ހަމައެކަނި ފުޓްބޯޅަ ޓީމަށް ރައްޔިތުންގެ ފައިސާއިން އެއްލައްކަ ރުފިޔާ ދޭންޖެހޭތަ؟

DSCN07311.jpg

އޭދަފުށީ ފުޓްބޯޅަ ދަނޑު

އަތޮޅުތެރޭގެ ކޮންމެ ހިސާބެއްގައިނަމަވެސް ފުޓްބޯޅައޭ ކިޔައިފިނަމަ ދެން އަންނާނީ އޭދަފުށިގެ ނަމެވެ. އޭދަފުށްޓަކީ ފުޓްބޯޅައިގެ ރީތި ތާޜީޚެއް އޮތް ރަށެކެވެ. ފަޚްރުވެރި ކާމިޔާބުތަކެއްވެސް ހޯދާފައިވާ ރަށެކެވެ. މޮޅު ކުޅުންތެރިން އުފައްދާ ކާރުޚާނާއެކެވެ. މިހާރުވެސް ގައުމީ ޓީމުގެ އެންމެ ހުނަރުވެރި ކުޅުންތެރިންގެ ތެރޭގައި އޭދަފުށީގެ ތިން ކުޅުންތެރިން ހިމެނިފައިވުމީ މީގެ ހެއްކެކެވެ. ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މި އަހަރު ހޯދި އަލީ ފާސިރުއަކީވެސް އޭދަފުށީގެ ފުޓްބޯޅަ ދަނޑުން އުފަންވި ކުޅުންތެރިއެކެވެ.

ފުޓްބޯޅައިގެ މި ބޮޑެތި ކާމިޔާބުތަކުގެ ފަހަތުގައި ވަނީ ރަށު ކައުންސިލެއް ނޫނެވެ. އެކާމިޔާބީއާ ހަމައަށް އައީ ރަށު ކައުންސިލުން ޚަރަދުކޮށްގެންވެސް ނޫނެވެ. އެއީ ހަނަފަސް ސަހަރާއެއްކަހަލަ އެންމެ ވިނަކޮޅެއްވެސް ނެތް އޭދަފުށީގެ މުސްކުޅި ފުޓްބޯޅަދަނޑުގައި  ލިބެން ނުޖެހޭ އެތައް އަނިޔާތަކެއް ލިބިގެން އުފެދިފައިވާ ކުޅުންތެރިންނެވެ. ފުޓްބޯޅަ ދަނޑުގެ ހާލަތު ރަނގަޅުކުރުމަށް ރަށުގެ ޒުވާނުންވަނީ އެކި ފަހަރު އެކި ގޮތަށް އެކި މުނާސަބަތު ތަކުގައި ރަށުކައުންސިލަށާއި ސަރުކާރުގެ ކަމާ ބެހޭ މުވައްސަސާތަކުގެ އިތުރުން ރަށުގެ މުއްސަނދިންނާއި މަޖިލީހުގެ ދާއިރާގެ މެންބަރުންގެ އަރިހަށް ގޮސް “ކުޑަކަކޫ” ޖަހާފައެވެ. އެހެންނަމަވެސް ކުރިއެރުމެއް ނުލިބި އަހަރުތައް ގުނެވެމުން މިއޮއްދަނީއެވެ.

ޒުވާނުންގެ އެންމެ މަގްބޫލު ކުޅިވަރު، ފުޓްބޯޅަ ކުޅުމަށް އޭދަފުށީގައި ހަމައެކަނި އޮތް ދަނޑަކީ ހަގީގަތުގައި ފުޓްބޯޅަ ކުޅެން އެއްގޮތަކަށްވެސް އެކަށީގެންވާ ދަނޑެއް ނޫންކަމަށް މިހާރާއި އެހާރުގެ ކުޅުންތެރިންގެ އިތުރުން މަޝްހޫރު ފުޓްބޯޅަ ކޯޗުންވެސް އެއްބަސްވެއެވެ. މި ދަނޑުގެ ހާލަތު އެންމެ ކައިރިން ފެންނާނީ ރަށު ކައުންސިލަށް ކަމަށްވާއިރު ދަނޑުގެ ހާލަތު ބަދަލުކުރުމަށް ނުވަތަ އާ ދަނޑެއް އޭދަފުށީގެ ލެއާ ގުޅިފައިވާ މި ކުޅިވަރު ކުޅުމަށް ހޯދާދެވިފައި ނުވާކަމީ ރަށު ކައުންސިލް ލަދުވެތިވާންޖެހޭކަމެއް ނޫންހެއްޔެވެ؟

މި ވާހަކަތައް ދައްކަން މި ޖެހެނީ ރަށު ކައުންސިލަކީ ފުޓްބޯޅަދެކެ މާ ލޯބިވާ ބައެއްކަމަށް ދެއްކުމަށް ކުރާ ބޭކާރު މަސައްކަތަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.

ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތްކުރާ ރަށުގެ ޒުވާނުން އިއްތިފާގުވާ އެއްކަމެއް އެބައޮތެވެ. ރަށުކައުންސިލުގެ ހަޔާތުން ވޭތުކުރި ހައަހަރުގެ ތެރޭގައި އޭދަފުށީގައި ފުޓްބޯޅަ ކުރިއެރުވުމުގެ ގޮތުން ކޮށްފައިވާ ހަމަ އެއްވެސް ކަމެއް ނެތްކަމެވެ. ކަން މިހެން ހުރިއިރު މިދިޔަ އަހަރު އަލަށް ތައާރަފުކުރި މިނިވަން 50 ފުޓްބޯޅަ މުބާރާތުގެ ބެލެނިވެރިކަން ރަށު ކައުންސިލަށް ލިބުމާއެކު ކައުންސިލުން އަވަސްވެގަތީ ރައްޔިތުންގެ ފައިސާއިން ޓީމަށް އެއްލައްކަ ރުފިޔާ ދެވޭތޯއެވެ. ފުޓްބޯޅަ ޓީމަށް އެއްލައްކަ ރުފިޔާ ދިނެވެ. ހަމައެއާއެކު މިއަހަރުގެ މިމުބާރާތަށްވެސް އެއްލައްކަ ރުފިޔާ، ފުޓްބޯޅަ ޓީމަށް ދިނުމަށް އިއްޔެ ވަނީ ރަށުކައުންސިލުން ފާސްކޮށްފައެވެ. ސުވާލު އުފެދެނީ މިހާ ހިސާބުންނެވެ.

ހިތަށް އަރާ ފުރަތަމަ ސުވާލަކީ ރައްޔިތުންގެ ފައިސާއިން މިހާބޮޑު އަދަދެއް ދޭން ފާސްކުރުމުގެ ކުރިން ރައްޔިތުންގެ ޚިޔާލެއް ނުވަތަ ލަފާއެއް ހޯދާކަށް ނުޖެހޭ ބާއެވެ. ހަމަގައިމުވެސް މިރަށުގައި މިހާތަނަށް ކޮށްފައިވާ ތަރައްގީގެ އެންމެ ބޮޑު ޕްރޮޖެކްޓްކަމުގައިވާ ބިން ހިއްކުމުގެ ރަސްމިއްޔާތަށް ޚަރަދުކުރުމަށް އެއްލައްކަ ރުފިޔާ ފާސްކުރީ ރައްޔިތުންގެ ވޯޓުންނެވެ.  އެކަމަކު ފުޓްބޯޅަ ޓީމަށް އެއްލައްކަރުފިޔާ ރައްޔިތުންގެ މަޝްވަރާއެއްނެތި އަދި ތރައްޔިތުންގެ ބަހެއް ނެތި ދިނުމަކީ މައްސަލައަކަށް ނުވިޔަސް އެއީ ރަނގަޅު ގޮތްކަމަށް ގަބޫލު ނުކުރާ މީހުން ގިނައެވެ.

ރަށު ކައުންސިލަރަކު ވިދާޅުވީ އެއްލައްކަރުފިޔާ  ބަޖެޓުން ހޭދަކުރަނީ މާލިއްޔަތު ގާނޫނުގައިވާ ގޮތުގެ މަތީން އުފައްދާފައިވާ ޓްރަސްޓް ކޮމިޓީގެ މަޝްވަރާއާއެކު އެކޮމިޓީން ފާސްކޮށްގެންކަމުގައެވެ. އެހެންނަމަވެސް ޓްރަސްޓް ކޮމިޓީގައި ތިއްބެވީ އިއްޔެ އެއްލައްކަ ރުފިޔާ ދިނުމަށް ފާސްކުރި ކައުންސިލަރުންނެވެ.  މި ކޮމިޓީގައި ކުރިން ތިއްބަވަނީ ކައުންސިލްގެ ރައީސް ފިޔަވައި ކައުންސިލަރުން ނޫން ބޭފުޅުންނެވެ. އެބޭފުޅުން އެކޮމިޓިން ވަކި ކުރެއްވިކަން އަދި އެބޭފުޅުންނަކަށް ނާންގަވާ ކަމަށް ކުރިން މި ކޮމެޓީގައި މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވިއެވެ.  މިހާރު ޓްރަސްޓް ކޮމިޓީވެސް މިއޮތީ ކައުންސިލަރުން ބޭނުންވާގޮތަށް ހިލާލެވޭ ފުށްގަނަޑަކަށް ހަދާލާފައެވެ.

ރަށު ކައުންސިލްގެ މި ނިންމުމާމެދު ހިތްހަމަނުޖެހޭ ގިނަ ބަޔަކު އެބަ ތިއްބެވެ. ބޭނުންހާ ގޮތަކަށް ރައްޔިތުންގެ ފައިސާ ތަޅާ ބުރުއްސާކަށް ފުރުސަތެއް ނުދެވޭނެކަމަށް ބުނާ ޒުވާނުންގެ އަދަދުވެސް މަދެއްނޫނެވެ.

ފުޓްބޯޅައިގެ ތަޖްރިބާކާރު އަދި ގައުމީ ޓީމަށް ވެސް ކުޅެފައިވާ އޭދަފުށީގެ ކުޅުންތެރިއަކު ވިދާޅުވީ ރައްޔިތުންގެ ފައިސާއިން އެހާ ބޮޑު ޚަރަދެއް ރައްޔިތުންގެ ބަހެއްނެތި ކޮންމެ އަހަރަކު ކުރުމަކީ ރައްޔިތުންނަށް ވެވޭ ޚިޔާނާތެއް ކަމުގައެވެ. ރަށު ކައުންސިލަކީ ދިރުންގެއްލި އިތުބާރުގެއްލިފައިވާ ތަނަކަށް ވެފައި ރަށުގައި ފުޓްބޯޅަ ކުރިއެރުވުމަށް އެއްވެސް މަސައްކަތެއް އެއްވެސް އިރަކު ކޮށްފައިވާ ބަޔަކަށް ނުވާއިރު ޓީމަށް އެއްލައްކަރުފިޔާ ދީފައި އެފައިސާ ޚަރަދުކުރަން ވެސް ކައުންސިލަރަކާ ހަވާލުކޮށް ޓީމާއެކު ތިމަރަފުށްޓަށް ކައުންސިލްގެ ދެމެންބަރަކު ދިއުމުގެ ބޭނުމާމެދު އޭނާ ސުވާލު އުފެއްދެވިއެވެ.

” ރަށު ކައުންސިލަށް ކީއްވެގެންތޯ ހަމައެކަނި ފުޓްބޯޅަ މުހިއްމުވީ ؟ ކޮބައިތޯ އެހެން ކުޅިވަރުތައް ؟ ބެޑްމިންޓަނުން ރީތިނަން ރަށަށް ހޯދައިދިން ޓީމު އެހީއަކަށް އެންމެ 4000 ރ. ދިނުމަށް އެދުމުންވެސް ނުދިން. ކޮބައިތޯ އޭދަފުށީ ތަމްސީލުކުރާ ބަށި ޓީމް ؟ ކީއްވެގެންތޯ އެޓީމް އެދުމުން ވެސް ޓީމަށް އެހީ ނުވީ ؟ އިހަށްރޭ އެނިމުނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިނާމު ދިނުމުގެ ޖަލްސާ. ރަށުގެ ތައުލީމު ކުރިއަރުވައި މޮޅު ކުދިންނަށް ހިތްވަރު ދިނުމުގައި އެންމެ ކުރީގައި އޮންނަން ޖެހޭނީ ކައުންސިލެއް ނޫންތޯ . ؟  ކީއްވެގެންތޯ ވަނަވަނައަށް އައި ކުދިންނަށާއި ރަށަށް ރީތި ނަން ހޯދައިދޭ ދަރިވަރުންނަށް އިނާމު ނުދޭންވީ ؟ ” އޭނާ ވިދާޅުވީ މިއީ ހައްތާވެސް ރައްޔިތުން ސުވާލު އުފައްދާ ކަންތައް ކަމުގައެވެ.

ރަށު ކައުންސިލުން ފުޓްބޯޅަ ކުރިއެރުވުމަށް އެހީވާން ދެކޮޅުހަދަނީއެއް ނޫނެވެ. ދެކޮޅުވެގެން މި އުޅެނީ ކަންކުރުމުގެ މަގްސަދާމެދުގައެވެ. ނިޔަތާ މެދުއެވެ. ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތްކުރަންވާނީ އެހެން ކަންކަމަށް އިހުމާލުވެފައެއް ނޫނެވެ. މިސާލަކަށް ރަށުގެ ތައުލީމަށް އެހީވުމުގައި އޭދަފުށި ވާން ޖެހޭނީ މިސާލެއްކަމުގައެވެ. ކޮންމެ އަހަރަކުވެސް ބ.އަތޮޅު ތައުލީމީ މަރުކަޒުން ކިޔަވައިގެން ދުނިޔޭގެ ފެންވަރުން ވަނަ ހޯދާ ދަރިވަރުންނާއި މުޅި ރާއްޖެއިން ފާހަގަކުރެވޭ އެތައް ދަރިވަރުންނެއް އެހިޔާވަހިން ނުކުންނައިރު ބ.އަތޮޅު ތައުލީމީ މަރުކަޒުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާއިން އޭދަފުށީ ކައުންސިލްގެ އަޑެއް ނީވުނީ ކީއްވެގެން ހެއްޔެވެ؟ ތައުލީމީ މަރުކަޒުގެ މޮޅު ދަރިވަރުންނަށް އިނާމު ނުދިނީ ކީއްވެގެން ހެއްޔެވެ. ތައުލީމީ މަރުކަޒުގެ އިސް އޮފިޝަލެއް ވިދާޅުވީ މިކަމަށް އިސްވެ އެދުމުންވެސް  ރަށު ކައުންސިލުން ތަރުހީބެއް ނުލިބުނު ކަމުގައެވެ.

އެހެންނަމަވެސް މިހުރިހާ ތުހުމަތުތަކެއް ރަށު ކައުންސިލު މެންބަރަކު ދޮގުކުރެއްވިއެވެ. ކައުންސިލަރު ރިޒާ ވިދާޅުވީ ހަމަޖެހިފައިވާ އުސޫލުގެ މަތިން އެހީއަށް އެދޭ ހުރިހާ ފަރާތްތަކަށްވެސް ވާނީ އެހީވެދީފާކަމުގައެވެ.

އެކަމަކު ބަށި ޓީމަށް އެހީއެއްނުވާ ކަމަށް އެޓީމްގެ އޮފިޝަލަކު ނަން ނުޖެހުމަށް އެދި ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އޭދަފުށީ ކައުންސިލުގައި ވޭތުވެ ދިޔަ ދެއަހަރުވެސް އެހީއަށް އެދިފައިވާނޭކަމަށާއި އެކަމަކު އެއްވެސް އެހީއެއް ނުވާކަމުގައެވެ.

 

ބެޑްމިންޓަން އަކީވެސް އޭދަފުށީގެ ޒުވާނުން ވަރަށް ފަރިތަ ކުޅިވަރަކަށް މިހާރުވަނީ ވެފައެވެ. ރަށަށް އެކުޅިވަރުން ރީތި ނަންވެސް މިހާރު އަންނަނީ ހޯދައި ދެމުންނެވެ. އެހެންނަމަވެސް މުބާރާތް ކުރިއަށް ގެންދަނީ ރަށުން ބޭރުގައި ކަމަށް ވެފައި އެކަމަށް ބޮޑު ޚަރަދެއް ހިނގާތީވެ އެޓީމްގެ ފަރާތުން އެހީއަކަށް އެދުނުކަމަށާއި އެކަމަކު ތަރުހީބެއް ނުލިބުނުކަމަށް ޓީމްގައި ހިމެނޭ ކުޅުންތެރިއަކު ވިދާޅުވިއެވެ.

ފުޓްބޯޅަޓީމަށް އަހަރަކު ރައްޔިތުންގެ ބަޖެޓުން އެއްލައްކަ ރުފިޔާ ހޭދަކުރުމަށް ނިންމުމުގެ ކުރިން އެކުޅުންތެރިންނަށް ފުރަތަމަ ފޯރުކޮށްދޭންވީ ފުޓްބޯޅަ ކުޅޭނެ ދަނޑެއް ނޫންހެއްޔެވެ. އެއަށް ފަހު ކުޅުންތެރިން އުފެއްދުމެވެ. ޒުވާން ކުޅުންތެރިންގެ އަމިއްލަ ހިތްވަރާއި  ރަށުގެ ކްލަބްޖަމިއްޔާތަކުގެ އެހީތެރިކަމާއެކު ރަށުގައި ބާއްވާ މުބާރާތްތަކުގައި ވާދަކޮށްގެން މޮޅުކުޅުންތެރިންތަކެއް އުފެދުމުން ދެން އެކުޅުންތެރިންގެ ކާމިޔާބުގައި ވަލު ދޮރާށިން ވަދެގެން އައިސް  ރަށު ކައުންސިލު ބައިވެރިވުމަކީ ވަރަށް ހުތުރު ކަމެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top