ކަރަންޓީން ނުވެ ކެމްޕޭނަށް ރަށްރަށަށް ދެވޭގޮތް ހަދައިފި

large_1597907579270kHw.jpg

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު -- ފޮޓޯ/ ހެލްތު މިނިސްޓްރީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރުމަށް ކަރަންޓީން ނުވެ ރަށަރަށަށް ދެވޭ ގޮތަށް އުސޫލު ބަދަލުކުރަން އެޗްޕީއޭއިން ނިންމައިފިއެވެ.

އެޗްޕީއޭ އިން ރޭ ކައުންސިލް އިންތިޚާބުގެ ކެމްޕޭން ކުރިއަށް ގެންދިއުމުގެ އުސޫލަށް ގެނައި ބަދަލުގައި ބުނެފައި ވަނީ ތާއީދު ހޯދުމާއި، ކެމްޕޭނުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް، އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރާންވާނީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެ ކަމަށް ކަނޑައަޅައި އާންމުކުރާ ޚާއްސަ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

އެޗްޕީއޭގެ ގައިޑްލައިންގައި ބުނެފައިވާގޮތުން ކަރަންޓީނުނުވެ މާލެއިން ރަށްރަށަށް ކެމްޕެއިނަށް ދެވޭނީ 5 ދުވަހަށްވުރެ އިތުރު ނުވާނެ ގޮތަކަށެވެ. ނަމަވެސް މި ދަތުރުތަކުގައި 5 މީހުންނަށްވުރެ ގިނަ މީހުން ބައިވެރި ނުވެވޭނެއެވެ.

އެކަމަކު ކެމްޕޭން ކުރަން ރަށްރަށަށް ދަތުރު ކުރަން ޖެހޭ މީހުން އަމަލު ކުރަން ޖެހޭ ގައިޑްލައިނާއި ހިލާފަށް މީހަކު އަމަލުކޮށްފިނަމަ އެފަރާތެއް ކަރަންޓީން ފުރިހަމަ ކުރަން ޖެހޭނެކަމަށް ގައިޑްލައިން ގައި ބުނެފައިވެއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުގައި ވަނީ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުން ކަނޑައަޅާ މީހުން ތާޢީދު ހޯދުމަށް ކެމްޕޭން ކުރުމަށް ބަލި ފެތުރެމުންދާ ހާލަތު އޮތްރަށަކުން ނުވަތަ ގެސްޓް ހައުސް ހިންގާ ރަށަކުން ނުވަތަ ރިސޯޓަކުން، ބަލި ފެތުރެމުންދާ ހާލަތު ނެތް ރަށަކަށް ކަރަންޓީނު ވުމަކާ ނުލައި 5 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ދަތުރު ކުރެވޭނެކަމަށެވެ.

ދަތުރުކުރުމަށް ހުއްދަ ހޯދުމާއި ހުއްދަ ދިނުމުގައި އަމަލުކުރާނެ ގޮތަށް ބަލައި ދަތުރުކުރުމުގެ ކުރިން ކެންޑިޑޭޓުން އަދި ކެންޑިޑޭޓުންގެ ފަރާތުން ދަތުރުކުރާ މީހުން އެކަމަށް ހުއްދަ ހޯދަން ޖެހެއެވެ. އުސޫލުގެ ދަށުން ދަތުރުކުރެވޭނީ ދަތުރުކުރާ ދުވަހުގެ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓުގެ ނައްސި ނަތީޖާ އޮވެގެން ކަމަށްވެސް އުސޫލުގައިވެއެވެ.

ރަށްރަށަށް ދަތުރުކުރާ ފަރާތްތަކަށް އެޗްޕީއޭ އިން އީމެއިލުން ދީފައިވާ ހުއްދަ ރަށަށް ފުރުމުގެ ކުރިން ކައުންސިލާ ހިއްސާ ކުރަންޖެހެއެވެ. އަދި ދަތުރުކުރާ މީހުން ރައްކާތެރިކަމާއެކުގައި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، ދަތުރުކުރަން ފަށަންވާނީ ދަތުރުކުރުމުގެ ހުއްދަ ލިބުމަށް ފަހުގައިކަމަށްވެސް ގައިޑްލައިންގައި ބުނެފައި ވެއެވެ.

ކެމްޕެއިން ބައްދަލުވުންތަކާއި އެކި ހަރަކާތްތައް ބޭއްވުމާއި އެކަންކަމުގައި ބައިވެރިވުމުގައި އަމަލު ކުރަންޖެހޭ ގޮތްތަކުގެ ގައިޑްލައިންގައި، ރަށްރަށަށް ކެމްޕެއިނަށް ދާ ޓީމުތަކުން ޑޯޓުޑޯ ކުރިއަށް ނުގެންދިއުމަށާ ޖަލްސާ ބާއްވާނަމަ ހާމަކަން ބޮޑު ތަނެއްގައި ވީހާވެސް ކުޑަ ވަގުތެއް ހޭދަވާނޭ ގޮތަކަށް ބޭއްވުމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

އެޗްޕީއޭ އިން އުސޫލަށް ލުއި ގެނެސްފައި މިވަނީ، މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސާސާތަކުގެ ކޮމެޓީގައި އުސޫލު އޮތް ގޮތުން ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތުތަކެއް ލިބިގެން ނުދާނެ ކަމަށް ވިދާޅުވެ، އިލެކްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.

ގާނޫނު ބުނާ ގޮތުން ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތުތަކެއް ދޭން ޖެހެއެވެ. އަދި އެންމެ މަދުވެގެން 28 ދުވަސް އެކަމަށް ދޭން ޖެހެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top