މިއީ އިހުގައި ހުޅަނގުގައި ދެވުނު އެންމެ ހަރުކަށި އަދަބުތަކުގެ ތެރެއިން އަދަބެކެވެ. ގައުމަށް ޚިޔާނަތްތެރި ވުމުގެ ކުށުގެ އަދަބެވެ. އާދެ، ‘ދަމާ ގެންގޮސް، ނުވަތަ، ފަޅައި ހަށިގަނޑުން ބައެއް ގުނަވަންތައް ނެރެ، ދަންޖައްސައި ކުޑަ އިރުކޮޅަކު ބެހެއްޓުމަށް ފަހު، ގެނެސް ހަތަަރުފަޅިކޮށް މެރުމެވެ. (ޑެތް ބައި ޑޮރޯއިން ހޭނގިން އެންޑ ކުއާޓަރިން) ގެމީހާ ހަތަރު ފަޅި ކުރަނީ އޭނާގެ ދެ އަތާއި ދެފައިގައި ވާ ޖަހައި ކޮންމެ ވަލެއްގައި އަހެއް އައްސައި ހަތަރު ފަރާތުން އިދިކޮޅަށް އަސްތައް ދުއްވައިގެންނެވެ. މި ގޮތަށް އަސްތައް ދުއްވައި މީހާ ހަތަރު ފަޅިއަށް ބުރިވެދިޔުން ފަހިކޮށް ދިނުމުގެ ގޮތަން އަތްފައި ގައި ވަޅިއަޅާނޭ ޖައްލާދަކު ހުރެއެވެ. ތަސްވީރުން އެ ފެންނަ ފަދައިންނެވެ.

މި ގޮތަށް ހަތަރު ފަޅި ކޮށް މެރުމުގެ އަދަބު، އިހު ޒަމާނުގައި، މީލާދީ ސަނަތުން، ބާރަ، ތޭރަ، ސާދަ، ފަނަރަވަނަ ގަރުނުތަކުގައި، ގައުމަށް ޚިޔާނަތްތެރިވާ މީހުންނަށް ދެވުނެވެ. މިޒަމާނުގެ ދުވަސްތައް ފެށުނު ފަހުން، އާދެ، ސަތާރަ، އަށާރަ ވަނަ ގަރުނުގެ ހިސާބުން ފެށިގެން މި އަދަބު ދިނުން ހުއްޓުނެވެ. އޭގެ ފަހުން މިފަދަ އަނިޔާވެރި ގޮތެއްގައި މެރުމުގެ އަދަބު ނުދެވުނު ކަމުގައި ވިޔަސް، ގައުމަށް ޚިޔާނަތް ތެރިވާ މީހުންނަށް މަރުގެ އަދަބު ދެވުނެވެ. ނޫންނަމަ އުމުރަށް ޖަލަށް ލާން ހުކުމު ކުރެވުނެއެވެ. އަދި، މިހާރު ވެސް، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި، ހުޅަނގާއި އިރުމަތީގެ ގައުމުތަކުގައި ވެސް، މިގޮތަށް އަމަލުކުރެވެއެވެ. ގައުމަށް ޚިޔާނަތްތެރިވާ މީހުންނަށް ހަރުކަށި އަދަބު ދެވެއެވެ. އިހުގައި މި އަދަބު ލިބުނު ބައެއް މީހުންގެ ވާހަކަ ލިޔެލާނަމެވެ.
އެންމެ އިހުގައި ހަތަރު ފަޅިއަށް ފަޅާލުމުގެ އަދަބު ލިބުނު މީހުންގެ ތެރޭގައި ވިލިޔަމް ވޮލަސް ހިމެނެއެވެ. މީނާއަކީ މީލާދީ ސަނަތުން ތޭރަވަނަ ގަރުނުގައި އިނގިރޭސީން ބަލިކޮށް، އިނގިރޭސީންގެ އަތްދަށުން އިސްކޮޓްލަންޑު މިނިވަންކުރި މީހެކެވެ. ފަހުން، މީލާދީ ސަނަތުން ސާދަވަނަ ގަރުނުގެ ކުރީކޮޅު މީނާ އިނގިރޭސީން އަތުން ބަލިވެ، އިނގިރޭސީން މީނައަށް ގައުމަށް ޚިޔާނަތްތެރިވީ ކަމުގެ ކުށް ސާބިތުކޮށް ހަތަރުފަޅިކޮށް މެރުމުގެ އަދަބު ދެވި، އެ ގޮތުގައި މަރާލެވުނީއެވެ.
ވިލިޔަމް ވޮލަސްގެ އިތުރުން، ޖޯން ބޯލްއަކި ވެސް ހަތަރުފަޅިކޮށް މަރާލެވުނު މީހެކެވެ. އޭނާގެ ކުށަކަށްވީ 1381ގައި އިނގިރޭސި ރަސްކަމާ އިދިކޮޅަށް ބަޣާވަތް ކުރުމެވެ. އާދެ، މަޝްހޫރު ‘ދަނޑުވެރިންގެ ބަޣާވާތުގައި’ ބައިވެރިވުމެވެ. މިކަމުގެ ކުށުގައި ޖޯން ބޯލް ހަތަރުފަޅިކުރުމުގެ އަދަބު ދެވި މަރާލެވުނެވެ.
މީގެ އިތުރުން ވެސް ތާރީޚުގައި ގައުމަށް ޚިޔާނަތްތެރިވުމުގެ ސަބަބުން މި އަދަބު ދެވުނު މީހުން ވެއެވެ. އަދި މިހާރުވެސް، ގައުމަށް ޚިޔާނަތްތެރިވުމުން، މިފަދަ ބޭރަހުމީ ހަރުކަށި އަދަބު ނުދެވުނު ކަމުގައި ވިޔަސް، މެރުމުގެ އަދަބު ނުވަތަ އުމުރަށް ޖަލަށް ލުމުގެ އަދަބު ދެވެއެވެ.
ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސް އޮސްޓިރާއަށް ޚިޔާނަތްތެރިވި ކަމުގެ ކުށުގައި 1916ގައި ނަޒާރިއޯ ސައުރޯ ދަންޖައްސައި މެރުނެވެ. އޭނާގެ ކުށަކަށްވީ އޮސްޓުރިޔާގެ ދުޝްމަނެއް ކަމުގައިވި އިޓަލީއާ އެއްބައިވެ އޮސްޓިރިޔާއާ ހަނގުރާމަ ކުރުމެވެ. މީގެ އިތުރުން ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، ޖަޕާނުގެ އަތްދަށުގައި ޗައިނާ އޮތް ދުވަސް ވަރު، ޗައިނާގައި ގާއިމު ކުރެވުނު ‘ޖަޕާނުގެ ރަށްޓެހި’ ޗައިނާގެ ސަރުކާރުގައި އިސްކޮށް މަސައްކަތްކުރެއްވި ބައެއް ބޭކަލުން، ގައުމަށް ޚިޔާނަތްތެރިވި ކުށުގެ އަދަބެއްގެ ގޮތުން މެރުނެވެ. އާދެ، ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނު ބަލިވެ، ޖަޕާނުގެ އަތްދަށުން ޗައިނާ މިނިވަން ވުމުންނެވެ. އެ ގޮތުން މެރުނު މީހުންގެ ތެރޭގައި ޒަހއު ފޯހައި އާއި ވަންގ ޖިނގްވެއި ހިމެނެއެވެ. އަދި ހަމަ މިދުވަސް ވަރު، އާދެ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސް ވަރު، ސޮވިއެޓު ޔުނިއަންއަށް ޖާސޫސޫކޮށްދީގެން ޖަޕާނުގެ ހޮޓްސުމީ އޮޒާކީ ދަންޖާސައި މެރުނެވެ.
މިފަދަ އިތުރު އެތައް މިސާލުތަކެއް ތާރީޚުން ފެނެއެވެ. އެވޭލާ ތާރީޚުންނާއި އިހުގެ ތާރީޚުންނެވެ. އަދި އަދުގެ ދުރު މާޒީއާއި އަދުގެ ކައިރި މާޒީން ވެސް މެއެވެ. މިތަނުގައި ފާހަގަކޮށްލަން ބޭނުންވަނީ ގައުމަށް ޚިޔާނަތްތެރިވާ މީހުންނަކީ އެއްވެސް ގައުމެއްގެ ބަޔަކު ގަބޫލުކޮށް ބަލައިގަންނަ ބައެއް ނޫނެވެ. އާޚިރުގައި އެމީހުންގެ ނިމުން އަންނަނީ ވަރަށް ވެސް ހިތިކޮށެވެ.
މީގެ އިތުރުން، ގައުމަށް ޚިޔާނަތްތެރިވެ، ކޮންމެ ވެސް އެހެން ގައުމެއްގެ މަސްލަހަތު ދިފާއުކުރަން މަސައްކަތްކުރާ މީހުންނަށް، ޚުދު އެމީހުންގެ ސާިހިބުވަންތަ ފަރާތްކަމަށް ދެކޭ ބޭރުގެ ގައުމުން ވެސް އެއްވެސް ހަގިގީ ގަދަރެއް ދީ އިހުތިރާމުކޮށެއް ނުހަދައެވެ. މިޒަމާނުގެ ކައިރި މާޒީން މިފަދަ އެންމެ ވަރުގަދަ މިސާލެއް ފެނިގެން ދިޔައީ އިރާނުންނެވެ. އާދެ، އިރާނުގެ އެންމެ ފަހުގެ ޝާހު ރިޒާ ޕެހެލަވީ އަކީ މުޅި އީރާނު އެމެރިކާގެ އަތްދަށަށް ގެންދިޔުމަށް މަގު ފަހިިކޮށް އެކަން ކޮށްދިން އިރާނުގެ ވެރިޔާއެވެ. ނަމަވެސް، އޭނާގެ ވެރިކަން ވެއްޓި އިރާނުން އޭނާ ނިކުންނަ ޖެހުމުން، އެމެރިކާއަށް ފޭބުމުގެ ހުއްދަ އޭނާއަށް އެމެރިކާއިން ނުދިނެވެ. ހަމަ އެހެންމެ އިރާގަށް އެމެރިކާގެ ސިފައިން އަރައިގަތުމަށް އެންމެ ބޮޑަށް އެހިވެދިން އަހުމަދު ޗަލަބީ ފަހުންވީ މުޅިން ބޭކާރު މީހަކަށެވެ. 2003 ގައި އެމެރިކާގެ ބާރު އިރާގުގައި ގާއިމުކުރެވި ދިޔުމަށްފަހު، އޭނާ ހީކުރި މަގާމެއް އޭނާއަކަށް ނުލިބުނެވެ. އަދި، މަޖުހޫލު ސިފައެއްގައި ތާރީޚުގެ ތެރެއަށް ގެއްލި ނިމިދިޔައީއެވެ. އާދެ، މިފަދަ ޚާއިނުން، ބައެއް މީހުން ސިފަ ކުރާ ފަދައިންނެވެ. ވަގުތީ ފައިދާއެއް ހޯދާލުމަށްޓަކައި ބޭނުންކުރެވޭ ހުރަހެއް، (ކޮންޑޮމެއް) ފަދައިން، ބޭނުންކޮށްލުމަށް ފަހު، އެފަދަ މީހުން، އެމީހުން ބޭނުންކުރާ މީހުން، އެއްލާލަނީއެވެ.
އާދެ، މިއަދު މިކަހަލަ މީހުން އަޅުގަނޑުމެންގެ ތެރެއިން ވެސް އެބަ ފެނެއެވެ. މިހެން ކަންތައް ދިމާވާ ސަބަބުތައް ހުރީމައެވެ. އެފަދަ މީހުންގެ މުނާފިގު ވާހަކަތަކަށް ހެއްލޭ ބަޔަކު ތިބީމައެވެ. އަދި، ތަނުގައި ފަސާދައާއި އަދުލު އިންސާފުގެ ހަމަ ގެއްލެމުން ވެސް ދާތީއެވެ. ހަލާކުވެ ކުނިވާން ފަށައިފައި އޮންނަ ހަށިގަނޑުން ފުޅަ ފާޅުވާފަދައިން، ޚާއިނުން ފާޅުވަނީ ގައުމީ ހަށިގަނޑުގައި ފަސާދައާއި ބޭއިންސާފުގެ ބަލީގެ ޖަރާސީމު އެޅުމުންނެވެ. މިކަންކަމަށް ބޭސްކުރެވި ގައުމުގެ ހަށިގަނޑުގެ ސިއްހަތު ސަލާމަތްކުރަން ޖެހެއެވެ. އޭރުން ފުޅަ ފަދަ ގައުމުގެ ޚާއިނުންގެ ކިބައިން ގައުމު ސަލާމަތް ކުރެވޭނެއެވެ. އަދި، އެދުވަހުން، އެފަދަ ޚާއިނުން ބޭނުން ކުރި މީސްމީހުންވެސް، އެ ޚާއިނުންނަކީ ހުރަހެއް، ކޮންޑޮމެއް، ކަމަށް ބަލައި ކުނިގޮނޑަށް އެ ހާއިނުންތައް އެއްލާލާނެއެވެ. އަދި، އެފަދަ ޚާއިނުންނަށް އިހުގައި ދެވުނު ހަތަރުފަޅިކުރުމުގެ އަދަބު ނުދެވުނުކަމުގައި ވިޔަސް، އެމީހުންނާ މެދު ޝަރީއަތްކުރެވި، އެމީހުންނަށް ދޭން އޮންނަ ހައްގު އަދަބު ދެވޭނެއެވެ!