ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދުގެ ކަންބޮޑުވުމަކީ މިއީ އެވެ. ކޮވިޑް ޓެސްޓަށް ރެންޑަމް ސާމްޕަލް ދިނުމުގައި ރައްޔިތުންގެ ފަރާތުން އެއްބާރުލުން ނުލިބުމެވެ. ރަށު ކައުންސިލުގެ ވެސް ކަންބޮޑުވުމަކީ އެއީއެވެ.
އެހެންވެ މިހާރު ހޮސްޕިޓަލް ޓީމް ރެންޑަމް ސާމްޕަލް ހޯދަނީ ގޭގެއަށް ޒިޔާރަތް ކޮށްގެންނެވެ.
ކޮވިޑް އާއި ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް މި ދެމުވައްސަސާ ގުޅިގެން ވަރުބަލި ވުމެއްނެތި ކުރާ ބުރަ މަސައްކަތަށް ސާބަހެވެ.
ސާމްޕަލް ދިނުމަކީ އެމީހާ އަކީ ކޮވިޑުން ސަލާމަތްވެފައިވާ މީހެއްކަން އަންގައިދޭ އެންމެ ސާފު ހެއްކެވެ. މުޖްތަމައަށް ތިމާގެ ފަރާތުން ކޮވިޑް ފެތުރުމުގެ ފުރުސަތެއް ނެތްކަމުގެ ޔަގީންކަން ދެވެން އޮތް ހަމައެކަނި ގޮތެވެ. ދެން ކީއްވެގެން ހެއްޔެވެ؟
“ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮވެ ސާމްޕަލް ދީގެން ފަހަރުގައި ޕޮޒިޓިވް ވެއްޖެނަމަ 14 ދުވަސް ކަރަންޓީނު ވާން ޖެހިދާނެތީވެ ނުދެނީ.” މެނޭޖަރު، ގަބޫލު ކުރައްވާ ގޮތަކީ މިއެވެ.
އެހެންނަމަވެސް ރަށް މިހާރު އޮތް ހާލަތުން އާދައިގެ ހާލަތަށް ބަދަލުވާން ނުވަތަ ކާފިއު އިން ސަލާމަތް ވާން އޮތް އެންމެ ފަސޭހަ މަގަކީ ރެންޑަމްކޮށް ނެގޭ ގިނަ ސާމްޕަލުން ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
“ކޮމިއުނިޓީ ސްޕްރެޑެއް އޮތުމަކީ އެކަކުވެސް ބޭނުންވާނެ ގޮތެއް ނޫން. އެހާލަތު ބަދަލުވާން އެންމެންވެސް ބޭނުންވަނީ. އެކަމަކު ކޮވިޑް އޮތްް މިންވަރު ވަޒަންކުރެވޭ މިންގަނޑަކީ ރެންޑަމް ސާމްޕަލް. އެހެންވެ މިދުވަސްވަރު ވީހާވެސް ގިނައިން ސާމްޕަލް ނެގޭތޯ މި ބަލަނީ.” މެނޭޖަރު އިތުރު ކޮށްލެއްވި އެވެ.
ސާމްޕަލް ނުދިނުމުން ދިމާވެދާނެ ބިރުވެރި އިންޒާރެއްގެ ގޮތުގައި އޭނާ ފާހަގަ ކުރައްވަނީ ކޮވިޑްއަށް ފައްސިވެފައިވާ ބަޔަކު ރަށުގައި ރަސްމީ އިދާރާތަކަށް ނޭނގި އުޅެފާނެ ކަމަށެވެ.
މިކަމުގެ ހެއްކަކަށް ދެއްކެވީ ރޯގާ ޖެހިގެން ބޭސް ފިހާރަ ތަކުން ބޭސް ނަގާ މީހުންގެ އަދަދު ގިނަވަމުން ދިއުމެވެ.
”ރޯގާގެ އަލާމާތްތައް ފެންނަނަމަ ފުލޫ ކްލިނިކަށް ދެއްކުމަކީ އެންމެ ރައްކާތެރި ގޮތް. އަދި އެކަން ކުރަން އޮންނަ ގޮތްވެސް މެ.”
އެހެންކަމުން ބޭސް ފިހާރަތަކަށްގޮސް ބޭސް ނެގުމުގެ ބަދަލުގައި ޑޮކްޓަރަށް ދެއްކުމަށް އޭނާ އެދިވަޑައިގަތެވެ.
ރޯގާގެ އަލާމާތްތައް ފެނިގެން ނުވަތަ ހުން އައިސްގެން ބޭސް ފިހާރައިން ބޭސް ނަގަނީ ސާމްޕަލަށް ފިލަން ވެގެންނެވެ. ކުރިންވެސް ދެންނެވިހެން ކަރަންޓީނު ވާން ބޭނުން ނުވާތީއެވެ. އެކަން އެނގެނީ އެފަދަ މީހުންގެ ވާހަކަ އިންނެވެ.
“ވަރަށް ބޮޑަށް ރޯޖާ ޖެހިފަ މިހިރީ. މިހާރު ސާމްޕަލް ނެގިޔަސް ހީވަނީ ފައްސިވާނެހެން. ކުޑަ ދަރިފުޅުވެސް ވަރަށް ހުންގަދަ. އެކަމަކު ފުލޫ ކްލިނިކަށް ދައްކައިގެން ޕޮސިޓިވް ވެއްޖެނަމަ 14 ދުވަސް ގޭގައި ބަންދުވީ. ބޭސް ފިހާރައިން ބޭސް ނަގައިގެން މިއުޅެނީ. ” ތިން ދަރިންގެ މަންމައަކު އޭނާގެ ހާލަތު ކިޔައިދިނެވެ.
ފުލޫ ކްލިނިކަށް ދައްކަން އޭނާ ބޭނުން ނުވަނީ ގޭގައި އެންމެން އެއްކޮށް ކަރަންޓީނު ވާން ޖެހިދާނެތީއެވެ. ކޮންމެހެން ބޭނުންވާ އެއްޗެއް ގަނެދޭނެ ނޫނީ ތަނަކަށް ދާން ވިޔަސް ދެވަނަ މީހަކުވެސް ނެތުމާއެކުއެވެ. “ފިރިމިހާ ހުރީ ރިސޯޓެއްގައި. ގޭގައި ދަރިންނާއެކު ކަރަންޓީނު ކޮށްފިނަމަ އެންމެ ކުޑަމިނުން ދަރިންނަށް ކާއެތި ކޮޅެއް ގަނެވޭނެ ގޮތެއްވެސް ނޯންނާނެ.” އެމީހާ ބުނަނީ މިއީ ގޯސްކަމެއް ކަމަށް ވިޔަސް މިނޫން ގޮތެއް ނެތީ ކަމަށެވެ.
ސާމްޕަލް ދޭން ދެކޮޅުހަދާ އަނެއް ބައެއްގެ ޝަކުވާއަކީ ހަމައެކަނި ކަރަންޓީނު ގެ މުއްދަތު 14 ދުވަސް ފުރިހަމަ ކުރުމެއްވެސް ނޫނެވެ. އިތުރު 14 ދުވަހަށް ކަރަންޓީނު މުއްދަތު ދިގުދެމިގެން ދިއުމެވެ.
”ނުދޭނެ ދޯ ބައެއް މީހުންނަށް 28 ދުވަސް ޖަހަންޏާ. ނެގެޓިވް ވިޔަސް 14.” ރެންޑަމް ސާމްޕަލް ނުދޭ މައްސަލައިގާ ވާހަކަ ދައްކަމުން އަންހެނަކު އެފްބީގައި ކޮށްފައިވާ ކޮމެންޓެއްގައި ބުންޏެވެ.
އޭނާގެ މިކޮޮމެންޓަށް އިތުރު ބަޔަކު ލައިކް ކޮށްފައިވެސް ހުއްޓެވެ.
“އަހަރެންގެ ގެއިން މީހަކު ފައްސިވެގެން ގޭގައި ކަރަންޓީނުވީ އެންމެން އެކުގައި. އިތުރު މީހަކު ފައްސި ނުވާނަމަ 14 ދުވަސް ވުމުން އެންމެންވެސް ދޫކޮށްލާނެ ކަމަށް. އެކަމަކު 14 ދުވަހަށްފަހު ދޫކޮށްލީ ހަމައެކަނި ޕޮޒިޓިވް ވީ މީހާ. ދެން ތިބި މީހުން މި ޖެހުނީ އިތުރު 14 ދުވަސް އަނެއްކާވެސް ގޭގައި ތިބެން ކަރަންޓީނުގައި.” 14 ދުވަހުގެ ދެ ބުރު ކަރަންޓީނުގައި ހުންނަން ޖެހުމުން އޭނާގެ އުދާސްތައް ބޭރުކޮށްލިއެވެ.
އޭނާ ކުށްވެރިކުރީ ހޮސްޕިޓަލެވެ.
“ކީއްވެ ކަރަންޓީނު ކުރި ފުރަތަމަ ދުވަހު މިކަން އޮންނަގޮތް ސާފުކޮށް ކިޔައި ނުދޭންވީ.؟ ޕޮޒިޓިވް ވި މީހާ ގޭގައި ހުންނަން ޖެހޭނީ ވަކިންނޭ އެދުވަހު ބުނިނަމަ އެގޮތަށް ކަންތައް ކުރާނެ.” އެމީހާ ޝަކުވާތައް އޮއްސާލިއެވެ.
އޭނާ ބުނީ އެންމެ މީހަކު ގެއިން ޕޮޒިޓިވްވުމުން ހޮސްޕިޓަލުން ލަފާ ދީފައިވަނީ ”ދެން އެންމެ ރަނގަޅުވާނީ އެންމެން އެކުގައި ކަރަންޓީނު ވުން” ކަމަށެެވެ.
“އެހެންވެ އެންމެން އެކުގައި ތިބީ. އެެހެން ނޫންނަމަ ބަލިމީހާ ހުންނާނީ ވަކިން” އޭނާ ތަފްސީލު ކޮށްދިނެވެ.
އެކަމަކު ހޮސްޕިޓަލުން އެހެން ބުނެފާނެ ބާއެވެ.؟
ކޮވިޑަށް ފައްސިވެއްޖެނަމަ އެއް ގެއެއްގައިބވިޔަސް އެމީހާ ހުންނަންޖެހޭނީ އެހެން މީހުންނާ ވަކިން އެކަހެރި ކުރެވިފައިކަން އެނގެން ޖެހޭނެއެވެ. މި ފަދަ ހައްސާސީ ކަމެއް ދިމާވުމުން ރަނގަޅަށް އޮޅުން ފިލުވުމަކީ ކަރަންޓީނުވާ މީހުން އޮޅުންފިލުވަން ޖެހޭނެ ކަމެކެވެ.
މި ”އޮޅުން “އަރައިގެން މި މައްސަލަ މިގޮތަށް މި ނޫން ގޭގައިވެސް ދިމާވެފައި އެބަހުއްޓެވެ. އެއީ ކޮވިޑަށް ޕޮޒިޓިވްވި އެންމެ މީހަކު ހުރި ގެއެއްގައި އެންމެން އެކުގައި ކަރަންޓީނު ވެގެން ތިބުމުންނެވެ.
“މި ގެއިން ޕޮޒިޓިވް ވި މީހާ 14 ދުވަސް ވުމުން ދޫކޮށްލައިފި. އެކަމަކު އަހަރެމެން މިހާރު މިދަނީ އިތުރު 14 ދުވަސް ފުރިހަމަ ކުރަމުން. މިގޭގައި ވަކިން ވަދެ ނުކުމެވޭ ގޮތަށް ކޮޓަރި ހުރި. އެކަމަކު ހޮސްޕިޓަލުން އެހެން ބުނެފައި ނެތީމާ ހީކުރެވިފައި އޮތީ 14 ދުވަސް ވުމުން އެންމެން އެކުގައި ދޫކޮށްލާނެކަމަށް.”
ކޮވިޑަށް ޕޮޒިޓިވް މީހަކު ކަރަންޓީނު ކުރާއިރު އެ ގެއެއްގެ ދޮރުމަތީގައި އިންޒާރުގެ އިއުލާނެއް ހަރު ކޮށްފައި ރީނދޫ ޓޭޕް ހުރަހަށް ދަމާފައި ހުރުމަކުން އެކަނި ނުފުދެއެވެ. އެގޭގެ އަހުލު ވެރިންނަށް ކަރަންޓީނުގެ މައުލޫމާތު ރަނގަޅަށް އޮޅުން ފިލުވައިދޭން ޖެހެއެވެ.
މިއީވެސް ރެންޑަމް ސާމްޕަލް ދިނުމަށް މީހުން ދެކޮޅު ހަދާ ސަބަބެކެވެ. 28ދުވަސް ގޭބަންދުގައި ތިބެން ބޭނުންވާނީ ކާކުހެއްޔެވެ؟
އެހެން ނަމަވެސް ރެންޑަމް ސާމްޕަލް ނެގުމަށް އެއްބާރުލުން ދިނުމަކީ ނުރައްކާތެރި ކޮވިޑް ފެތުރުން ހުއްޓުވުމުގެ ގޮތުން ކޮންމެ ރައްޔިތަކުވެސް އަދާ ކުރަން ޖެހޭ ފަރުދީ ޒިންމާ އެކެވެ. އޭދަފުށީގައި ކޮވިޑް ޖެހިގެން ރަނގަޅުވާ މީހުންގެ އަދަދު މަދުވިޔަސް އަލުން ޖެހޭ މީހުންގެ އަދަދު އަދިވެސް ހުއްޓުމަކަށް ނާދެއެވެ. ރަށުގައި ކޮވިޑް އޮތް މިންވަރު އެނގޭނީ ރެންޑަމް ސާމްޕަލް ނަގައިގެންނެވެ.
ބޭސް ފިހާރައިން ބޭސް ނެގުމަކީ ފަހަރުގައި އެމީހާއަށް ޖެހިފައިވާ ރޯގާއަށް ލުޔެއް ލިބޭ ކަމަކަށް ވެދާނެ އެވެ. ގަބޫލު ކުރައްވާށެވެ! ރޯގާއަކީ ކޮވިޑްގެ އަލާމާތެކެވެ. ޕޮޒިޓިވް މީހަކަށް ވުމުގެ ފުރުސަތު ބޮޑެވެ. އެމީހާގެ ފަރާތުން ރަށު ތެރެއަށް ރޯގާ ފެތުރިގެން ހިނގައިދާނެއެވެ.
ރައްކާތެރި ގޮތަކީ އަދި ފަރުދީ ޒިންމާ އަދާކުރެވިއްޖެ ކަމުގެ ހިތްހަމަޖެހުމާއި ތިމާގެ ފަރާތުން އެހެން މީހަކަށް ކޮވިޑް ނުޖެހޭނެކަން ޔަގީން ކޮށްދިނުމަށް ހޯދަން ޖެހޭ ސެޓްފިކެޓް އަކީ ރެންޑަމްކޮށް ނެގޭ ސާމްޕަލްގައި ބައިވެރިވުމެވެ.
ތިމާއެކޭ އެއްފަދައިން އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް ވިސްނާށެވެ!