުތުރު ކަންތައްތައް ކުރުމުގެ އަނދިރިކަމުގެ ތެރޭގައި) އެ ނަފްސު ވަޅުލައިފި މީހާ، ހަމަކަށަވަރުން ވެސް ނާކާމިޔާބުވެ، ގެއްލި ހިނގައްޖެއެވެ، މި ދެއާޔަތުގައެވެ.

މަތީގައި ބަޔާންކުރެވުނު، އައްޝަމްސު ސޫރަތުގެ ހަތަރު އާޔަތުގެ މާނައިގެ މައްޗަށް ވިސްނާލުމުން، އިންސާނާ އުފެދުމުގައި، އޭނާގެ ކިބައިގައި ހެވާއި ނުބައި، ރަނގަޅާއި ނުރަނގަޅު، ވަކިކޮށް ދެނެގަތުމުގެ ބާރު އޭނާއަށް ލިބިފައިވާކަން ދޭހަވެއެވެ. ދޮގު ހެދުމާއި ވައްކަންކުރުމާއި، ޚިޔާނަތްތެރިވުމަކީ ނުބައި ކަންކަން ބުނެދީ ދަސްކޮށް ނުދިނަސް، މިކަންކަމީ ނުބައި ނުރަނގަޅު ކަންކަން އޭނާއަށް އެނގެއެވެ. އެފަދަ ކަންކަން އޭނާ ކުރިކަމުގައި ވިޔަސް ވެހެވެ. ހަމަ އެހެންމެ، ތެދުބުނުމާއި އަމާނަތްތެރިވުމާއި އެހެން މީހުންގެ ހައްގުތަކަށް އަރައިނުގަތުމަކީ ރަނގަޅު ގޮތްކަން، އޭނާއަށް ކިޔައިދީ ބުނެނުދިނަސް، އޭނާއަށް އެނގެއެވެ. އޭނާގެ ޒަމީރު، (ކޮންޝަންސް،) އޭނާގެ ކިބައިގައި ލެއްވިފައިވާ މިކަންކަން ދެނެގަތުމުގެ ބާރު، މެދުވެރިކޮށެވެ.

އާދެ، އިންސާނާގެ ކިބައިގައި ލެއްވިފައިވާ މި ނަންގަތް ހެޔޮކަންތައްކުރުމުގެ އެކަށޭނަކަމާއި އަދި ނުބައިކަންތައް ކުރުމުގެ އެކަށޭނަކަމަށް އިޝާރަތްކޮށް އިންސާނީ ހާލަތޭ (‘ހިޔުމަން ކޮންޑިޝަން’އޭ) ކިޔެއެވެ. ކޮންމެ ޒަމާނެއްގައި އަދި ކޮންމެ ތަނެއްގައި އުޅުނު ކަމުގައި ވިޔަސް، އިންސާނާގެ މި ހާލަތަކަށް ބަދަލެއް ނާދެއެވެ. ޝަރީއަތުގެ ފަރުދީ ހުކުމްތައް ގުޅެނީ މި ހާލަތާއެވެ. އާދެ، ފަރުދީ ހުކުމްތަކުގެ ސިޔާގަކީ (ކޮންޓެކްސްޓްއަކީ) އިންސާނީ މި ހާލަތެވެ.

ޝަރީއަތުގެ މިބަޔާ ބެހޭ ގުޅޭ ހުކުމްތައް ގުޅެނީ ފިގުހުގައި އަޅުކަމުގެ ނަމުން ނަންދެވިފައިވާ ބައެއް ކަންތައްތަކާއި އަދި ހަރާމް ހަލާލުގެ ކަންތައްތަކާއެވެ. ނަމާދުކުރުމާއި ރޯދަހިފުމާއި ހައްޖުވުން ފަދަ އަޅުކަންކަމެވެ. އަދި ކީރިތި ގުރުއާނުގައި ނުވަތަ ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާގެ ސައްހަ ހަދީސްފުޅުން ސާފު ސަރީހަ އިބާރާތުން ހަރާންކުރެވިފައިވާ ކަންތައްތަކެވެ. ‘ސާފު ސަރީހަ’ އިބާރާތުންނޭ މި ނަންގަތީ އެފަދަ އިބާރާތްތައް އިތުރަށް މާނަކޮށް ބުނެދޭން ނުޖެހޭފަދަ އިބާރާތްތަކުން އޮތުމެވެ. މިސާލަކަށް ‘ހަރާން ކުރެވިގެން ވެއެވެ’ ނޫނީ ‘ނަހީ ކުރެވިގެން ވެއެވެ’ މިފަދަ އިބާރާތަކުންނެވެ. މިކަން ފާހަގަކޮށްލަން ބޭނުންވަނީ ހަރާންކަންތަކުގެ ދާއިރާ ވަކިގޮތަކަށް ކަނޑައެޅިފައިވާއިރު، މި ދާއިރާ ފުޅާކުރުން ވެސް ދީނީ ފިކުރު ހަރުކަށިވުމާ ގުޅޭތީއެވެ. މިކަމާ ބެހޭ އިތުރު ތަފްސީލު ފަހުން ގެނެވޭނެއެވެ.

ޝަރީއަތުގެ ފަރުދީ ހުކުމްތަކުގެ މަގުސަދު

ޝަރީއަތުގެ ފަރުދީ ހުކުމްތައް، އާދެ، އަޅުކަމުގެ މަގުސަދާއި ހަރާންކުރެވިފައިވާ ކަންތައްތައް ހަރާންކުރެވިފައިވަނީ ކީއްވެގެންކަމުގެ މައްޗަށް އަވަސް ނަޒަރެއް ހިންގާލަން ގަސްދުކުރަމެވެ.

ޝަރީއަތުގެ ފަރުދީ ބައިގައި ހިމެނޭ އަޅުކަމުގެ މަގުސަދަކީ ފަރުދީ އިސްލާހެވެ. މަތީގައި ނަންގަނެވުނު އައްޝަމްސު ސޫރަތުގެ އިބާރާތް ބޭނުންކުރާނަމަ، ‘ނަފްސު ތާހިރު’ކުރުމެވެ. (قد أفلح من زكاها  ހަމަކަށަވަރުން، އެ ނަފްސު ތާހިރުކަން މަތީ ދެމެހެއްޓުމުގެ މަސައްކަތުގައި ދެމިހުރެއްޖެ މީހާއަށް ކާމިޔާބު ލިބިއްޖެއެވެ.) މިސާލަކަށް ނަމާދުގެ މައްޗަށް ބަލައިލަމާ ހެއްޔެވެ. ނަމާދަކީ ހަރަކާތްތަކަކާއި ކިޔުންތަކެއްގެ މައްޗަށް އެކުލެވޭ އަޅުކަމެކެވެ. ނަމާދުގެ ‘ސޫރަ’ ނުވަތަ ‘ސިފަ’އަކީ މިއެވެ. ނަމާދުގެ މަގުސަދަކީ މުއުމިނާ މާތްކަލާނގެއާ ގުޅުވާލުމެވެ. މުއުމިނާއަކީ މާތްކަލާނގެއަށް އީމާންވާ މީހެއްކަން އޭނާއަށް ހަނދާންކޮށްދީ، މިކަމުން އޭނާގެ ނަފްސު، އަބަދުމެ، ހޭލައްވާފައި ބެހެއްޓުމެވެ. އަދި، މި ގުޅުމާއި ހޭލުންތެރިކަމުގެ އަލީގައި ހެޔޮގޮތުގައި އޭނާގެ އަމަލުތައް ބެހެއްޓުމަށް މަސައްކަތްކުރުމެވެ. މި ވާހަކަ އަލްއަންކަބޫތު ސޫރަތުގެ 45 ވަނަ އާޔަތުގައި ބަޔާންކުރެވިފައިވެއެވެ. “… وأقم الصلاة إن الصلاة تنهى عن الفحشاء والمنكر ولذكر الله أكبر….”، “…އަދި، ކަލޭގެފާނު (މުހައްމަދުގެފާނު) ނަމާދު ގާއިމު ކުރައްވާށެވެ. އެހެނީ ނަމާދަކީ ހަމަކަށަވަރުން، (ޒިނޭކުރުންފަދަ ހަޑިހުތުރުކަން ބޮޑުވެގެންވާ) ފާހިޝް ކަންކަމުންނާއި، (އިންސާނާގެ ސަލާމަތް ބުއްދިވެސް، އެއީ ނުބައި ކަންތައްތަކެއް ކަމުގައި ބުނެދޭ، މީހުންމެރުމާއި ވައްކަންކުރުމާއި، ފޭރުންފަދަ، ނުބައިކަން ބޮޑުވެގެންވާ)، މުންކަރާތްތައް ހުއްޓުވައި (އެކަންކަމުން ދުރުހެލިވުމަށް، އެހީވެދޭ) ކަމެކެވެ. އަދި (ނަމާދު މެދުވެރިކޮށް މާތް)ﷲ މަތީން ހަނދުމަކުރުން އެއީ އެންމެ މޮޅުއިތުރު ވެގެންވާ ކަމެވެ….” (އަލްއަންކަބޫތު 45.) ނަމާދު ކުރުން ފަދަ އަޅުކަން، އެކަން ކުރަން އޮންނަ ސޫރައިގައި ކުރުމުގެ އިތުރުން، ދެންމެ މިނަންގަތް އެކަމުގެ މަގުސަދު ހާސިލު ކުރުމަށް ވެސް މަސައްކަތްކުރަން ޖެހެއެވެ. އަޅުކަމުގެ ސަބަބުން ތިމާގެ ނަފްސަށް ލިބުން އެދެވޭ ރޫހާނީ ދިރުމަކާއި ކުރިއެރުން ލިބި، އަޅުކަން ފުރިހަމަވެ ދިޔުމަށްޓަކައެވެ.

ޝަރީއަތުގެ މިބައިގައި ހިމެނޭ ހަރާންކަންތައް ހަރާންކުރެވިފައިވުން ގުޅެނީ ފަރުދީ ގެއްލުމާއެވެ. މިސާލަކަށް މަސްތުވާތަކެތި ހަރާންކުރެވިފައިވަނީ ކީއްވެގެންތޯ ބައްލަވާލައްވާށެވެ. މިކަމުގެ މައްޗަށް އަލިއަޅުވާލައި ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައިވަނީ ރަލުގައި ގެއްލުމާއި ފައިދާ ވެސް ހުރިކަމެވެ. ނަމަވެސް، އެކަމުގެ ގެއްލުން މާބޮޑު ކަމެވެ. (އަލްބަގަރާގެ 219 ވަނަ އާޔަތް ބައްލަވާލައްވާ.) މިއާޔަތުގައި، ރާ (ޚަމްރު) ބޭނުންކުރެވިފައިވަނީ ބުއްދި ފިލުވާލައިދާ ކޮންމެއްޗެއްގެ މާނައިގައިކަން ހަނދާނުގައި ބަހައްޓަން ޖެހެއެވެ. އެއީ ދިޔާ ނުވަތަ ހިކި އެއްޗެއް ކަމުގައި ވިޔަސް ވެހެވެ. މަސްތުވާތަކެތީގައި ހުރި ގެއްލުމުގެ ހަގީގަތް ދެނެގަންނަން ބޭނުން ނަމަ، ރާއްޖޭގައި މަސްތުވާތަކެތީގެ ސަބަބުން ހަލާކުވެފައިވާ ޒުވާން ޖީލުގެ މަތިން ހަނދާންކޮށްލައްވާށެވެ. ޖަލުގައްޔާއި އަދި މިކަމަށް ފަރުވާދޭ މަރުކަޒުތަކުގައްޔާއި އަދި، ޚުދް، މަގުމަތިން ފެންނަ، މި ވަބާގެ އަސަރުގައި ޖެހިފައި ތިބި މީހުންނަށް ބައްލަވާލައްވާށެވެ. މީގެ އިތުރުން، މި ކަމާ ގުޅިފައިވާ ވައްކަމާއި ފޭރުމާއި މީހުން މެރުމުގެ ހާދިސާތައް މަތިން ހަނދާންކޮށްލައްވާށެވެ. ހަމަ ގައިމު ވެސް، މިވަބާގައި ޖެހިފައި ތިބި ގިނަ ބަޔަކު މިކަމުން ސަލާމަތްވުން އެދޭނެއެވެ. ނަމަވެސް، މިކަން ވަނީ ވަރަށް ވެސް އުނދަގޫ ދަތި ކަމަކަށެވެ. މިކަމުން، މަސްތުވާތަކެތީގެ ހުރި ގެއްލުމުގެ ބޮޑުކަން ވަރަށް ރަނގަޅަށް އެނގި ސާފުވެއެވެ.

މިތަނުގައި، ދެން، ފާހަގަކޮށްލަންޖެހޭ މުހިއްމު ނުކުތާއެއް އެބައޮތެވެ. ރަނގަޅާއި ނުރަނގަޅު ވަކިކުރުމުގެ ބާރު އިންސާނާއަށް ލިބިގެން ވިޔަސް، މުއުމިނާއަށް ވެސް ކުށް ކުރެވިދާނޭކަން ކީރިތި ގުރުއާން ގަބޫލުކުރެއެވެ. މިނަންގަންނަ، އައްނިސާ ސޫރަތުގެ 28 ވަނަ އާޔަތުގައި އިޝާރާތްކުރެވިފައިވާ ފަދައިންނެވެ. وخلق الإنسان ضعيفا ‘އަދި އިންސާނާ އުފެދިފައިވަނީ، (އޭނާގެ ކުރިމައްޗަށް އޭނާ އެދުންތައް ހުށަހެޅޭ ހިނދު،) ބަލިކަށި މީހެއްގެ ގޮތުގައެވެ’. އެހެންވެ، މުއުމިނާއަށް ކުށްފާފަކުރެވޭ ހިނދު އިސްތިޣުފާރުކޮށް ތައުބާވުން ޝަރުއުކުރެވިފައިވެއެވެ. އާދެ، ފާފަފުއްސެވުމަށް އެދި މާތްކަލާނގެއަށް ދަންނަވައި އެކަލާނގެ ކިބަފުޅަށް އަލުން ރުޖޫއަވުން ޝަރީއަތުގައި ކަނޑައެޅިފައިވެއެވެ. މިކަން ހަނދާންކޮށްލަން ޖެހެނީ، ދީނީ ހަރުކަށި ފިކުރުގައި، ކުށްފާފައަށް އަރައިގަތުމަކީ، ބައެއް ފަހަރު، މުއުމިނާ ކާފިރަކަށްހަދައި، ދީނުން ބޭރުކުރާކަމަށްވާތީއެވެ.

އާދެ، ކުރިން ވެސް ނަންގަތް ފަދައިން، ޝަރީއަތުގެ ހުކުމްތަކުގެ ތެރެއިން މިބަޔާންކުރެވުނު ބައި ގުޅެނީ އިންސާނާގެ ފަރުދީ ވުޖޫދާއެވެ. އެބައިގައި ހިމެނޭ ހުކުމްތައް އަމާޒުވަނީ މަތީގައި ބަޔާންކުރެވުނު އިންސާނީ ހާލަތާއެވެ. އާދެ، އެ ހުކުމްތަކުގެ ސިޔާގަކީ މިއެވެ. އެހުކުމްތަކުގެ މަގުސަދަކީ، މަތީގައި ބަޔާންކުރެވުނު ފަދައިން އަމިއްލަ ނަފްސު އިސްލާހުކުރުމެވެ. މިކަން ކުރުމުގެ ޒިންމާ ނަގަންޖެހެނީ މުއުމިނާއެވެ. މާތްކަލާނގެއަށް އީމާންވާ މީހާއެވެ. މަތީގައި ބަޔާންކުރެވުނު އިންސާނީ ހާލަތަކީ ޒަމާނާއި ތަނަށް ބަލައި، ބަދަލުވާނޭ ހާލަތެއް ނޫނެވެ. އެހެންކަމުން، އެ ހާލަތާއި ގުޅޭ ހުކުމްތަކެއް ވެސް ބަދަލެއް ނުވާނެއެވެ.  އެ ހުކުމްތަކުގެ ސޫރަ ނުވަތަ ސިފައަކަށް ބަދަލެއް ނުގެނެވޭނެއެވެ. އެހެންވެ، ޝަރީއަތުގެ މިބައި ބެލެވެނީ ޝަރީއަތުގެ ޚާލިސް ދީނީ ބައި ކަމުގައެވެ. މިބައިގައި ހިމެނޭ ކަންކަން، އެކަން ކުރަން އޮންނަ ސިފައިގައިކޮށް، އަދި އެކަންކަމުގެ މަގުސަދު ވެސް ހާސިލުކޮށް، މާތްކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރެވޭ ކަންތައްތަކެއްގެ ގޮތުގައެވެ.

ޝަރީއަތުގެ މުޖުތަމައީ ހުކުމްތަކާއި އޭގެ ސިޔާގު

ޝަރީއަތުގެ ހުކުމްތަކުގެ ދެވަނަ ބައި ގުޅެނީ މުޖުތަމައުގެ ކަންކަން ހިންގައި އިންތިޒާމުކުރުމާއެވެ. އާދެ، އިންސާނީ ވުޖޫދުގެ މުޖުތަމައީ ބަޔާއެވެ. ޝައްކެއްނެތް ގޮތުގައި، ހެޔޮލަފާ، މުއުމިނު އަފުރާދުންތަކެއް އުފެއްދުމުގެ އިތުރުން، ވަކި ކަހަލަ ސިފަތަކެއް ލިބިގެންވީ މުޖުތަމައެއް ބިނާކުރުމަކީ ކީރިތި ގުރުއާނުގެ ދެވަނަ ލަނޑުދަނޑިކަމުގައި ހިމެނެއެވެ. އާދެ، ކީރިތި ގުރުއާން ބޭނުންވަނީ އެ މުޖުތަމައުގެ އަފުރާދުންގެ މެދުގައި ހަމަހަމަކަމާއި އަދުލުވެރިކަން އޮތް މުޖުތަމައެއް ބިނާކުރުމަށެވެ. މިކަމަށް އިޝާރަތްކޮށް، އަލްހުޖުރާތު ސޫރަތުގެ ތޭރަވަނަ އާޔަތުގައި އައިސްފައިވެއެވެ. يا أيها الناس إنا خلقناكم من ذكر وأنثى وجعلناكم شعوبا وقبائل لتعارفوا إن أكرمكم عند الله أتقاكم… (އޭ މީސްތަކުންނޭވެ! އަންހެނަކާއި ފިރިހެނަކު މެދުވެރިކޮށް، ތިމަންރަސްކަލާނގެ ތިޔަބައި މީހުން އުފައްދަވައި، އެއްބަޔަކު އަނެއްބަޔަކަށް އެނގި ތައާރުފުވުމަށްޓަކައި، ގައުމުތަކާއި ގަބީލާތަކުގެގޮތުގައި ތިޔަބައި މީހުން ލެއްވެވީމުއެވެ. ހަމަ ކަށަވަރުން، ތިޔަބައި މީހުންގެ ތެރެއިން، އެންމެ މާތް ބަޔަކީ ހެޔޮލަފާ (ތަގުވާވެރި) މީހުންނެވެ…) މުޖުތަމައެއް ‘އިސްލާމީ’ވެގެންދާ ފުރަތަމަ ސިފައަކީ އެ މުޖުތަމައުގެ އަފުރާދުންގެ މެދުގައި ހަމަހަމަކަން އޮތުމެވެ. ވާހަކަ ދައްކާ ބަހާއި ބަހުރުވަ، ނިސްބަތްވާ ރަށް، މީހާގެ ކުލައާއި ނަސަބާއި މަގާމު، އަދި މިނޫން ވެސް ބައެއްގެ މެދުގައި ތަފާތުކުރުންތައް އެފަދަ ކަންކަމުގެ މައްޗަށް ބިނާވެދާނެ އެއްވެސް ކަމަކަށް ބެލުމެއް ނެތި، ހަމައެކަނި އެމީހުންގެ އިންސާނިއްޔަތުކަމުގެ މައްޗަށް ރިއާޔަތްކޮށް މުޖުތަމައުގެ ހުރިހާ އަފުރާދުންނަކީ ވެސް ހަމަހަމަ ބައެއްގެ ގޮތުގައި ބެލެވިގެންނެވެ. ސަލާމާ ސަލަވާތްލެއްވި އިތުރު ރަސޫލާގެ ބައެއް ހަދީސްފުޅުން ވެސް މި މާނައަށް ބާރުލިބެއެވެ. “لا فضل لعربي على أعجمي ولا لأعجمي على عربي ولا لأبيض على أسود ولا لأسود على أبيض إلا بالتقوى، وكلكم لآدم وآدم من تراب”. “އަރައްބަކު އަރަބި ނޫން މީހަކަށް ވުރެ، މޮޅު އިތުރުވެގެން ނުވެއެވެ. އަދި އަރަބި ނޫން މީހަކު އަރައްބަކަށް ވުރެ މޮޅު އިތުރުވެގެން ނުވެއެވެ. ދޮން މީހަކު ކަޅު މީހަކަށް ވުރެ މޮޅު އިތުރުވެގެން ނުވެއެވެ. އަދި ކަޅު މީހަކު ދޮން މީހަކަށް ވުރެ މޮޅު އިތުރު ވެގެން ނުވެއެވެ. ތަގުވާވެރިވެރިކަމާ ހެޔޮލަފާވެގެން މެނުވީއެވެ. ކަލޭމެންގެ ތެރެއިން ކޮންމެ މީހަކީ ވެސް އާދަމުގެ ދަރިފަސްކޮޅުން އައިސްފައިވާ މީހެކެވެ. އާދަމުގެފާނު އުފެދިފައިވަނީ މަށީންނެވެ.”

ހަމަހަމަކަމުގެ އިތުރުން، އިސްލާމީ ދެވަނަ މުޖުތަމައީ ސިފައަކީ އަދުލުވެރިކަމެވެ. ކީރިތި ގުރުއާނުގެ މުޖުތަމައީ ހުކުމްތަކުގެ މައި މަގުސަދުތައް ގުޅިފައިވަނީ އަދުލުވެރިކަމާއިކަން ބަޔާންކޮށްދީ އައްނަހުލު ސޫރަތުގެ 90 ވަނަ އާޔަތުގައި އައިސްފައިވެއެވެ. إِنَّ اللَّـهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَىٰ وَيَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ وَالْبَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ “ހަމަކަށަވަރުން (އީމާންވީ މީސްތަކުންނަށް މާތް) ﷲ އަންގަވަނީ އަދުލުވެރިވުމަށާއި (އެހެން މީސްމީހުންނަށް) އިހުސާންތެރިވުމަށާއި ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުކޮށް އުޅުމަށެވެ. އަދި އެކަލާނގެ (ކަލޭމެންނަށް) މަނާ ކުރައްވަނީ ފާޙިޝް ކަންތައްތަކާއި (އެބަހީ ޒިނޭ ކުރުން ފަދަ ހުތުރުކަން ބޮޑު ފާފަތަކާއި) މުންކަރާތުތަކާއި (މީހުން މެރުމާއި ވައްކަން ކުރުމާއި ފޭރުން ފަދަ ނުބައިކަން ބޮޑުވެގެންވާ ކަންތައްތަކާއި) އަދި (އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ މައްޗަށް) އަނިޔާވެރިވުމެވެ. (މާތް)ﷲ ތިޔަބައި މީހުންނަށް ނަސޭހަތްތެރިވެ ބާރު އަޅުއްވަނީ، ތިޔަބައިމީހުންގެ ހިތްތަކުގައި (މިކަންކަން) ހަރުކޮށްލުމަށްޓަކައެވެ. (ނުނިމޭ )

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top