ވޯޓުލުން ހަވީރު 5:00ގެ ނިޔަލަށް، ވަގުތު އިތުރެއް ނުކުރާނެ: އީސީ

b_4Ne81PdUWozwC1SzWQ20o0pn6.jpeg

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 5:00އާހަމައަށް ކަމަށާއި ވަގުތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ނެގުން އޮންނާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 5:00 އަށް ކަމަށާއި ގަޑި އިތުރު ނުކުރާނެ ކަމަށެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ހައްގު އަދާކުރުމަށް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

މިމަހުގެ ނުވަވަނަ ދުވަހު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00ގެ ނިޔަލަށެވެ. ވަގުތު ކުޑަކަމަށް ބުނެ، ގިނަ ބަޔަކަށް ވޯޓު ނުލެވުމުގެ ސަބަބުން ބައެއް ފަރާތްތަކުން ވަނީ އޭރު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންކަމުން އީސީން ވަނީ ދެވަނަ ބުރުގެ ވޯޓުލުން ހަވީރު 5:00ގެ ނިޔަލަށް ކުރިއަށްގެންދާ ގޮތަށް ވަގުތު އިތުރުކޮށްފައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 282،395 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވީ ނަމަވެސް، މިފަހަރު ވޯޓުލުމަށް ނުކުތް މީހުންގެ ނިސްބަތް ކުރީ ފަހަރު ތަކަށްވުރެ ދަށެވެ. މީގެ ކުރީ ރިޔާސީ އިންތިޚާބު ތަކުގައި ވަނީ 80 ޕަސަންޓަށްވުރެ ގިނަ މީހުން ވޯޓުލާން ނުކުމެފައެވެ. އެގޮތުން 2008ގައި ބޭއްވި ފުރަތަމަ އިންތިހާބުގައި 86.5 ޕަސަންޓު މީހުން ވޯޓުލިއެވެ. އޭގެ ފަހުން ބޭއްވި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި 91.4 ޕަސަންޓު މީހުން ވޯޓުލި އިރު، އެންމެ ފަހުން 2018ގައި ބޭއްވި ރިޔާސީ އިންތިހާބުގައި 89.2 ޕަސަންޓު މީހުން ވޯޓުލިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމުލަ އަދަދަކީ 282،803 އެވެ. އޭގެ ތެރޭގައި އިތުރަށް ހިމެނެނީ މިއަދުގެ ނިޔަލަށް 18 އަހަރުފުރޭ 408 ޒުވާނުންނެވެ. އެއީ 196 އަންހެނުންނާއި 212 ފިރިހެންނެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރަނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯދި ދެ ކެންޑިޑޭޓުންނެވެ. އެއީ 45.1 ޕަސަންޓާއެކު 101،581 ވޯޓު ހޯއްދެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި 38.2 ޕަސަންޓާއެކު 86،164 ވޯޓު ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top