ދިވެހިރާއްޖޭގައި ވަރަށް އާންމު މަލެއްކަމުގައިވާ “ނަންރީތި މާ” ނުވަތަ “ބަޓަފްލައި ޕީ” އަކީ އެއިން ހަށިގަނޑަށް ފައިދާ ހުރި އެއްޗެއް ނަމަވެސް، މާބަނޑުއަންހެނުން އެ ބޭނުންކުރުން ރަނގަޅުނޫން ކަމަށް ރާއްޖޭގެ ތަޖުރިބާކާރު އެތެރެހަށީގެ ޑޮކްޓަރު މުޙައްމަދު ޢަލީ ވިދާޅުވެއްޖެއެވެ.
ނަންރީތިމަލުގެ ފައިދާއާ ބެހޭގޮތުން ދާދިފަހުން ޑރ މުހައްމަދު އަލީ ހެއްދެވި ވީޑިއޯއެއްގައި މިކަމާބެހޭ ގޮތުން ވިދާޅުވީ އެއީ ހަށިގަނޑަށް ފައިދާހުރި ގިނަ ސިއްޙީ ގުނަވަންތަކެއް އެކުލެވިގެންވާ މަލެއް ކަމަށެވެ. ނަމަވެސް މާބަނޑު މީހުން ނަންރީތިމަލުގެ ސައި، ނޫނީ ފެނަަށް އަޅައިގެން ނުވަތަ، ސެލެޑް ހަދައިގެންވެސް ބޭނުން ކުރުމާމެދު ހެދިފައިހުރި ދިރާސާތަކުން ދައްކަނީ، ވަކިން ޚާއްސަކޮށް މާބަނޑުއިރު މި މާ ބޭނުން ނުކުރުމަށެވެ. އެއްވެސް ގޮތަކަށް މި މާ ބޭނުންކޮށްފިނަމަ ރަހިމު ފިތޭގޮތް ވުމުގު ފުރުސަތު މަތިވާ ކަމަށާއި އެހެންވެއްޖެނަމަ ކުއްޖާ ބައިގެންދިޔުމުގެ ފުރުސަތު އިތުރުވާނެ ކަމަށް ޑޮކްޓަރު މުހައްމަދު ޢަލީ ވިދާޅުވެފައި ވެއެވެ.
ޑރ. މުހައްމަދު ޢަލީ ވިދާޅުވި ގޮތުގައި، މި މަލަކީ ރާއްޖޭގައި ވަރަށް ގިނައިން ބޭނުންކުރަމުން އަންނަ މަލަކަށް ވާއިރު، މަލުގެ ފައިދާއާ ބެހޭގޮތުން ގިނަ ބަލިމީހުން ސުވާލުކުރެއެވެ. އަދި ނަންރީތި މާ ހޫނުފެނަށް އަޅައިގެން ތައްޔާރުކުރާ ސައި ބުއިމަކީ ހަށިގަނޑަށް އެތައް ފައިދާއެއް ލިބިގެންދާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ނަންރީތިމަލުން ލިބޭ ފައިދާތަކުގެ ތެރޭގައި :
ހަކުރު ކޮންޓްރޯލްކުރުން: ކެއުމަށްފަހު ހަށިގަނޑުގެ ހަކުރު މަތިވާ މިންވަރު ކުޑަކޮށްދީ، އިންސިއުލިން އުފައްދައިދޭ މިންވަރު އިތުރުކޮށްދެއެވެ.
ސަރުބީ މަދުކުރުން: ހަށިގަނޑުގައި ހުންނަ ސަރުބީގެ މިންވަރު މަދުކޮށްދިނުމުގެ އިތުރުން، ކެއުމަށްފަހު ލޭގައި “ޓްރައިގްލިސަރައިޑް” ނުވަތަ ކޮލެސްޓްރޯލް މަތިވާ މިންވަރު ދަށްކޮށްދެއެވެ.
ވިހަ ބޭރުކުރުން: މީގައި ހިމެނޭ “އެންޓިއޮކްސިޑަންޓް” ތަކުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ނައްތާލުމަށް އެހީތެރިވެދެއެވެ.
ޑޮކްޓަރު އިރުޝާދު ދެއްވާ ގޮތުގައި، މި ސައި ތައްޔާރުކުރުމަށް ބޭނުންކުރަންވާނީ ގާތްގަނޑަކަށް 1 ނުވަތަ 2 ގްރާމްގެ ހިއްކާފައި ހުރި މަލެވެ. ނުވަތަ 20 ވަރަކަށް ތާޒާ މާ ބޭނުންކޮށްގެންވެސް މި ސައި ތައްޔާރުކުރެވިދާނެއެވެ.
މި ސައި ބުއިމުން އޭގެ އަސަރު ދެތިން މިނެޓާއި ގަޑިއިރެއްގެ ތެރޭގައި ފެންނަން ފަށާނެއެވެ. އަދި މި އަސަރު ގާތްގަނޑަކަށް 3 ގަޑިއިރާއި 6 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ހަށިގަނޑުގައި ހުންނާނެއެވެ. ނަމަވެސް 6 ގަޑިއިރު ފާއިތުވުމުން އޭގެ އަސަރު މަޑުމަޑުން ކެނޑިގެންދާނެއެވެ.
ޑރ. މުހައްމަދު ޢަލީ ޚާއްސަކޮށް ފާހަގަކުރެއްވި ގޮތުގައި، ނަންރީތި މަލަކީ ސިއްޙީ އެހީތެރިކަމެއް ފޯރުކޮށްދޭ އެއްޗަކަށް ވީނަމަވެސް، މިއީ ބޭހުގެ ބަދަލުގައި ބޭނުންކުރަންޖެހޭ އެއްޗެއް ނޫނެވެ.







