ކޮޅުދާލި: އިއްބަގެ ތިން ފޫޓަށްވުރެދިގު ބުޅި އިސްތަށިގަނޑު

DSCN7935.jpg

އިއްބަ ،އޭނާގެ ދިގު އިސްތަށިގަނޑާއެކު --އިވި ފޮޓޯ

މިޒުވާނާގެ އިސްތަށިގަނޑު، މަޝްހޫރު ރެޕް ލަވަކިއުންތެރިޔާ ބޮބްމާލީގެ އިސްތަށިގަނޑާ ވައްތަރެއް ނޫން ހެއްޔެވެ؟ އެހެން ކަމަށްވާނަމަ ބޮބްމާލީގެ ފެޝަން އާއި އަދި ކިރިޔާ ގަޔާވާންވީ ކީއްވެގެން ހެއްޔެވެ. އޭނާގެ ތަރި އޮއްސުނު ފަހުން އަލުން އެފެޝަން ދިރުވަން މަސައްކަތް ކުރަނީ ބާއެވެ؟ މިއީ އޭދަފުށީ އިބްރާހީމް ނަސީމް (ބޯދިގު އިއްބަ) އޭނާގެ އުނަގަނޑާ ހަމައަށް އިސްފިރޭނެއްހެން ތިރިއަށް ދިގުކޮށްފައިވާ ވަރުގަދަ އިސްތަށިގަނޑު ފެނިފައި ހިތަށް އެރިހައި އެއްޗިއްސެވެ. ޖީއެން ބޮޑު ސައިކަލެއްގައި އިއްބަ ދަތުރު ކޮށްފައިދާއިރު އިއްބަގެ ބްރައުން ކުލައިގެ ވަރުގަދަ އިސްތަށިގަނޑު ވަޔާ ވާހަކަ ގޮވަމުން އޭނާގެ ފުރަގަހުން ގުޑިއެއް ހެން ނަށަމުން އެދަނީ މީހުން އަޅައިނުގަންނާނެ ގޮތަކަށްވެސް ނޫނިއްޔާއެވެ.

އާއްމުކޮށް މި ގޮތަށް ބޯދިގު ކޮށްގެން އުޅޭތަން ފެނިފައިވަނި މިއުޒިކީ ފަންނާނުންނެވެ. ފެޝަނެއްގެ ގޮތުންވެސް ބޯދިގުކުރާ މީހުން އުޅެއެވެ. އެކަމަކު އިއްބަ އަކީ މިއުޒީޝަނެއް ނޫނެވެ. އެކަމާ ގުޅުން ހުރި ދާއިރާއެއްގައިއުޅޭ މީހެއްވެސް ނޫނެވެ. ވަކި ފެޝަނެއް ކޮޕީކޮށްގެން އުޅޭ މީހެއްވެސް ނޫނެވެ. އެހެންވިއްޔާ މިއީ ދެން ކޮންކަމެއް ހެއްޔެވެ.

“ނޫން.ނޫން. މިއީ ތިޔަކަހަލަ ކަމެއް ނޫން. ހިތަށް އެރީ ހަމަ މި ގޮތަށް ބޯދިގު ކޮށްލަން. އެއްވެސް މީހަކު ކޮޕީކޮށް އެއްވެސް ފެޝަނެއް ތައާރަފް ކުުރަން ކުރި ކަމެއް ވެސް ނޫން.” އުމުރުން 32 އަހަރުގެ އިއްބަ ބުންޏެވެ.

އިއްބަގެ ބޮލަށް އަމިއްލަ ގޮތެއް ހަދާލުމުގެ ގޮތުން ފުރަތަމަ މިގޮތަށް ބޯދިގު ކުރަން ފެށީ މީގެ ބާރަވަރަކަށް އަހަރު ކުރިންނެވެ. އެހެންނަމަވެސް ހައެއްކަ ދުވަސްގަނޑެއް ފަހުން ބޯކޮށާލީއެވެ. ވަކި ސަބަބެއް މެދުވެރިވެގެން ނޫނެވެ. ހިތަށް އެރުމުން ކޮށާލީއެވެ.

އެކަމަކު އެފެޝަން އޭނާއަށް މާ ކަމުދިޔައީއެވެ. އެހެންވެ އަނެއްކާވެސް ބޯދިގު ކުރަން ފެށީއެވެ. އޭގެ ފަހުން މިހާރު އަށްއަހަރތުވީއެވެ. މިހާރު އިސްތަށިގަނޑުގެ ދިގުމިނުގައި 3 ފޫޓް ހައިންޗި (42 އިންޗި) އެބަހުއްޓެވެ

އިއްބެގެ މި ސްޓައިލަށް ބޯދިގުކުރާ މީހުންނަކީ ރާއްޖޭގައި ވަރަށް މަދު ބައެކެވެ. މީގެ އަހަރު ތަކެއް ކުރިން މާލޭގައި ހެރިންސް ހަންނާނު މިގޮތަސް ބޯދިގު ކުރަން ފެށުމުން އެ އާއިލާގެ ދެތިން ކުދިން ހަންނާނު ކޮޕީކޮށްގެން މި ގޮތަށް ބޯދިގު ކުރިއެވެ. އަތޮޅުތަކުގައި މިހާރުވެސް މި ސްޓައިލަށް ބޯދިގުކޮށްގެން އުޅޭ ފިރިހެނުން ނޫޅޭނެއެކޭ ބުނާކަށް ނުކެރޭނެއެވެ. އެކަމަކު ވަރަށް މަދު އަދަދެކޭ ބުނެވިދާނެއެވެ. ހަމަ ގައިމުވެސް ބ.އަތޮޅުގައި މިގޮތަށް މިހާ ވަރުގަދަ އިސްތަށިގަނޑަކާއެކު ބޯދިގުކޮށްގެން އުޅޭ ދެވަނަ މީހަކު ނުހުންނާނެއެވެ.

އިއްބެ މި ގޮތަށް ބޯދިގު ކޮށްފައި ހުރުމުން ނުދަންނަ މީހުންވެސް އޭނާގެ މި ސްޓައިލަށް ބަލައެވެ. މައުލޫމާތު ސާފު ކުރެއެވެ. މި ގޮތަށް ދިގު ކުރަން ބޭނުމޭވެސް ބުނެއެވެ.

އިއްބަ ބުނާގޮތުންނަމަ މި ގޮތަށް ބޯދިގުކޮށްފައި ބެހެއްޓުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ވަރަށް މުރާލިވެގެން އިސްތަށިގަނޑާމެދު ވަރަށް ބޮޑަށް ސަމާލު ވެ އުޅެގެން ނޫނީ މި ގޮތަށް އިސްތަށި ގަނޑެއް ނުގެންގުޅެވޭނެއެވެ.

“އިސްތަށިގަނޑު ދޮންނަން މަދުވެގެން ހަފްތާއަކު ދެފަހަރު. ވަރަށް ފަރުވާ ތެރިކަމާއެކު ޝޭމްޕޫ ލައިގެން. އެއަށް ފަހު ބޯކޮށް އިސްތަށިގަނޑުގައި ތެޔޮލާންޖެހޭ. އެކަމަށް އެންމެ މަދުވެގެންވެސް ދެ ގަޑިއެއްހައިއިރު ނަގާ.” އިސްތަށިގަނޑު ބަލަހައްޓަން ޖެހޭ ގޮތް އިއްބަ ކިޔައިދިނެވެ.

ނިދަން އޮށޯންނަ އިރުވެސް އިސްތަށިގަނޑާމެދު ވަރަށް ބޮޑަށް ފަރުވާތެރި ވާން ޖެހެއެވެ.

“އިސްތަށިގަނޑު ބާއްވަނީ ބޯދަށުގައި އޮންނާ ބާލީހާ ވީކޮޅުގައި ބާލީހުގެ ބޭރަށް ދޫކޮށްލާފައި.” އިއްބަ ބުންޏެވެ.

އެކަމަކު މިހާ ދިގު ވަރުގަދަ އިސްތަށިގަނޑަކާއެކު އުނދަދުލެއް ނުވޭ ހެއްޔެވެ؟

“ކުރިން އުނދަގޫވި ނަމަވެސް މިހާރަކު އުދަނގުލެއްނުވޭ. ވެދާނެ އެއްގޮތެއްގައި ގިނަ ދުވަސް ވުމުން އާދަ ވީކަމަށް.”

އެކަމަކު ރީތިކޮށް އޮޅާލާފައިވާ އިސްފިރޭނެއްހެން އުނަގަނޑާ ހަމައަށް ތިރިއަށް ފައިބާފައި އޮންނަ އިސްތަށި ގަނޑު އެގޮތަށް އެއޮންނަނީ ވަކި ފާޑެއްގެ ބޭހެއް ނުވަތަ ކެމިކަލެއް ބެނުން ކުރާތީ ކަމަށް މީހުން ބުނާތީ އެކަންވެސް އިއްބަ ދޮގު ކުރެއެވެ.

“ނޫން އެއްވެސް ކަހަލަ ބޭހެއް ބޭނުމެއް ނުކުރަން. އެއީ ހަމަ އޮންނަ ގޮތް. އަހަރެން ކުރާހާވެސް ކަމަކީ ސާފުކޮށް ދޮވެ ރައްކާތެރިކަމާއެކު ގެންގުޅުން .”

މި އިސްތަށި ގަނޑު ކޮށާ ކުރުކޮށްލާކަށް އިއްބަ އަދި ގަސްދެއް ނުކުރެއެވެ. ނުގެންގުޅޭނެ ނޫން ހެއްޔެވެ. އެއީ މީހުން އޭނާ ފާހަގަ ކުރާ ލޭންޑްމާކަކަށް މިހާރު ވީއެވެ. އެކަމުން އެއްވެސް މީހަކު އޭނާ އަށް ފާޑެއް ނުކިޔައެވެ. ކޮންމެ މީހަކުވެސް ހައިރާންވެފައި ބަލަނީއެވެ. ދެން ކުރަނީ މި ވަރުގަދަ އިސްތަށިގަނޑު މިގޮތަށް އޮންނަނީ ކީއްވެގެން ކަމުގެ ސުވާލުތަކެވެ. އަދި ބުނަން ހެއްޔެވެ؟ މި ވަރުގަދަ ދިގު އިސްތަށިގަނޑުގެ ތެރޭގައި ފޮރުވިގެން އިއްބައާއެކު ހަޔާތެއް ވޭތު ކުރަން ބޭނުންވާ ކިތަންމެ ކުއްޖަކުވެސް އެބަތިއްބެވެ. “ރައްޓެހިވާން އަހާ ވަރަށްގިނަ ކުދިން.” ކައިވެނި ކުރުމުގެ ޚިޔާލު އަދިވެސް ނުގެންގުޅޭކަމަށް ބުނަމުން އިއްބަ ބުންޏެވެ.

އެކަމަކު އިއްބަ ސިންގަލް އެއް ނޫނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top