މިއަދު ހެނދުނު ން ފެށިގެން އޭދަފުއްޓަށް ބޯކޮށް ވާރޭވެހި ރަށުގެ މަގުތަކުގައި ބޮޑެތި ފެންގަނޑުތައް ހެދި އާންމު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެއްޖެއެވެ.
ހެނދުނު 7:30 ގައި ވެހެންފެށި ވާރޭ މެދުނުކެނޑި 10 ޖެހިއިރުވެސް ވާރޭ ވެހެމުން ދެއެވެ. ނަތީޖާއެއްގެ ގޮތުން ރަށުގެ ހުރިހާ މަގެއްގައި ފެންބޮޑުވެ އާންމު ބައެއް ފަރާތްތަކަށް ބޮޑެތި ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށް އޭދަފުށީ ކައުންސިލުން ބުންޏެވެ.
އޭދަފުށީ ކައުންސިލްގެ ނާއިބްރައީސް ހައްވާ ސަމީހާ ދާދި ދެންމެއަކު އީވީއަށް ވިދާޅުވީ ފެންބޮޑުވެ ގޭގެއަށް ފެން ވަދެފާނެތީ، ކައުންސިލާއި، އޭދަފުށީ ޕޮލިސް އެލާޓަށް ގެނެވިފައިވާކަމަށެވެ. އަދި މިވަގުތުވެސް ރަށުގެ އެއް ސަރަހައްދަކުން ގެއަކަށް ފެންވަންނަމުންދާތީ، ފެންހިއްކުމުގެ މަސައްކަތް ޕޮލިހާ ކައުންސިލުން ގުޅިގެން ކުރަމުން އަންނަކަމަށެވެ.
“އަޅުގަނޑަށްވެސް ކޯލްތައް ލިބެމުން އެބަދޭ. ޕޮލިހާ ކައުންސިލް މެމްބަރުން އަދި ކައުންސިލްގެ މުވައްޒަފުންވެސް ނެރެގެން މިހާރުވެސް މިދަނީ ރަރުތެރެ ހަމައަކަށް އެޅޭތޯ މަސައްކަތް ކުރަމުން. މާބޮޑެތި ގެއްލުމެއް ނުލިބުނަސް އާންމުންނަށް ދަތިވަމުން އަންނަ ކަމުގެ ޝަކުވާ ލިބެމުން އެބަދޭ. އެޓެންޑުވަމުން މިދަނީ” ހައްވަ ވިދާޅުވިއެވެ.