”މަގޭ ދަރަވަންދޫ ލައިފްޓައިމް ސާވިސް އެވޯޑު“ އަބްދުލްހަކީމް އިދުރީހަށް

viber_image_2026-01-10_17-30-37-944.jpg

އަބްދުލް ހަކީމް އިދްރީސް، ޒުވާން ދުވަސްވަރު (ވާތުން ދެވަނަ)

މިދިޔަ އަހަރުގެ މަގޭ ދަރަވަންދޫ ލައިފްޓައިމް ސާވިސް އެވޯޑު އެ ރަށު، އަބްދުލްހަކީމް އިދުރީސް (ބޮޑު ތުއްތުބެ)އަށް ދީފިއެވެ.

މި އެވޯޑު ހަވާލުކޮށްދެއްވީ، ރޭ އެރަށުގައިބޭއްވި  މަގޭ ދަރަވަންދޫ އެވޯޑު ހަފުލާގައި ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

ދަރަވަންދޫއަށް އެންމެ ޚިދުމަތްތެރި ބޭފުޅާގެ އެވޯޑު ލިބުނު އަބްދުލްހަކީމް ނުވަތަ މަޝްހޫރު ނަމުންނަމަ ބޮޑުތުއްތުބެއަކީ، ޅަ އުމުރުން ފެށިގެން ބ.އަތޮޅަށާއި އަމިއްލަ ރަށަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

އެގޮތުން، ބ.އަތޮޅު ކޮމެޓީ ގައްޔާއި ރަށުގެ އިޖްތިމާއީ ހަރަކާތްތަކުގައި އަމިއްލައަށް އިސްނަންގަވައިގެން ރަށުގެ ތަރައްގީއަށް ޚިދުމަތް ކުރެއްވުމުގައި އުމުރުގެ ބޮޑުބައި ހޭދަކުރައްވިއެވެ.

އެގޮތުން މަސްވެރިކަން ކުރާނެ ތިން މަސް ދޯންޏެއް ބެންނެވިއެވެ. މަސްދޯނިތަކުގައި އިންޖީނު އަޅަން ފެށި ދުވަސްވަރުގައި މުޅި ރާއްޖެއިން އިންޖީނު އެޅި ދެވަނަ ދޯންޏަކަށް ‘ނަސްރު’ ވެގެން ދިޔުމުގައި، އަބްދުލްހަކީމުގެ ދައުރު ބޮޑެވެ.

އެ ދޯނިތައް ދުއްވުމަށް މޮޅެތި ކެޔޮޅުންތަކެއް އޭނާ އުފެއްދެވިއިރު، ފުރަތަމަ ފަހަރަށް ދަރަވަންދޫއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއްވީ، ބޮޑުތުއްތުބެއެވެ. އަދި، ރަށުގެ ތަރައްގީއަށް ކުރާ ހުރިހާ މަސައްކަތެއްގައި އަމަލީ ގޮތުން، އިސް ސަފުގައި އޭނާ ހަރަކާތްތެރިވެވަޑައިގެންނެވިއެވެ.

އޭނާއަކީ އެދުވަސްވަރު ރަށުގެ ހުރި އެންމެ ތަނަވަސްމީހާ ކަމަށްވާތީ ދާއިމީ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެއްވިއެވެ.

އަބްދުލް ހަކީމްގެ އިތުރަށް، ހަތް ދާއިރާއަކުން 74 އެވޯޑު މި ހަފުލާގައި ވަނީ ދީފައެވެ. އެއީ، އެކި ރޮނގުތަކުން ކުރިއްސުރެ ދަރަވަންދުއަށް ޚިދުމަތް ކޮށްދެއްވާފައިވާ މީހުންގެ އަގު ވަޒަން ކުރުމަށެވެ.

މި ހަފުލާ ޝަރަފުވެރިކޮށްދެއްވި މިނިސްޓަރު އާދަމް ޝަރީފްގެ ވާހަކަފުޅުގައި، ދަރަވަންދުއަކީ، ޒަމާނުއްސުރެ މެހެމާންދާރީއަށް ނަމޫނާ ރަށެއްކަން ފާހަގަކުރައްވިއެވެ. އެ ކަން މިނިސްޓަރު ހިއްސާކޮށްދެއްވީ، ކުޑައިރުގެ ހަނދާންތަކާ ގުޅުވާފައެވެ. އަދި، މުސްތަގުބަލުގައި ވެސް ދަރަވަންދޫގެ އެ ރީތި ސިފަ ދަމަހައްޓަން މިނިސްޓަރު އިރުޝާދުދެއްވި އެވެ.

ވަރަށް ކުލަގަދަކޮށް ކުރިއަށްގެންދިޔަ އެ ހަފުލާ ނިންމާލީ، ހަވާ އެރުވުމުގެ ހަރަކާތަކުންނެވެ. ދަރަވަންދޫގެ ގިނަ ރައްޔިތުން ހާޒިރުވި އެ ހަފުލާގައި، އެންމެންގެ މޫނުމަތިން ފެނުނީ އުފާވެރިކަމާއި ހިނިތުންވުމެވެ. އެއީ، ގިނަ ދުވަސްތަކަކަށް ފަހު، ރަށަށް ކޮށްދެވުނު ޚިދުމަތްތަކުގެ އަގު ވަޒަން ކުރީތީއެވެ.

”މަގޭ ދަރަވަންދޫ ލައިފްޓައިމް ސާވިސް އެވޯޑު“ އަބްދުލްހަކީމް އިދުރީހަށް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top