އޭދަފުށިން ބިން ނުލިބުމުން، ނަވަލޯކާއިން މާޅޮހުން ބިމެއް ކުއްޔަށް ނަގައިފި

baa-maalhos1.jpg

ބ. މާޅޮސް. މިރަށުން ނަވަލޯކާ ކޮންސްޓްރަކްޝަނަށް ވަނީ 13000 އަކަފޫޓްގެ ބިމެއްދީފައި / ފޮޓޯ: ފައިލް

އޭދަފުށީ ހިއްކިބިމުން ބިން ހޯދަން ކުރި މަސައްކަތް ކާމިޔާބުނުވުމުން، ސްރީލަންކާގެ ނަވަލޯކާ ކޮންސްޓަރަކްޝަން ގްރޫޕުން ބ. މާޅޮހުން 13000 އަކަފޫޓްގެ ބިމެއް ކުއްޔަށް ހިފައިފިއެވެ.

ބ. ވައްކަރު ރިސޯޓް ތަރައްޤީކުރަމުން އަންނަ ނަވަލޯކާއަށް އޭދަފުށިން ވަގުތީ ބިމެއް ދޭން ކުރީގެ ކައުންސިލުން ފާސްކުރީ މިދިޔަ އޭޕްރީލްމަހުއެވެ. 21000 އަކަފޫޓްގެ ބިމެއް ނަވަލޯކާއަށް އޭދަފުށިން ދޭން ކައުންސިލުން ފާސްކުރި ނަމަވެސް އެބިން ކުއްޔަށް ދިނުމަށް ހައުސިން މިނިސްޓްރީން މިހާތަނާ ހަމައަށް ހުއްދަ ލިބިފައި ނުވާކަމަށް އޭދަަފުށީ ކައުންސިލުން ބުނެއެވެ.

ނަވަލޯކާއިން 13000 އަކަފޫޓްގެ ބިމެއް މާޅޮހުން ކުއްޔަށް ހިފީ އިއްޔެއިން ފެށިގެން އެއްއަހަރު ދުވަހުގެ މުއްދަތަށެވެ. މާޅޮހު ކައުންސިލުން ބުނީ ނަވަލޯކާއަށް ބިން ކުއްޔަށް ދިނުމާއެކު އެރަށުގެ ރައްޔިތުންގެ މާލިއްޔާއަށް މަހަކު 13000 ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށާ، އެއްއަހަރު ދުވަސްތެރޭގައި ދޮޅުލައްކައަށްވުރެ ގިނަ ރުފިޔާ ރައްޔިތުންގެ މާލިއްޔާއަށް ލިބިގެންދާނޭކަމަށެވެ.

މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވީ ނަވަލޯކާއިން އެރަށުގެ ބިން ބޭނުންކުރާނީ އެމީހުންގެ ބައެއް ވެހިކަލްތަކާއި، މެޝިނަރީ ބެހެއްޓުމަށް ކަމަށާ، މިތަކެތި ބޭނުންކޮށްގެން މާޅޮހުގެ ތަރައްޤީގެ މަޝްރޫއުތަކަށްވެސް ބޮޑެތި ހިލޭ އެހީތަކެއް ލިބިގެންދާނޭކަމަށެވެ.

“ކިތައް އެއްލައްކަ ފަންސާސްހާސްތޯ ލިބޭނީ. އަޅުގަނޑުމެންގެ ރަށުގެ ބަނދަރު މަރާމާތުކުރުމަށް މިހާރުވެސް ހައިމާކެއް ބޭނުންވެގެން މިއުޅެނީ. ނަވަލޯކާއިން އެއްބަސްވެފައިވަނީ އެމީހުންގެ ހައިމާކް މިރަށުގެ ތަރައްޤީގެ ކަންކަމަށް ހިލޭ ދޭނެކަމަށް. ވަރަށް ބޮޑު ފައިދާތަކެއް އަޅުގަނޑުމެންނަށް މިކަމުގެ ސަބަބުން ކުރާނެކަމަށް އަޅުގަނޑު ގަބޫލުކުރަން” ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ނަވަލޯކާ ކުންފުނީގެ މެޝިނަރީތަކާއި، ވެހިކަލްތައް މިއަދު އެރަށަށް ގެންނާނެކަމަށާ، މާޅޮހު ކައުންސިލުން އެކުންފުންޏާ ގުޅިގެން މާޅޮހު ރައްޔިތުންގެ ލާބަޔާ މަންފާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top