ރައީސް އިބްރާޙިމް ނާސިރާއެކު ކުޑަ ހިނދުކޮޅެއް: ”މީހަކު މިނެކިރަންވާނީ އެމީހަކު މިނެކިރަން ގެންގުޅޭ މިންގަނޑުން“

PresNasir1-e1599402102939.jpg

ދިވެހި ޖުމްހޫރިއްޔާގެ ދެވަނަ ރައީސް އަލްމަރްހޫމް އަލްއަމީރު އިބްރާހީމް ނާސިރު ރަންނަބަޑޭރި ކިލެގެފާނު. ނިޝާން ޣާޒީގެ އިއްޒަތްތެރި ވެރިޔާ

ލިޔުންތެރިޔާ: މުޙައްމަދު ޙުސައިން ޝަރީފް (މުންދު)

މީގެ ތޭރަ، ސާދަ އަހަރު ކުރީގެ ހާދިސާއެކެވެ. އަޅުގަނޑު އެވަގުތު ހުރީ، އަޅުގަނޑުގެ ދެމަހަށްނުދާ ތުއްތު ދަރިފުޅަށް ދިމާވި ކުއްލި ޞިއްޚީ މައްސަލެއްގައި، އިމަރޖެންސީކޮށް، ސާޖަރީއެއް ހެދުމަށްޓަކައި އެޑްމިޓްކޮށްފައި އޮތް ސިންގަޕޫރުގެ ހޮސްޕިޓަލެއްގެ ދޮރުމަތީގައެވެ. އަޅުގަނޑާއެކު އައިސް ތިބި އާއިލާގެ އެހެން މެންބަރުން ހަރު އެއްޗެއް ނުކައި، ލޮލުފިޔައެއް ނުޖަހާ ތިބޭތާ ސައުވީސް ގަޑިއިރުވަނީއެވެ. ތުއްތު ދަރިފުޅުގެ ހާލާމެދު ކަންބޮޑުވެގެންނެވެ. އެހެންކަމުން، ކާލާނެ ކޮންމެވެސް މޭވާއެއް ނަމަވެސް ހޯދަން ނުކުތުމަށް ނިންމީއެވެ. ހިމަފޮދު ވާރޭ ވެހެމުންދިޔައެވެ. ނަމަވެސް، މަގުމަތީގައި ހިނގާބިނގާ ނޫޅެވޭ ވަރަކަށް ނޫނެވެ. އެހެންކަމުން ހިނގައިގަތީއެވެ.

ސުޕަމާކެޓެއް ހޯދުމަށްޓަކައި ހިނގަމުންދިޔައީ އެޤައުމުގެ ބޮޑު މަގެއްގެ ދުވާރު މަތިންނެވެ. ވެހެމުންދިޔަ ހިމަފޮދު ވާރެއާއެކުވެސް އިސްދަށަކަށް ނުޖަހަމެވެ. ފިހާރައެއް ލޮލުގައި އަޅައިގަނޭތޯއެވެ. އެގޮތުން ބަލަމުންދަނިކޮށް، މަގުގެ އަނެއް ފަރާތުން، ދުވާރުމަތީގައި މަޑުކޮށްލައިގެން ހުންނެވި ބޭފުޅަކު ލޮލުގައި އަޅައިގަތެވެ. އަދި، ބޭއިޚްތިޔާރުގައި އެ ބޭފުޅާއާ ހަތަރުކަޅި ހަމަކޮށްލެވުނެވެ.

އެ ބޭފުޅާގެ ސޫރަ ސިކުނޑީގައި ކުރަހާލެވުމާއެކު، ކުއްލި ސިހުމެއް ލިބުނެވެ. އަދި، މީހާ އެކީ ހީބިހި ނަގަން ފަށައިފިއެވެ. ހިތުގެ ވިންދު އަވަސްވެއްޖެއެވެ. އެއީ ކޮން ޝަހުސިއްޔަތެއްކަން ކަށަވަރުވުމުންނެވެ. ސިކުންތަކަށްވެސް ހަމަކުރި ނަޒަރު އެހެން ދިމާއަކަށް ބަދަލެއް ނުކުރަމެވެ. ފިޔަވަޅުތައް އަވަސްވެއްޖެއެވެ. އަދި، އެންމެ ކައިރިން މަގު ހުރަސްކުރެވޭ ދިމާލުން ހަލުވިކަމާއެކު އެ ބޭފުޅާ ހުންނެވި ފަޅިއަށް އަރައިފީމެވެ. އެ ބޭފުޅާއާ ވިއްސަކަށް ފޫޓާ ހަމައަށް ދެވުމުން، އެ ބޭފުޅާގެ މޫނުފުޅުން ހިނިތުންވުމުގެ ކުލަވަރު ފެންނަން ފަށައިފިއެވެ. އަޅުގަނޑުގެ މޫނުމަތިން އެ ދަނޑިވަޅުގައި ފެންނަން ހުރި ކުލަވަރު ދަންނަވާކަށް ނޭނގޭނެތާއެވެ. ޔަޤީނުންވެސް އެ ބޭފުޅާއަށް ފެނިވަޑައިގަންނަވާނެއެވެ.

ހިނތުންވެވަޑައިގެން އަޅުގަނޑާ ވަރަށް ކައިރީގައި އެ ހުންނެވީ ދިވެހި ޖުމްހޫރިއްޔާގެ ދެވަނަ ރައީސުލްޖުމްހޫރިއްޔާ، އަލްޢަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާއެވެ. އަޅުގަނޑު އުފަންވީ ރައީސް ނާޞިރުގެ ޒަޢާމަތު ނިމެނިކޮށެވެ. އެހެންކަމުން، ހޭލައިގަންއިރު ވެރިކަމުގައި ހުންނެވީ ރައީސް މައުމޫނެވެ. މިއީ، ރައީސް ނާޞިރު ހަމަލޮލުން ފެނުނު ފުރަތަމަ އަދި ފަހު ފަހަރެވެ.

އެމަނިކުފާނާ އަރާ ހަމަވުމާއެކު، އަދަބު އިޙްތިރާމާއެކު ސަލާމް ދަންނަވާލުމަށް އަޅުގަނޑު އަވަސްވެގަތީމެވެ. ނަމަވެސް، ފުރަތަމަ ދުލުން ބަހެއް ބޭރުކޮށްލުމުގެ ފުރުޞަތު އަޅުގަނޑަކަށް ނުލިބުނެވެ. ސަލާމް ގޮވާލެއްވީ ޚުދު އެމަނިކުފާނެވެ.

ރައީސް ނާޞިރު: ٱلسَّلَامُ عَلَيْكُمْ!

އަޅުގަނޑު: وَعَلَيْكُمُ ٱلسَّلَامُ، ރައީސް!

އެހިސާބުން އަޅުގަނޑު އަތްދިއްކޮށްލާ، އެމަނިކުފާނާ ސަލާމް ކޮށްލީމެވެ.

އަޅުގަނޑު: ރައީސްގެ ފައިންޕުޅު ފެނުނީތީ، ވަރަށް ބޮޑަށް އުފާވެއްޖެ. އަދި، ބައްދަލުވިކަމީ ހަނދާނުން ފިލައިގެން ނުދާނެ ފަދަ މަތިވެރި ޝަރަފެއް.

ރައީސް ނާޞިރު: އެހާ ޒުވާން ބޭފުޅަކަށް، އަޅުގަނޑު މި މުސްކުޅި މީހާ ތިޔަހާ ފަސޭހައިން ވަކިކުރަން އެނގުނީމައި ހައިރާންވެއްޖެ.

އަޅުގަނޑު: އަޅުގަނޑުގެ ހިތުގައި ރައީސްގެ ތަސްވީރު އަބަދުވެސް ބިންވަޅުނެގިފައި އޮތީ މަޖީދިއްޔާ ސްކޫލުގެ ދާރުލްޢުލޫމް ހޯލުގައި ބަހައްޓާފައި ހުންނަ މަނިކުފާނުގެ ފޮޓޯފުޅުން. ރައީސްގެ މޫނުފުޅު ފެނުމުން، ތިޔައީ ކޮންބޭފުޅެއްކަން އޮޅޭނީ ކޮން ދިވެއްސަކަށްތޯ؟

ރައީސް ނާޞިރު (ހިނިތުންވެވަޑައިގެން ހުންނަވާ): ބައްޕާފުޅުގެ ޙާލުކޮޅު ކިހިނެތްތޯ؟ މަނިކުފާނުގެ ކާފާފުޅަކީވެސް އަޅުގަނޑުގެ ގާތް ބޭފުޅެއް އިނގޭތޯ؟ ތިޔައީ ކޮތަންމާގޭ ބޭފުޅެއް ނޫންތޯ؟

އަޅުގަނޑު (ހައިރާންކަމާއެކު): އަޅުގަނޑަކީ ކާކުކަން ރައީސަށް އެނގިވަޑައިގަތީމަ އަދި މާބޮޑަށް އަޖާއިބުވެ، އަންތަރީސްވެއްޖެ! އިރާދަކުރެއްވީތީ، ބައްޕަގެ ޙާލުކޮޅު ހަމަ ރަނގަޅު. ރައީސް ކިހިނެތްތޯ؟

ރައީސް ނާޞިރު: ތިޔަބޭފުޅާ ނޭނގޭނީ ކާކަށް؟ އަބަދު ތިޔަ އިންނަވަނީ ޓީވީގައި ނޫންތޯ؟ ތަރުޖަމާނު އެނގޭނެ ނޫންތޯ ކޮންމެ މީހަކަށްވެސް! އަޅުގަނޑު ރާއްޖެއިން ބޭރުގައި ހުއްޓަސް، ޤައުމުގައި ހިނގާ ކަންކަން ވީވަރަކުން ބަލަން. ޝަރީފް ތިޔަ ކުރައްވާ މަސައްކަތްޕުޅު ވަރަށް ޝައުޤުވެރިކަމާއެކު ބަލަން، އިނގޭތޯ! އަޅުގަނޑުގެ ހާލު ގޯހެއް ނޫން. އުމުރާއެކު ބަލިކަށިވާނެނޫންތޯ!

ރައީސް ނާޞިރު: ކޮން ދަތުރެއްތޯ؟ ރައީސް މައުމޫން އަރިހުގައިތޯ؟ މިކޮޅުގައި ވަޑައިގެން އުޅުއްވާ ޚަބަރު އެހިން.

އިއްތިފާޤުން އެވަގުތު ރައީސް މައުމޫން ސިންގަޕޫރުގައި ވަޑައިގެން އުޅުއްވިއެވެ. އާދަކާދައިގެ މަތިން، އެމަނިކުފާނުގެ މެޑިކަލް ޗެކަޕަށެވެ. އެއީ އަމިއްލަ ދަތުރުފުޅަކަށް ވީތީ، އަޅުގަނޑު ދަތުރުފުޅުގައި ބައިވެރިއެއް ނުވަމެވެ.

އަޅުގަނޑު: ނޫން، ރައީސް! އަޅުގަނޑު މި އުޅެނީ މިކޮޅުގައި ދަރިފުޅު ހޮސްޕިޓަލުގައި ބާއްވައިގެން، އެކަމާ! ރައީސް މައުމޫން މިކޮޅުގައި އެބައުޅުއްވާ. އެކަމަކު، ހުންނަވަނީ އެހެންތާކު! އަޅުގަނޑަކާ ބައްދަލެއް ނުވޭ!

ރައީސް ނާޞީރު: ދަރިފުޅަށް އަވަސް ޝިފާއަކަށް އެދެން. ބައްޕަމެންނަށް ވެދުން ދަންނަވައްޗޭ! ރައީސް މައުމޫނަށްވެސް ވެދުން، އިނގޭތޯ!

އަޅުގަނޑު: ޝުކުރިއްޔާ ރައީސް! ދަންނަވާނަން.

އެހިނދު، އަޅުގަނޑު އަލުން އެމަނިކުފާނާ ސަލާމްކޮށްލީމެވެ. ރައީސްގެ ވަގުތު އިތުރަށް ނަގާނުލާ، ކުރިއަށް ދިއުމަށެވެ. އެ ދަނޑިވަޅުގައި ހިތަށް އެރިއެވެ. ފޮޓޯއެއް ނަގާލަން (މިހާރުގެ ގޮތުންނަމަ ސެލްފީއެއް ކަނޑާލަން) ދަންނަވާލުމަށެވެ. ނަމަވެސް، އެވަރުގެ ހިތްވަރެއް ނުލިބުނެވެ. ނުކެރުނެވެ. ސަލާމް ކޮށްލުމަށްފަހު، ހިނގައިގަންނަން ދިމާކުރުމުން، ރައީސް އަލުން ފެއްޓެވިއެވެ.

ރައީސް ނާޞިރު: އަދި އެބަ ޖެހޭ ވާހަކައެއް ދަންނަވާލަން. މިކަހަލަ ފުރުޞަތެއް ވަރަށް ނުލިބޭނެ، ދެއްތޯ! ޤައުމުގެ ކަންކަން މިހާރު ވަމުން މިދާގޮތުން އަޅުގަނޑު ވަރަށް ކަންބޮޑުވޭ. ޝަރީފަށް އެނގިވަޑައިނުގެންފާނެ. ރައީސް މައުމޫނާ ދިމާކޮށްލައިގެން އެއުޅޭ މީހުންނަކީ ހަޤީޤަތުގައި އަޅުގަނޑުގެ ދުވަސްވަރުވެސް އެންމެ ބޮޑަށް ސަރުކާރާ ޖައްސާލައިގެން، އަޅުގަނޑަށް އުނދަގޫކުރި މީހުން. އެމީހުންގެ ގޮތް ދުވަހަކުވެސް ބަދަލެއް ނުވާނެ. ރައީސް މައުމޫން މާ ހެޔޮފުޅީ. ހަޤީޤަތުގައި، މީހަކު މިނެކިރަން ވާނީ އެމީހަކު މިނެކިރަން ގެންގުޅޭ މިންގަނޑުން. ރައީސް މައުމޫން އަވަހާރަކޮށްލަން އެ އުޅުނީ ކޮންބައެއްތޯ؟ ހަމަ އަޅުގަނޑު މަރާލަންވެސް އުޅުނު މީހުން، ދެއްތޯ! އެއީ ކޮންކަހަލަ ބައެއްކަން ރައީސް މައުމޫނަށްވެސް އެނގިވަޑައިގަންނަވަންވާނެ. އެފަދަ ފުރުޞަތެއް ލިބިއްޖެނަމަ، އަޅުގަނޑު މިހެން ބުނެލި ވާހަކަ ރައީސް އަރިހުގައި ދަންނަވާލައްޗޭ!

އަޅުގަނޑު: އާދެ، ރައީސް. ދަންނަވާލާނަން.

ވަކި މީހެއް ނުވަތަ ބައެއްގެ ނަމެއް ނުގެންނަވައެވެ. ނަމަވެސް، އެވިދާޅުވީ ކިހާވަރެއްގެ ވާހަކައެއްކަން އެނގިއްޖެއެވެ. އަދި، އެ އިޝާރާތްކުރެއްވީ ކޮން ބަޔަކަށްކަންވެސް ސާފުވެއްޖެއެވެ.

ކޮންމެއަކަސް، އަޅުގަނޑު އެ ހިސާބުން ހިނގައިގަތީމެވެ. އެމަނިކުފާނާ ދުރަށް ދިހަވަރަކަށް ފިޔަވަޅު އެޅުނު ހިސާބުން، ރައީސް ނާޞިރު ހުއްޓިވަޑައިގެން ހުންނެވި ތަނަށް ކާރެއް މަޑުކޮށްލިއެވެ. އެކާރުން ފޭބި މީހާ، ވަށާލާފައި އައިސް، ފަހަތު ދޮރު ހުޅުވާލިއެވެ. އަދި، ރައީސް ނާސިރުގެ ވާއަތްޕުޅުގައި މަޑުމަޑުން ހިފައިގެން، އެމަނިކުފާނު ކާރުގެ ސީޓުގައި އިށީނދެވަޑައިގަތުމަށް އެހީތެރިވެދިނެވެ. އަދި، އެނބުރިގޮސް ކާރަށް އަރައި ނައްޓާލީއެވެ.

އެ ހިސާބުން އަޅުގަނޑަށް ރޭކާލިއެވެ. އަޅުގަނޑާއި ރައީސާ ހަތަރުކަޅި ހަމަވި ދަނޑިވަޅުން ފެށިގެން އެ ކާރު އައުމާ ޖެހެންދެން، ރައީސް ނާޞިރު ހުންނެވީ ހަމަ އެއް ފިޔަވަޅު މަތީގައި ކަމެވެ. ކާރުކޮޅުގެ އިންތިޒާރުގައެވެ. މީހެއްގެ އެހީތެރިކަމާ ނުލާ، ރައީސް ނާސިރަށް ހިންގަވާ އުޅުއްވަން ދަތިފުޅުކަން ރޭކާލިއެވެ. އަދި، ކާރުކޮޅަށް އަރާވަޑައިގަތީވެސް މީހެއްގެ އެހީގައިކަމެވެ.

ރައީސް ނާސިރުގެ އަމާނާތް އަޅުގަނޑު ރައީސް މައުމޫނާ ހަވާލުކުރީމެވެ.

ހުކުރު މިސްކިތް ގޯތިތެރޭގައި ހުރި ރައީސް ނާސިރުގެ މަގުބަރާ

އަޅުގަނޑާ ރައީސް ނާޞިރު ބައްދަލުވީ އެޕްރީލް 2007 ގައެވެ. ވިދިގެން އައި އަހަރު، އުމުރުފުޅުން 82 އަހަރުގައި، ރައީސް ނާޞިރު ވަނީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވާފައެވެ. މަރްޙޫމުގެ ފުރާނަފުޅަށް ކީރިތަވަންތަ ﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާކުރަމެވެ.

އުންމީދެއް ނުކުރަމެވެ. ނަމަވެސް، ހަމަލޮލުން ދެކެ، ވާހަކަ ދައްކާލަން ފުރުޞަތު ލިބުނުކަން އެއީ އަޅުގަނޑު އަބަދުވެސް ވަރަށް އުފާކުރާ ކަމެކެވެ. އަޅުގަނޑުގެ ހަޔާތުގައި މިހާތަނަށް ރާއްޖޭގެ ވެރިކަން ކުރައްވާފައިވާ ހަ ބޭފުޅުންގެ ތެރެއިން އަޅުގަނޑު އިޙްތިރާމްކުރާ އަދި ބަލައިގަންނަ ހަތަރު ވެރިންނާވެސް ބައްދަލުވުމުގެ ނަސީބު ލިބުނީއެވެ.

އެޑިޓަރުގެ ނޯޓް: މިއީ ”އަދިވެސް“ އޮންލައިން ނޫހުގައި މުހައްމަދު ހުސެން ޝަރީފް(މުންދު) ގެ ލިއުއްވާފައިވާ ލިއުއްވުމެވެ. އިބާރާރްތައް އެތުރުއްވުން ފުރިހަމަ އަދި މައުލުމާތު މުއްސަނދި ވެފައި ރައީސް އިބްރާހީމް ނާސިރުގެ އަމިއްލަފުޅު ދިރިއުޅުއްވުމުގެ ބާބުން ކުޑަތަންކޮޅެއް ނަމަވެސް ހާމަކޮށްލާފައިވާ ލިއުއްވުމެއް ކަމަށް ވާތީ ނަކަލު ކޮށްލާ ހިތްވީއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top