އޭދަފުށި ހެދިކާ: މާލޭގެ ސުޕަމާކެޓް ތަކާ ހަމައަށް

viber_image_2023-04-10_16-11-48-149.jpg

(ގައްޔޫމް+ނަސީރު)   ”އޭދަފުށި ހެދިކާ“ އަކީ ރަޖިސްޓަޑް ބްރޭންޑެކެވެ. ސައްތައިން ސައްތަ އޭދަފުށީ އަންހެނުންގެ އުފެއްދުމެކެވެ. އޭދަފުށީ އަންހެނުންނަކީ މީރުކޮށް ކެއްކުމަށް މަޝްހޫރު ބައެކެވެ. ކެއުމުގައި ބޭނުން ކުރާ މައިގަނޑު ތަކެތީގެ އިތުރުން ނާސްތާ ގެ ގޮތުގައި ކުރިން ބޭނުން ކޮށް އުޅުނީ އަމިއްލަ އުފެއްދުން ތަކެވެ. ކުޅި ރުއްބުޑާއި ކުޅި ކާޖާ، އިއްޑިއައްޕަނާއި ތަރަފަނަ ފަދަ ތަކެއްޗެވެ. އެއީ އޭދަފުށީ މީހުން އެއަށް ދީފައި ހުރި ނަންނަމެވެ. ފޮންޏަސް ކުޅިޔަސް ރަހައަށް ބަދަލެއް ނައިސް މިއަދާ ހަމައަށްވެސް އެރަހަ އެވެ.

ތާރީޚު އެނގެން ފެށިއްސުރެ އީދު ބާރައަށާއި ބޮޑު މާލޫދަށް އަދި ދީނީ ގޮތުން ފާހަގަކުރާ މުނާސަބަތު ތަކަށް ހެދިކާ ހެދުމަކީ ރާއްޖެތެރޭގައި ނިކަން ފޯރީގައި ކުރަމުން އައި ކަމެކެވެ. އޭދަފުށީގައި ވެސް އެއާދަ އޮތެވެ. ހެދިކާ ތަކަށް ކިޔާ ނަންތަކުގައި  ކުދިކުދި ތަފާތު ނެތެކެ ނޫނެވެ. އެކަމަކު ގިނަ ހެދިކާ އަށް ދީފައިހުންނަނީ އެއް ނަން ތަކެކެވެ. އުޅާލި، ފޮނި ރޮށި، ކުޅިރޮށި، ކާޖާ ކަހަލަ ނަންނަމެވެ.

ޒަމާނަށް އައި ބަދަލާއި ހޭލުންތެރިކަމާއި ތަރައްގީގެ ބާރު ގަދަކުރުމާއެކު މުސްކުޅި އެއާދަ އުވި ހިނގައްޖެ އެވެ. އެހެން ނަމަވެސް ބައެއް ރަށްރަށުގައި އަދިވެސް ބޮޑުއީދަށް ހެދިކާ ހަދައެވެ.

އޭރެކޭ އެއްފަދައިން މިހާރުވެސް އޭދަފުށީގައި ބޮޑު އީދަށް ހެދިކާ ހަދަ އެވެ. ތަފާތަކީ ދީނާއި އާދަކާދައިގެ ގޮތުގައި ކުރަމުން އައި ކަމެއް އެހެން ގޮތަކަށް ބަދަލު ވުމެވެ. މިއަދު އެކަން ކުރަނީ ގާތްތިމާގެ މީހުންނާއި ރަށުން ބޭރުގައި ތިބި ރައްޓެހިންނާއި ޚާއްސަކޮށް މާލޭގައި ދިރިއުޅޭ އާއިލާ މީހުންނަށް ފޮނުވާ ހަދިޔާއެއްގެ ގޮތުގައެވެ. އެގޮތުން އެކެއްގެ އަރުތެރެއިން އަނެކެއްގެ އަރު ތެރެއަށް ނަގުލުވަމުން އޭގެ މީރު ރަހަ ފެތުރިގެން ގޮސް އޭދަފުށިން ބޭރުވެ މާލޭގެ ބޮޑެތި ސުޕަމާކެޓް ތަކުގެ ހަރުގަނޑުތަކާ ހަމައަށް ވެސް ހިނގައްޖެ އެވެ. އެންމެފަހުން ވިޔަފާރިއަކަށް ބަދަލުވީއެވެ.

”އޭދަފުށީ ހެދިކާ“ އޭދަފުށީގެ އަސްދަނޑިން ބޭރުވެ އަވައްޓެރި ރަށްރަށާއި މާލޭގެ ބޮޑެތި ސުޕަމާޓް ތަކުގެ ހަރުތަކުގައި ރަސްކަން ކުރަން ފެށިތާ އަދި އަހަރުތަކެއް ނުވެ އެވެ. ޔަގީންވާ ކަމަކީ ކޮންމެ ބަޔަކު އިސްނަގައިގެން ކުރަން ފެށި ކަމެއް ކަމަށް ވިޔަސް އެބައެއްގެ އާމްދަނީއަށް ރަނގަޅު އަދަދެއް އިތުރުވާނެ ކަމެވެ. އެއީ އޭދަފުށީގެ އުފެއްދުން ކަމެވެ. އެތަކެތި އުފައްދަނީ އޭދަފުށީގެ ބަދިގެ ތަކުންނެވެ.

”އޭދަފުށި ހެދިކާ“ މާލޭ މާކެޓަށް ސަޕްލައި ކުރާ އޭއެމް ކުންފުނީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވޭތީ މާޓްތަކުން ޝަކުވާ ކުރެއެވެ.

”އަޅުގަނޑުމެން އެތަކެތި ސަޕްލައި މިކުރަނީ މާލޭގެ ސުޕަމާކެތްތަކަށް. ވަރަށް ގިނަ ސުޕަމާކެޓް ތަކުން ބޭނުންވެގެން ގުޅާ. އެވަރަށް ނުއުފެއްދެނީ. ”އޭދަފުށި ހެދިކާ“ ތައްޔާރުކުރަނީ އެފްޑީއޭ އިން ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭގޮތަށް ޚާއްސަ ކޮތަޅެއްގައި ބަންދުކޮށްގެން. ވިއްކަން ހުންނާނީ ދެކައުންޓަރު ނުވަތަ އެއަށްވުރެ ގިނަ ކައުންޓަރު ހުންނަ މާލޭގެ ބައެއް މާޓްތަކުގައި.“ނަންޖެހުމަށް އުޒުރުވެރިވަމުން އެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ބުނި ގޮތުގައި ސުޕަމާޓް ތަކުގައި އާއްމުކޮށް ވިއްކަން ހުންނާނީ ހަތަރު ވައްތަރުގެ ހެދިކާއެވެ. އެއީ ކުޅި ރުއްބުޑާއި ކުޅިރޮށީގެ އިތުރުން ފޮނިި ރޮއްޓާއި ކުޅި ކާޖާ އެވެ.

އެކުންފުނިން ނޫނަސް އޭދަފުށީ ހެދިކާ ވިއްކަމުން ގެންދާ ބައެއް ފިހާރަތައް އޭދަފުށީގައިވެސް ހުރެއެވެ.

މި މަސައްކަތުން ރަނގަޅު އާމްދަނީއެއް ހޯދާ އެއް ގެއަކީ އޭދަފުށީ ކަނީރުގެ އެވެ. އެގޭ ހަލީމާ އާއި ނާޝިދާގެ ދެމައިންނެވެ.

އުމުރުން 82 އަހަރުގެ ހަލީމާ އަހުމަދަކީ މީރުކޮށް ހެދިކާ ހެދުމަށް މަޝްހޫރު ކަނބަލެކެވެ. އޭނާއާއި އެހީވަނީ ދަރިފުޅު ނާޝިދާ އާއި އޭނާގެ ފިރިމީހާ އެވެ.

ހެދިކާ ތައްޔާރުކުރާ ގޮތް ގާތުން ދެކިލަން ވަރަށް ހެނދުނާ އެގެއަށް ދިޔައިރުވެސް ހަލީމާ އިނީ އުނދުން ފުއްޑަނުގަ އެވެ. ކަރަންޓު ރޮށި ފިހާ މެޝިނަކުން ކުޅިރޮށި ފިހަނީ އެވެ.

ހަމަ ވަނުމާއެކު ރަހަ ބަލާލާށޭ ބުނެ ކުޅިރޮއްޓެެއް ދިއްކޮށްލި އެވެ. އެރަހަ މީރުވެގެން އަހަރެމެންނަށް ޅަދުވަސް ވަރުގެ ހަނދާންތައް އާވެގެން ދިޔަ އެވެ. މަންމަމެން މާމަމެން ހަދައި އުޅުނު މި ހެދިކާގެ މީރުރަހަ އެވެ.

”އަހަންނަށް ވުރެ ކުރިން މިރަށުގައި މިކަން މިގޮތަށް ވިޔަފާރިއަށް ފެށި މީހަކު ނުހުންނާނެ. އެކަމަކު ވިޔަފާރިއަށް މިމަސައްކަތް ފެށީ އެހެން އެހެން މީހަކާ އެކު އޭނާގެ ގޭގަ.“ ހަލީމާ ފުރަތަމަ ވެސް ބުނެލީ މިހެންނެވެ.

އޭގެ ކުރިން ހަލީމާވެސް އަދި އެހެން މީހުންވެސް މިކަން ކުރަނީ ވިއްކާ ވިޔަފާރިއަކަށް ނޫނެވެ. މިއަށް ވުރެ މާގިނަ  ވައްތަރުތައް އީދުބާރަ އަށާއި ދީނީ މުނާސަބަތުތަކަށް ތައްޔާރު ކުރެއެވެ. މިހުރިހާ ތަކެތި ހަދަނީ އާއިލާއަށާއި ރައްޓެހިންނަށް ބެހުމަށާއި ގޭގައި ނާސްތާ ކުރާށެވެ.

”އެދުވަސް ހިނގައްޖެ. މިހާރު މިކަން މިކުރަނީ ވިޔަފާރިއަށް. ތައްޔާރު މިކުރަނީ ރުއްބުޑާ ކުޅިރޮއްޓާ ކާޖާ އާ ފޮނިރޮށި. ނަމަވެސް ތައްޔާރުކުރަން ބޭނުން ކުރަނީ އޭރުވެސް ބޭނުންކުރާ އެއްޗެތި. ދުވާލަކު ދެޑަބިޔާ ބައެއް ދުވަހު ތިން ޑަބިޔާ ވެސް ހެދޭ. “

އެކަމަކު އޭރު ހަދާ ހެދިކާގައި ހުންނަ މީރު ރަހަ މިހާރު ނުހުންނަ ކަމަށް ހަލީމާ އެއްބަސްވި އެވެ. ސަބަބުވެސް ކިޔައިދިނެވެ.

”އޭރު އަހަރެމެން ބޭނުން ކުރަނީ ކެމިކަލް ނުޖަހާ ގޭ ގިފިލީގައި ހައްދާ ގިތެޔޮ މިރުސް. ގޭގައި ކައްކާ ރިހާކުރު. މީރުވަސް ދުވާ ދިވެހި ލުނބޯ. މިހެން ގޮސް ބޭނުންކުރާ ހުރިހާ އެއްޗިއްސަކީ ވެސް އަހަރެމެން ހައްދާ، އުފައްދާ ތަކެތި. އެކަމަކު މިހާރު ބޭނުން މިކުރަނީ ރާއްޖެއިން ބޭރުން ގެންނަަ ކިލޯ ކިރައިގެން ވިއްކާ އެއްޗެތި. އެ އެއްޗެތި ހައްދަނީ ބޭސްޖަހައިގެން. އެތަފާތު އެފެންނަނީ.“

ކިތަންމެ ކުރާހިތުން ކުރާ ކަމެއްކަމަށް ވިޔަސް ނާޝިދާގެ 82 އަހަރުގެ މަންމަގެ މި މަސައްކަތާމެދު ނާޝިދާހުރީ އެހާ ހިތްހަމަ ޖެހިގެން ނޫނެވެ. އޭނާ ބޭނުންވަނީ މަންމަ އަރާމު ކުރާށެވެ. އެކަމަކު މަންމަ އެގޮތް ބޭނުން ނުވަނީ އެވެ. މަސައްކަތެއް ނުކޮށް އިންނަން ހިތްހަމަ ނުޖެހެނީ އެވެ.

”އެކަނި ނީންނަން ވެގެން ކުރާ ކަމެއް މީ. މިއުމުރަށް ދިއުމުން މަސައްކަތެއް ނުކޮށް އިންނަން ވެއްޖެނަމަ އިސާހިތަކު ބަލިވެދާނެ. އެންމެ ޒުވާން އިރުވެސް އަހަންނަކީ ބުރަކޮށް މަސައްކަތް ކުރަމުން އައި މީހެއް. މަރުހޫމް ފިރިމީހާ އަކީ މަސްއޮޑި އެއްގެ ދެބައި ލިބޭ ކެޔޮޅެއް. ހުކުރުދުވަސް ނޫނީ ކޮންމެ ދުވަހަކުވެސް މަހަށް ދާނެ. އެހުރިހާ މަހެއް ކައްކައި ހިއްކައި ރިހާކުރަން ހަދަމުން ގެންދިޔައީ ދަރިންވެސް ބަލަމުން އެކަނި މާއެކަނި. އެކަމާ އިހުމާލުވީ ކަމަކަށް އެއްވެސް ދަރިއަކަށް ނުބުނެވޭނެ. އެހެންވީމާ ބޭނުމެއް ނޫން ނޭވާލެވޭހައި ހިނދަކު ހިލޭ އިންނާކަށް.“ ހަލީމާ ކިޔައިދިނެވެ.

އެދެމައިން ކޮންމެ ދުވަހަކު ހެނދުނުން ފަށައިގެން އަސުރާ ހަމައަށް މިމަސައްކަތުގައި ދެމިތިބެ އެވެ. ރަނގަޅު އާމްދަނީއެއްވެސް ލިބެ އެވެ. އާމްދަނީ ހޯދުމަށް ކުރަން އެއްވަނައިގެ ކަމެއް ކަމަށް ދެމައިންވެސް ބުންޏެވެ.

”ކިތަންމެ ވަރަކަށް ހެދިޔަސް ނުވިިކިގެން އުޅޭކަށް ނުޖެހޭ. ފިހާރަތަކުން ގަންނަން ނުލިބިގެން މި ގެއަށްވެސް މީހުން އާދޭ. ހަމައެކަނި ރަށު މީހުންނެއް ނޫން. އެހެން ރަށްރަށުގެ މީހުންވެސް.“ ނާޝިދާ އިތުރުކޮށްލި އެވެ.

އެދެމައިން ވެސް ބުނަނީ ޑިމާންޑާ އެއްވަރަށް ނުއުފެއްދޭ ވާހަކަ އެވެ. މާނައަކީ އޭދަފުށީ ހެދިކާ މިހާރު މިވަނީ ވިޔަފާރީގެ  ރަނގަޅު ބްރޭންޑަކަށް ވެ މާލޭގެ ބޮޑެތި ސުޕަމާކެޓް ތަކުގެ ހަރުގަނޑުތައް ފުރަން ފަށާފަ އެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top