ކުޑަކުދިން ނަމާދަށް ލޯބިޖައްސައި، މިސްކިތަށް އަހުލުވެރިކުރުވުމަކީ ބެލެނިވެރިންގެ ޒިންމާއެއް ކަމަށާ ދިރިއުޅުމުގެ އުފާވެރިކަމާއި އާޚިރަތުގެ ބާއްޖަވެރިކަމާ ގުޅިފައިވާ މުހިންމު ކަމެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
“ކުޑަކުދީން މިސްކިތަށް އަހުލުވެރިކުރުވުން” މި މައުޟޫޢަށް ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ޚުތުބާގައި ބުނީ، އިންސާނުން އުފެއްދެވުމުގެ އެންމެ ބޮޑު މަޤުޞަދަކީ މާތް اللهއަށް އަޅުކަންކުރުން ކަމަށާއި، އެގޮތުން ނަމާދު ޤާއިމުކުރުމަކީ ދީނުގެ އެންމެ މުހިންމު ތަނބު ކަމަށެވެ.
ޚުތުބާގައި ފާހަގަކުރި ގޮތުގައި، ދަރިންނަކީ މާތް الله ދެއްވާފައިވާ ވަރަށް ބޮޑު އަމާނާތެކެވެ. އެކުދިން ނަމާދަށް އަހުލުވެރިކުރުވުމަށް މަސައްކަތް ނުކޮށް އިހުމާލުވެއްޖެ ނަމަ، މައިންބަފައިން އެކަމަށް ޤިޔާމަތް ދުވަހު ޖަވާބުދާރީވާން ޖެހޭނެއެވެ.
ފިރިމީހާއީ އޭނާގެ އަނބިދަރިންގެ ބެލެހެއްޓުންތެރިޔާ ކަމަށާއި، އަދި އަނބިމީހާއީ ގޭގެ ކަންތައްތަކާއި ދަރިންގެ ބެލެހެއްޓުންތެރިޔާ ކަމަށްވާތީ، ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ ދެމަފިރިންގެ ޒިންމާއެއްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. އަދި އެކަން ނުކޮށްފިނަމަ ފާފަވެރިވާނެ ކަމަށްވެސް ބުންޏެވެ.
ދަރިން ނަމާދަށް އަހުލުވެރިކުރުވުމަށްޓަކައި އެޅޭނެ އެންމެ ފުރަތަމަ ފިޔަވަޅަކީ ދީންވެރި ތަޤުވާވެރި މައިން އިޚުތިޔާރުކުރުން ކަމަށާއި، އަދި ޞާލިޙު ދަރިން ދެއްވުން އެދި ދުޢާކުރުމުގައި ދެމިތިބުން މުހިންމު ކަމަށް ޚުތުބާގައި ބުންޏެވެ. މިގޮތުން އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިފަސްކޮޅަށްޓަކައި ކުރެއްވި ދުޢާގެ މިސާލު ޚުތުބާގައި ވަނީ ބަޔާންކޮށްދީފައެވެ.
ޚުތުބާގައި އިތުރަށް ބުނީ، ފިރިހެން ދަރިން މިސްކިތުގެ ޖަމާޢަތަށް ގެންދިއުމަށް ލޯބިޖައްސަންޖެހޭ ކަމަށެވެ. އެކަނި ކުރާ ނަމާދަށްވުރެ ޖަމާޢަތުގައި ކުރާ ނަމާދުގެ ދަރުމަ 27 ގުނަ އިތުރުވެގެންވާއިރު، މިސްކިތަށް ހިތްޖެހިފައިވާ މީހާއަށް ޤިޔާމަތް ދުވަހުގެ ގަދަ ހޫނުން ސަލާމަތްވެ، اللهގެ ޢަރުޝީގެ ހިޔާވަހިކަން ލިބޭނެކަމުގެ އުފާވެރި ޚަބަރު ދަރިންނަށް ކިޔައިދިނުމަށް ޚުތުބާގައި އިރުޝާދު ދިނެވެ.
ނަމަވެސް، މިއަދުގެ މުޖުތަމަޢުގައި ފެންނަމުންދާ ބައެއް ހިތާމަވެރި މަންޒަރުތަކަށްވެސް ޚުތުބާގައި އަލިއަޅުވާލިއެވެ. އެގޮތުން ބައެއް މުއައްސަސާތަކުން ނަމާދު ވަގުތުތަކަށް ސަމާލުކަން ނުދީ ކުޅިވަރުގެ ހަރަކާތްތައް ރޭވުމާއި، ބައެއް މައިންބަފައިން ބަންގި ގޮވާ ވަގުތު ދަރިން މިސްކިތަށް ފޮނުވުމުގެ ބަދަލުގައި ކުޅިވަރު މައިދާންތަކަށް ދޫކޮށްލާކަން ފާހަގަކުރިއެވެ.






