ގެސްޓް ހައުސް ހުޅުވުމާ ދެކޮޅަށް ދަރަވަންދޫގައި މުޒާހަރާ ކޮށްފި

11-1.jpg

ދަރަވަންދޫގައި ގެސްޓްހައުސް ހުޅުވުމާއި ދެކޮޅަށް ރަށުގެ ބަޔަކު ނުކުމެ މުޒާހަރާ ކޮށްފިއެވެ.

މިއަދު މެންދުރުން ފެށިގެން 4 ޖެހުމާ ހަމައަށް ދަރަވަންދޫގައި މުޒާހަރާކުރީ ކޮވިޑް-19 އާއެކު ގެސްޓު ހައުސްތައް ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ރަށު ކައުންސިލުން ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަ ދިނުމުން ކަމަށް މި މުޒާހަރާގެ ބައިވެރިއަކު މި ނޫހަށް މައުލޫމާތު ދިނެވެ.

އޭނާ ބުނިީ މީގެ މަހެއްހާ ދުވަސްކުރިން ގެސްޓުން ގެނައުމާއި ގުޅޭގޮތުން ދަރަވަންދޫގެ ރައްޔިތުންނާއި ކައުންސިލުން ބައްދަލު ކުރި ކަމަށާއި އެ ބައްދަލުވުމުގައި ރައްޔިތުންގެ ވޯޓުން ވަނީ ދަރަވަންދޫއަށް ގެސްޓުން ނުގެނައުމަށް ނިންމާފައި ކަމަށެވެ.

އޭނާ އިތުރަށް ބުނީ ރައްޔިތުންގެ ކަންބޮޑުވުމަކީ ގެސްޓު ހައުސްތައް ހުޅުވުމުގެ ސަބަބުން ރައްޔިތުން ރަށު ބަންދުގައި ތިބެން ޖެހުމާއި އެކަމުން ލިބޭ ބޮޑެތި ގެއްލުންތަކާއެކު ރައްޔިތުން މާސްކް އަޅަންޖެހޭ ގޮތަށް އެޗްޕީއޭގެ ގަވާއިދުގައި އޮންނާތީ ކަމަށެވެ.

ހަމަ އެއާއެކު ގެސްޓު ހައުސްތައް ހުޅުވުމުން ރައްޔިތުންނަށް އެހެން ރަށްރަށަށް ދިއުމާއި، އެހެން ރަށްރަށު މީހުންނަށް ދަރަވަންދުއަށް އައުން މަނާވުމަކީ ވެސް މިއަދު މުޒާހަރާކުރި މީހުންގެ އެންމެ ބޮޑު ކަންބޮޑުވުން ކަމަށް އޭނާ ބުންޏެވެ.

“މިހާރު އަޅުގަނޑުމެން ގެސްޓު ހައުސްތައް ހުޅުވުމަށް ފަހު ދެން ތިބެން މިޖެހެނީ ފާޑަކަށް ރަށުގައި ބަންދުވެފައި. ހަގީގަތުގައި ދަރަވަންދުއަކީ އެހެން ރަށްރަށަށް ނުގޮސް މިހެން ރަށު ބަންދުގައި ތިބެވޭހާ ތިޔާގި ރަށެއް ނޫން” އޭނާ ބުންޏެވެ.

ރަށު ކައުންސިލްގެ ރައީސް އަލީ މާޖިދު ވިދާޅުވީ ގެސްޓު ހައުސްތައް ހުޅުވާފައިވަނީ ދަރަވަންދު އަކީ ގިނަ ގެސްޓު ހައުސްތަކެއް ހިންގަމުން އަންނަ ރަށެއް ކަމުން އެކަން ކުރުމަށް ޓޫރިޒަމް މިނިސްޓްރީން އެދެން ފެށުމުން ކަމަށާއި، އެކަމަކު ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލުންވެސް ގަބޫލުކުރާ ކަމަށެވެ.

އަދި މިއަދު މުޒާހަރާގައި ކައުންސިލުން އިސްތިއުފާ ދިނުމަށް ގޮވާލާފައިވާކަން ފާހަގަކޮށް މާޖިދު ވިދާޅުވީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރިކަން ކައުންސިލުންވެސް ދެނެގަންނަ ކަމަށާއި، މިކަންކަމުގެ ހައްލު ހޯދުމަށް ކައުންސިލުން އަންނަނީ ކަމާއި ގުޅުންހުރި އިދާރާ ތަކާއި އެކު މަޝްވަރާ ކުރަމުން ކަމަށެވެ.

“އަޅުގަނޑުމެންވެސް ގަބޫލުކުރަން މިއީ ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ދައްޗެއްކަން. އަދި ކުރިއަށް އޮތީ ބަންދަށް ވެފައި ތަންތަނަށް ދާން ބޭނުންވާނެ ކަން ވެސް އަޅުގަނޑުމެންނަށް އެނގޭ. ކައުންސިލުން އަންނަނީ މިކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުން” މާޖިދު ވިދާޅުވިއެވެ.

ރައީސް މާޖިދު ވިދާޅުވީ، ކައުންސިލުން ޓޫރިޒަމް މިނިސްޓްރީއާއި މަޝްވަރާ ކުރެވިފައިވާ ކަމަށާއި ދެކެވުނު ވާހަކަ ތަކުގެ ތެރޭގައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގެސްޓްހައުސް ހުޅުވަން ބޭނުން ނުވާ ކަމަށް ދެންނެވިފައިވާނޭ ކަމަށެވެ.

“ބޭނުމެއް ނުވޭ ގެސްޓްހައުސް ހުޅުވަން. އެކަން ރިވައިސް ކުރުމަށް ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ގެސްޓުން ގެނައުމަށް ގަރާރެއްގެ ގޮތުގައި ބަދަލުކުރެވިގެން ދިޔަ. ރައްޔިތުންގެ ބައްދަލުވުމަކީ ވެސް ވެލިޑް އެއްޗެއް. ކައުންސިލުގެ ގަރާރަކީ ވެސް ގާނޫނީ ގޮތުން ބާރުލިބިދޭ އެއްޗެއް. ގަރާރު ރައްޔިތުންގެ ބައްދަލު ވުމަށްވުރެ ބާރުގަދަވާނެ.” ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ޢަލީ މާޖިދު އިތުރަށް ވިދާޅުވީ، ރައްޔިތުން ބޮޑަށް ހިތްހަމަނުޖެހެނީ އެޗްޕީއޭގެ ގައިޑްލައިންގެ ސަބަބުން ކަމަށް ވާތީ އެޗްޕީއޭގެ ގައިޑްލައިން ބަދަލުކުރެވޭތޯ ބަލާފައިވާނެ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ ގެސްޓުން ނުގެންނަ ކަމަށްވާނަމަ އެކަން ކުރަން ކެރޭނެ ކަމަށް ވިދާޅުވިއެވެ.

މާޖިދު ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން މިރޭ ވެސް އެޗްޕީއޭ އާއި އެކު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top