މާލޭގެ ކުޅިވަރު އެކުވެނީގެ އިންޑޯ ބެޑްމިންޓަން ކޯޓުގައި މިހާރު ކުރިއަށްދާ ގައުމީ ބެޑްމިންޓަން މުބާރާތުގެ އަތޮޅު ލީގާއި ސެކަންޑް ޑިވިޜަންގެ ބައިންވެސް މޮޅުވެ އޭދަފުށި ފައިނަލަށް ހިނގައްޖެއެވެ.
މި މުބާރާތުގެ ސެކަންޑްޑިވިޜަންގެ ބައިން އޭދަފުށި ފައިނަލަށް ގޮސްފައިވަނީ ސެމީ ފައިނަލްގައި ސީއެސް ސްޕޯޓްސް އާއި ވާދަކޮށްގެން 3-2 އިން އެޓީމް ބަލިކޮށްފައެވެ.
އަތޮޅު ލީގުގެ ސެމީގައި ރޭ ހޮޅުދޫ ބީޑީސީ އާ ވާދަކޮށް އޭދަފުށި ފައިނަލަށް ދަތުރުކުރީ 3-0 އިން މޮޅުވެގެންނެވެ.
މި މުބާރާތުގެ ފައިނަލްމެޗުތައް މިއަދާއި މިރޭ ކުޅުން ހަމަޖެހިފައިވާ އިރު ސެކަންޑް ޑިވިޜަންގެ ފައިނަލްގައި އޭދަފުށި ނުކުންނާނީ ގޯޅި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މިމެޗް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 10 ޖަހާއިރު އެވެ .
އަތޮޅު ލީގުގެ ފައިނަލްގައި އޭދަފުށި ވާދަކުރާނީ އައްޑޫސިޓީއާ އެވެ. މިމެޗްފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 5 ޖަހާއިރުއެވެ.
އޭދަފުށީ ޓީމްގެ ކޯޗަކީ އިބްރާހިމް ހުސައިން އެވެ. އަދި ޓީމްގެ މެނޭޖަރަކީ އިބްރާހިމް އާމިރު (ސަލްސާ އާމިރު) އެވެ.
ފައިނަލް މެޗްތައް ޓީވީ މޯލްޑިވްސް އިން ވަގުތުން ދުރަށް ދައްކާނެ ކަމަށް އޭދަފުށީ ޓީމުން މައުލޫމާތު ލިބިފައިވެއެވެ.