ޑރ. މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފި

F6oif4Za4AA3ETW.jpg

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު، މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، ރާއްޖޭގެ އަށްވަނަ ރައީސްކަމަށް އިންތިޚާބު ވެވަޑައިގަންނަވާނެކަން ޔަގީންކުރެވިއްޖެ އެވެ.

މިއަދު ބޭއްވި އިންތިޚާބުގެ ދެވަނަ ބުރުގައި 282،804 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެއެވެ. އޭގެ ތެރެއިން 86 އިންސައްތައަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލާން ނުކުމެފައެވެ.

ދެވަނަ ބުރުގެ ވޯޓުލުމުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 586 ވޯޓު ފޮށީގެ ތެރެއިން މިހާތަނަށް ގުނި 487 ފޮށިން މުއިއްޒު ވަނީ 100،139 ވޯޓު ހޯއްދަވައިފަ އެވެ. މުއިއްޒާ ވާދަކުރެއްވި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް ލިބިވަޑައިގަތީ 85،356 ވޯޓެވެ. އެއީ، 15،000 ވޯޓުގެ ފަރަގެވެ.

މި މަހު ނުވައެއްގައި ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި ވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އޭގެ ފަހުން ދެވަނަ ބުރުގައި އެމްއެންޕީންނާއި ފުރަތަމަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވި އެމްޑީއޭއިން ވެސް ވަނީ މުއިއްޒަށް ތާއީދު ކުރަން ނިންމައިފައެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެންމެ ފުރަތަމަ އެ ކޯލިޝަންގެ ކެންޑިޑެސީ އެރުވީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށެވެ.

އެކަމަކު، ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އެ މަނިކުފާނަށް ދަށު ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރީއެވެ. އެހެންވެ، ސެނެޓުގައި ބޭއްވި ސިއްރު ވޯޓަކުން ޕީއެންސީގެ ޓިކެޓު ކަށަވަރު ކުރެއްވީ މުއިއްޒެވެ.

އިންތިޚާބުގައި ވާދަކުރެއްވި އިރު، މުއިއްޒު ހުންނެވީ މާލޭ ސިޓީގެ މޭޔަރުގެ މަގާމުގައެވެ. މިއަދު އޭނާ ރައީސް ކަމަށް އިންތިޚާބުވުމާ އެކު، މާލޭގެ މޭޔަރުކަން ހުސްވާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top