ބ. އަތޮޅު ކައުންސިލުގެ ފަރާތުން މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވަމުން އަންނަ 3ވަނަ ބަށި މުބާރާތް އަންނަ ނޮވެމްބަރ މަހުގެ 11ވަނަ ދުވަހު ފަށާގޮތަށް ނިންމާފައިވާކަމަށް އަތޮޅުކައުންސިލުން ބުނެފިއެވެ.
މި މުބާރާތް ބޭއްވުމުގެ މަގްސަދެއްގައި އަތޮޅު ކައުންސިލުން ބުނީ އަތޮޅުގެ ރަށްތަކުގެ މެދުގައި އެކުވެރިކަން ބަދަހި ކޮށް ކުޅިވަރު އާލާކުރުމާއި އެކުވެރިކަމާއެކު މަސައްކަތްކުރުމުގެ ރޫހު އިތުރުކޮށް ބ.އަތޮޅުގައި “ބަށި” ތަރައްގީކުރުމާއި މުބާރާތްތަކުގައި ވާދަނުކުރެވޭ އަންހެން ކަނބަލުންނަށް އެ ފުރުސަތު ހޯދައި ދިނުން ކަމަށެވެ.
މި ދިޔަ އަހަރު މިމުބާރާތުގައި ހަ ރަށުން ބައިވެރި ވި ކަމުގައި ވީނަމަވެސް މިއަހަރު ބައިވެރި ވެފައިވަނީ ފަސް ރަށުންނެވެ. އެއީ އޭދަފުށި، މާޅޮސް، ހިތާދޫ، ކިހާދޫ އަދި މިދިޔަ އަހަރުގެ ޗެމްޕިއަން ގޮއިދޫ އިންނެވެ.
އަތޮޅު ކައުންސިލުން ބުނީ އެހެން އަހަރުތަކާ ޚިލާފަށް މި އަހަރު މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް 4000ރ. ދިނުމަށް ކައުންސިލުން ނިންމާފައިވާ ކަމުގައެވެ.
ޗެމްޕިއަން ޓީމަށް 25000ރ. އަދި ރަނަރއަޕް ޓީމަށް 15000 ދިނުމަށް ކަނޑައަޅާފައިވާ މި މުބާރާތުގައި ބައިވެރިވާ ރަށްތަކުން ޓީމްލިސްޓް ފޮނުވަންޖެހޭ ފަހު ދުވަހަކީ މާދަމާއެވެ.