ޢަބްދުލް ޣަފޫރު ޢަބްދުއްރަހީމް ގ.މަންޒިލް
(9 އޮގަސްޓް އާއި ގުޅޭ) “އާމީން” މިލަފްޒު، އައިސްފައިވަނީ ހިބްރޫ ބަހުން ކަމަށްވެސް ބައެއް އިލްމުވެރިން ދެކިލައްވައެވެ. އިބުރާހިމީ މުގައްދަސް ފޮތްތަކަށް (ތައުރާތައި އިންޖީލާއި އަދި ޤުރްއާން އަށް) ބަލާލާއިރު، ތާރީޚީގޮތުން، އާމީން، މިލަފްޒު އެންމެ ކުރިން ބޭނުން ކުރެވިފައިވަނީ ހީބްރޫ ބައިބަލް ގައި ކަމަށް ވާތީއެވެ. ހީބްރޫ ބައިބަލް އަށް ޔަހޫދީން ކިޔާއުޅެނީ ތަނަޚް އެވެ. ތަނަޚް އެކުލެވިގެންވަނީ ތިންބައިގެ މައްޗަށެވެ. އެއީ ތައުރާތާއި (އިރުޝާދުތައް ނުވަތަ ޝަރުއީ ގާނޫނުތައް) ނެވިއީމް (ނަބީބޭކަލުންގެ ވާހަކަ) އާއި ކެތުއީމް (ލިޔުންތައް) މިތިން ބައެވެ. އަދި ކްރިސްޓިއަނުން ހިބްރޫ ބައިބަލް އަށް ކިޔާއުޅެނީ އޯލްޑް ޓެސްޓަމެންޓް އެވެ. ހިބްރޫ ބައިބަލްގައި އާމީން ބޭނުން ކުރެވިފައި އޮތުމުގެ މާނައަކީ ހީބްރޫބަސް ނުވަތަ އަރަމައިކް ބަސް އަރަބި ބަހަށް ވުރެ ދޮށިވުން ލާޒިމެއް ނޫނެވެ. ސަބަބަކީ، މިހުރިހާ ސާމީ ބަހެއްގެ އަސްލު މައި ބަހަކީ ކޮބައިކަން ސާފުކޮށް އެނގިފައި ނެތުމެވެ.
އަދި މީގެ އިތުރުން، ބައެއް އިލްމުވެރިން، ‘އާމީން’ މިލަފްޒުގެ އަސްލު ގިޕްތީ ބަހާވެސް (ކޮޕްޓިކް، މިސުރުގެ އަސްލު އަހުލުވެރިންގެ ބަސް) ގުޅުވާލައެވެ. މިފަދަ އިލްމުވެރިންގެ ރައުޔުގައި ‘އާމީން’ މިލަފްޒު އައިސްފައިވަނީ ޤިބްޠީ ބަހުގެ ‘އާމޫން’ ނުވަތަ ‘އާމޫން-ރާ’ އިންނެވެ. އެއީ ގިބްތީންގެ އިލާހެކެވެ. މިގުޅުވާލުން ބިނާކުރެވިފައިވަނީ ‘އާމީން’ އާއި ‘އާމޫން” މި ދެލަފުޒުގެ ސޫރައިގެ އެއްގޮތްކަމުގެ މައްޗަށް ބެލެވިގެންނެވެ. މިދެންނެވި ފަދަ އިލްމު ވެރިން ދެކިލައްވާ ގޮތުގައި މޫސާގެފާނާއި އަދި އިސްރާއީލުގެ ދަރިކޮޅު މިސުރުގައި ހޭދަކުރި ދުވަސްތަކުގައި އާމޫން-ރާ އަށް މިސުރުގެ އަހުލުވެރިން އަޅުކަން ކުރާތަން ފެނިފައި އޮންނާނެ ކަމާއި އަދި، އެހެން ކަމުން، އެލަފުޒު ހިބްރޫ ބަހަށް ވެސް ވަދެފައިވާނޭ ކަމަށްވެސް އެބޭކަލުން ދެކިލައްވައެވެ.
ނަމަވެސް، ހީބްރޫ ބައިބަލްގައި މި ލަފްޒު އެންމެ ފުރަތަމަ ބޭނުންކުރެވިފައިވާ ގޮތުގެ މައްޗަށް ބަލާލާއިރު، އާމީން ބޭނުން ކުރެވިފައިވަނީ އާމޫން-ރާއާ މުޚާތަބު ކުރާކަށް ނޫނެވެ. މާތްﷲގެ ހަޟުރަތުގައި ކަމެއް ވަކިގޮތަކަށް ދެންނެވޭ ދެންނެވުމެއްގައެވެ. ‘އާމީން’ މިލަފްޒު ހީބްރޫ ބައިބަލް ގައި އެންމެ ފުރަތަމަ ވާރިދުވެފައިވަނީ ‘އަދަދުތައް’ މިނަމުން ނަންދެވިފައިވާ ފޮތުގެ ފަސްވަނަ ބާބުގެ ބާވީސްވަނަ އާޔަތުގައެވެ. މިއާޔަތުގައި އައިސްފައިވަނީ ޒިނޭކުރިކަމަށް ތުހުމަތު ކުރެވުނު އަންހެނެއްގެ ވާހަކައެކެވެ. އޭނާ ޒިނޭކުރިކަމަށް އިންކާރުކުރުމުން އެކަމުން އޭނާ ބަރީއަވުމައްޓަކައި، އޭނާއަށް ހިތިރަހަލާ ފެނެއް ބޯންދީ، އޭނާ ޒިނޭ ކުރިކަމަށް ވާނަމަ، އެފެން ބުއިމުގެ ސަބަބުން، އޭނާ ހަލާކުވެ ދިޔުން، މާތްﷲ އިރާދަކުރެއްވިޔަސް އެންމެ ރަގަޅުކަމަށް ބުނެ ‘އާމީން’ ކިޔުމަށް އޭނާއަށް އިރުޝާދުދެވިފައިވެއެވެ. އެއާޔަތުގައި ވަނީ “ލައުނަތް ގެނެސްދޭ މިފެން، އިބަގެ ހަށިގަނޑު ތެރެއަށް ވަދެގެންދާހުށިކަމެވެ. އަދި އޭގެ ސަބަބުން އިބަގެ ބަނޑު ދުޅަވެ ނޫނީ އިބަގެ ރަހިމު (ގައި ދަރިއެއް އޮތްނަމަ އެދަރި) ބައިގެންދާހުށިކަމެވެ.” ‘ދެން، (މިވާހަކަ މުޚާތަބު ކުރެވޭ) އަންހެންމީހާ ބުނަން ޖެހޭނީ ‘އާމީން، އެހެންވާހުށިކަމެވެ،” މިހެންނެވެ. މިތަނުގައި އެއަންހެން މީހާ މުޚާތަބު ކުރަނީ މާތްﷲއާއެވެ. އަދި ‘އާމޫން’ އިލާހުއަކާއި ނޫނެވެ. އެހެންވެ، ‘އާމިން’ ހިބްރޫ ބައިބަލްގައި ބޭނުން ކުރެވިފައިވަނީ ޤިބްތީން ‘އާމޫން’ ބޭނުން ކުރި މާނައާއި ގުޅޭ މާނައެއްގައި ނޫންކަމާއި އަދި ‘އެކަން އެގޮތަށް ވާހުށިކަމެވެ’ މި މާނައިގައިކަން ބައިބަލްގެ މި އާޔަތުން ސާފުކޮށް އެނގެއެވެ.
ދެން އަލްފާތިޙާ ސޫރަތް ކިޔެވުމަށްފަހު އާމީން ކިޔުމުގެ މައްޗަށް ބަލައިލަމާތޯއެވެ. އެންމެ ފުރަތަމަ އެލަފުޒު ކިޔާ ގޮތާއި ބެހޭ ގޮތުންނެވެ. އެލަފްޒު ކިޔުމުގައި ސައްހަ ދެގޮތެއް ވާރިދުވެފައި ވެއެވެ. ފުރަތަމަ ގޮތަކީ އަލިފުގައި އަބަފިލި ޖަހައި ‘އަމީން’ ކިޔުމެވެ. ދެވަނަ ގޮތަކީ އަލިފުގައި އާބާފިލި ޖަހައި އަލިފަށް ދަމާފައި ‘އާމީން’ މިގޮތަށް ކިޔުމެވެ. މިދެގޮތް ވެސް އެންމެ ރަގަޅު ކަމުގައި އިލްމުވެރިން އެއްބަސް ވެވަޑައި ގަނެއެވެ (އިބްނު މަންޡޫރުގެ ލިސާނު އަލްޢަރަބި 29/13).
ހުރިހާ އިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ‘އާމީން’ މި އިބާރާތަކީ އަލްފާތިޙާ ސޫރަތުގެ އާޔަތެއްނޫނެވެ. އަދި އާމިން މިލަފްޒު ކީރިތި ޤުރްއާނުގެ އެހެން ސޫރަތެއްގައި ވެސް ވާރިދުވެފައެއް ނުވެއެވެ. އެހެން ނަމަވެސް، ނަމާދުގައި، އަލްފާތިޙާ ސޫރަތް ކިޔެވުމަށްފަހު، އާމީން ކިޔުމަކީ ޝަރުޢުކުރެވި، ކަނޑައެޅިފައިވާ ކަމެއްކަމުގައި ގިނަ މުފައްސިރުންނާއި ފިޤުހު އިލްމުވެރިން ދެކެވަޑައިގަންނަވައެވެ. މިމައްސަލައާ ބެހޭ ގޮތުން ބައެއް ހަދީސް ވާރިދުވެފައިވެއެވެ. އޭގެ ތެރެއިން އެއްހަދީސެއްގައި ކީރިތި ރަސޫލާ ވިދާޅުވިކަމަށް އޮވެއެވެ. “އިމާމު މީހާ އާމީން ކިޔުމުން ކަލޭމެން (މައުމޫމުން) އާމީން ކިޔާށެވެ…’ އަދިވެސް އެހެން ހަދީސެއްގައި ކީރިތި ރަސޫލާ އަޑުހަރުކޮށް، (މީމުގެ އިބިފިއްޔަށް) ދައްމަވާލައްވާފައި އާމީން ކިޔުއްވާކަމާއި އަދި އެއަށްފަހު މައުމޫމުންގެ އާމީން ކިޔެވުމުން މުޅި މިސްކިތް ގުގުމާލައިގެންދާ ވާހަކަވެސް ހަދީސްގައި އައިސްފައި ވެއެވެ. މިދެހަދީސާއި އަދި މިމާނައިގައި ވާރިދުވެފައިވާ އެހެން ހަދީސްތަކަކީ ވެސް ސައްހަ ހަދީސްތަކެއް ކަމުގައި ހަދީސް އިލްމުވެރިން ދެކެވަޑައިގަންނަވަ އެވެ (ތަފްސީރުލް މަނާރު 98/1). އަދި ފިގުހު އިލްމު ވެރިއެއްކަމުގައްޔާއި އަދި ހަދީސް އިލްމުވެރިއެއް ކަމަށްވާ އައްޝަޥްކާނީ އޭނާގެ ނައިލު އަލްއަވްޠާރުގައި، މިމައްސަލައާއި ބެހޭ ހަދީސްތައް ބަޔާންކުރައްވައި، އޭގެ މައްޗަށް ބިނާކޮށް، ނަމާދުގައި އަލްފާތިޙާ ސޫރަތް ކިޔެވުމަށްފަހު އާމީން ކިޔުމަކީ ޝަރުއު ކުރެވިފައިވާ ކަމެއްކަމަށް ވިދާޅުވެއެވެ. (ނައިލު އަލްއަވްޠާރު 225-222/1). އަދި، މިމާނައިގައި ސަތާރަ ޞައްޙަ ހަދީސް ވާރިދުވެފައިވާ ކަމަށް މުޙައްމަދު ޢަބްދުހޫވެސް ބަޔާން ކުރައްވައެވެ. (ތަފްސީރު އަލްމަނާރު 98/1). އިމާމު މާލިކު އާއި އަދި އިމާމު އަބޫ ޙަނީފާގެ ފަރާތުން އާމީން ކިޔުމަކީ ނެތްކަމެއްކަމަށް ރިވާކުރެވިފައިވާ ރިވާކުރުންތަކަށް މިބާބުގައި ވާރިދު ވެފައިވާ ހަދީސްތައް ރައްދުދޭކަމަށް ވެސް އައްޝަޥްކާނީ ބަޔާންކުރައްވައެވެ. (ނައިލު އަލްއަވްޠާރި 222/1).
ނަމާދުގައި އަލްފާތިޙާ ސޫރަތް ކިޔެވުމަށްފަހު އާމީން ކިޔެވުން ޝަރުޢުކުރެވިފައި ވިޔަސް، އެކަމުގެ ޙުކުމާއި ދޭތެރޭ ފިޤުހުވެރިންގެ ރައުޔު ތަފާތެވެ. ޞަޙީޙު އަލްބުޚާރީގެ ޝަރަޙައެއް ލިޔުއްވި އިބްނު ޙަޖަރު ވިދާޅުވަނީ ގިނަ އިލްމުވެރިން ދެކެވަޑައިގަންނަވަނީ އެއީ މަންދޫބު (އެދެވިގެންވާ) ކަމެއްގެ ގޮތުގައެވެ. ޡާހިރީ މަޒްހަބުގައި އާމިން ކިޔުމަކީ ވާޖިބު ކަމެކެވެ. އަދި ޝައިޚު މުހައްމަދު ޢަބްދުހޫ ދެކެވަޑައިގަންނަވާގޮތުގައި އިމާމާ އާމީން ކިޔެވުމުން މައުމޫމުންގެ މައްޗަށް އާމީން ކިޔުން ވާޖިބުވެގެންވެއެވެ. މިޚިޔާލު ތަފާތުވުން ބިނާވެފައިވަނީ ކީރިތި ރަސޫލާ އާމީން ކިޔުމަށް ވިދާޅުވެފައި އޮތް އިބާރާތުގައި އަމުރުގެ ސީޣާ (ކަލޭމެން އާމީން ކިޔާށެވެ!) މާނަކުރެވުމާއިއެވެ. އެއްބަޔަކު މާނަކުރަނީ މިތާގައި އަމުރުގެ ޞީޣާ ދޭހަކޮށްދެނީ އެއީ އެދެވިގެންވާ ކަމެއްގެ ގޮތުގައެވެ. އަނެއްބަޔަކު ދެކެނީ އަމުރުގެ ޞީޣާ މާނަކުރެވެނީ ކޮންމެހެން ކުރަންޖެހޭ ވާޖިބު ކަމެއްގެ ގޮތުގައެވެ.
އާމީން އާއި ބެހޭގޮތުން ދެން އޮތީ އެލަފުޒުގެ މާނައާއި ބެހޭ މައްސަލައެވެ. އެލަފުޒުގެ މާނަ ބަޔާންކޮށްދިނުމުގައި ގިނަ އިލްމުވެރިން ވިދާޅުވަނީ އާމީން ގެ މާނައަކީ ‘اللهم فاستجب’ މިއެވެ. “ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ، (އަޅަމެންގެ ދުއާ) އިޖާބަ ކޮށްދެއްވާފާނދޭވެ’ މިއެވެ. ބައެއް އިލްމުވެރިން ވިދާޅުވަނީ އާމީންގެ މާނައަކީ كذلك فليكن މިއެވެ. އެފަދައިން، (އެބަހީ، އަޅަމެން ދުއާގައި ދަންނަވާފަދައިން) އެކަންވާހުށިކަމެވެ’ މިއެވެ. އާމީން އަކީ މާތްﷲގެ އިސްމުފުޅެއްކަމުގައިވެސް މުޖާހިދު ފަދަ ބައެއް އިލްމުވެރިން ވިދާޅުވެއެވެ. މާނައަކީ ‘ހައްގުވަންތަ ފަރާތް’ މިއެވެ. މިމާނަ ލަފާކުރެވޭގޮތުގައި ނެގިފައިވަނީ ބައިބަލް އިންނެވެ. މުފައްސިރުންގެ އިސްތިލާހުގައި އިސްރާއީލީ ރިވާޔަތްތަކުންނެވެ. އާމީން އެއީ އަރަބި ބަހުގައި މާތްﷲގެ އިސްމުފުޅެއް ނޫންކަމަށް އަލްއަޒްހަރީ ފަދަ އިހުގެ އަރަބި ބަހުގެ އިލްމުވެރީން ވިދާޅުވެ، މިރައުޔުއަށް ރައްދުދެއްވައެވެ. (އިބްނު މަންޡޫރު، ލިސާނު އަލްޢަރަބް 27/13)
މިތަނުގައި ފާހަގަކޮށްލަން ޖެހެނީ ނަމާދުގައި މުސްލިމުން އެންމެ ފުރަތަމަ އާމީން ކީއިރު ކިއީ ކޮން މާނައެއްގައި ތޯއެވެ. މުސްލިމުން، އާމީން، މިލަފްޒު، އަބަދުވެސް ބޭނުން ކޮށްފައިވަނީ މާތްﷲގެ ހަޟްރަތުގައި ދުއާ ދެންނެވުމަށްފަހު އެދުއާ އިޖާބަކޮށްދެއްވުމަށް އަދައިދެންނެވުމުގެ މާނަ ދޭހަކޮށްދޭ އިބާރާތެއްގެ ގޮތުގައެވެ. އަދި ހަމަ އެހެންމެ، އެހެން ބައެއް ދީންތަކުގައި ވެސް އާމީން ބޭނުން ކުރެވެނީ މިފަދަ މާނައެއްގައެވެ.
އާދެ، މިހިސާބުން އަލްފާތިޙާ ސޫރަތަށް އިތުރުކޮށްލުމުގެ ގޮތުން، އަޢޫޛު އާއި ބިސްމި އާއި އާމީންކިޔުމާ ބެހޭގޮތުން ގެނެސްދެވުނު ވާހަކަތައް ނިމުނީއެވެ. ދެން ބަލައިލެވޭތޯ މަސައްކަތްކުރާނީ އަލްބަޤަރާ ސޫރަތުގެ މައްޗަށެވެ. އެންމެ ފުރަތަމަ އެސޫރަތުގެ ވަށަރޮނގެއް އަންނަ ހަފްތާގައި އިރާދަކުރެއްވިއްޔާ ހުށަހަޅާލެވޭތޯ ބަލާނަމެވެ. (ނިމުނީ)