މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާ މުވައްޒަފުންގެ މުސާރައަށް އިއްޔެ ފެށިގެން ބޮޑުކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ކޮޅުމަޑުލު ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޔުނިވާސިޓީތަކުގެ ލެކްޗަރާއިންގެ މުސާރަ 59 އިންސައްތަ އިތުރުކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، މި އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ފަދައިން މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް އިއްޔެއިން ފެށިގެން ސަރުކާރުން ހެޔޮ ބަދަލެއް ގެނެސްފައިވާ ކަމުގައެވެ.
މި ބަދަލާއެކު ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި އިސްލާމިިކް ޔުނިވާސިޓީގެ އިތުރުން، ޕޮލިޓެކްނިކްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދެން މުސާރަ ލިބެނީ ހެޔޮ ބަދަލުތަކާއި އެކުގައި ކަމަށް ރަައީސް ސޯލިހް ވިދާޅުވިއެވެ.
މީގެ ކުރިން ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއިންގެ މުސާރައަކީ 18،880ރ އެވެ. ނަމަވެސް ދެން އެމްއެންޔޫގެ ލެކްޗަރާއިންގެ މުސާރައަކީ އިތުރު ވަގުތާ ނުލާ މަހެއްގެ މައްޗަށް 29،900ރ ކަމަށް ރައީސް ވިދާޅުވިއެވެ.
“މިއީ ގާތްގަނޑަކަށް %59 އިންސައްތައިގެ ކުރިއެރުމެއް”.
މީގެ އިތުރުން ސީނިއާ ލެކްޗަރާއަކަށް އިތުރުގަޑިއާއެކު މިހާރު ލިބެނީ 20،830ރ ކަމަށާއި، ގެނެވުނު ބަދަލާއި އެކުގައި އިތުރު ގަޑި ނުލާ 34،000ރ ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެސިސްޓެންޓް ޕްރޮފެސަރެއްގެ މުސާރަ، 23،500ރ އިން 39،000ރ އަށް ބަދަލުވެގެން ދާނެ ކަމަށާއި އެސޯސިއޭޓް ޕްރޮފެސަރެއްގެ މުސާރަ، 26،000ރ އިން 45،000ރ އަށް ބޮޑުވެގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޑީންއެއްގެ މުސާރަ 30،000ރ. އިން 38،000ރ އަށް ބަދަލުކޮށް، ރެޖިސްޓަރާގެ މުސާރަ 32،000ރ. އިން 42،000ރ އަށް ބަދަލު ކުރުމާއި، ޑެޕިޔުޓީ ވައިސް ޗާންސެލަރގެ މުސާރަ 39،000ރ. އިން 48،000ރ އަށް ބަދަލު ކުރުން ހިމެނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަދި ވޮކޭޝަނަލް އެޑިއުކޭޝަންގެ ޕްރޮފެޝަނަލުންގެ ތެރޭގައި ހިމެނޭ އެސޯސިއޭޓް ލެކްޗަރުންނަށް މިހާރު ލިބޭ 14،700ރ.ގެ ބަދަލުގައި 26،000ރ. އަށް މުސާރަ ބަދަލުވެގެން ދާނެ ކަމަށާއި، ލެކްޗަރުންގެ މުސާރަ 17،000ރ. އިން 29،000ރ އަށާއި، ސީނިއާ ލެކްޗަރުންގެ މުސާރަ 17،000ރ. އިން 34،000ރ. އަށް ބަދަލު ވެގެން ދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ލެކްޗަރާއިންގެ މުސާރަ ބޮޑު ކުރުމަށް ނިންމާފައިވާއިރު ފާއިތުވި އަހަރު ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ވެސް ވަނީ ބޮޑުކޮށްފައެވެ. އޭގެ އިތުރުން، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ވެސް މޭ މަހު ބޮޑު ކުރަން ނިންމާފައިވެއެވެ.