ވެކްސިން ނުޖަހާ މުވައްޒަފުން ޕީސީއާރް ޓެސްޓުހަދަން އަންގައިފި

big_Df32u5kgWavJVfiiFrBZCjmaH.jpg

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ނުޖަހާ ސިވިލް ސާވިސްގެ މުވައްޒަފުން އަންނަ މަހުން ފެށިގެން ކޮންމެ ދެ ހަފުތާއަކުން ނެގެޓިވް ޕީސީއާރު ޓެސްޓު ހަދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ލާޒިމުކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ ވެކްސިން ޖެހުމުގެ ޝަރުތު ފުރިހަމަވާ މުވައްޒަފުންގެ ތެރެއިން ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައި ނުވާ މުވައްޒަފުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަޒީފާއަށް ނިކުންނަން ވާނީ ޕީސީއާރް ޓެސްޓު ހަދައިގެން ކަމަށެވެ.

“މިގޮތުން ކޮންމެ 14 ދުވަހަކުން ޕީސީއާރް ޓެސްޓު ހަދައިގެން ވަޒީފާ އަށް ނުކުތުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ އަންގާފައި” އެ ސާކިއުލާގައި ބުނެފައިވެއެވެ.

ވެކްސިން ނުޖަހާ މުވައްޒަފުން މިގޮތަށް އަމަލު ކުރުމަށާއި އަދި އެ މުވައްޒަފުން މިގޮތަށް އަމަލު ކުރާކަން ސިވިލް ސާވިސްގެ އިދާރާތަކުން ކަށަވަރު ކުރުމަށް ވެސް އަންގާފައިވެއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ނުޖަހާ ސަރުކާރު މުވައްޒިފުންނަަށް ދަތިކޮށްފައިވާއިރު ޓީޗަރުންގެ ތެރެއިން ވެކްސިން ޖެހުމަށް ދެކޮޅު ހަދާފައިވާ ބައެއް ޓީޗަރުންނަށް މިހާރު ވަނީ ފިޔަވަޅު އަޅާފައެވެ. އަދި އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސްކޫލްތަކަށް ވަދެވޭނީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށެވެ. އެ ނިންމުމަކީ ސްކޫލްގެ މުވައްޒިފުންނާއި ބެލެނިވެރިންނަށް ވެސް އޮތް އެންގުމެކެވެ.

އެޗްޕީއޭ އިން ދާދި ފަހުން ވަނީ އަންނަ މަހުން ފެށިގެން ވެކްސިން ނުޖަހާ މީހުންނަށް ބައެއް ހިދުމަތްތައް ހޯދުމުގައި ވެސް ދަތިތައް ކުރިމަތިކޮށްފައެވެ. އޭގެ ތެރޭގައި ރެސްޓޯރަންޓް ތަކުން ހިދުމަތް ދިނުމާއި ޑޮމެސްޓިކް ފްލައިޓް ދަތުރުތައް ކުރުން މަނާކުރުން ހިމެނެއެވެ.

ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 21 އިންސައްތަ މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް އަދި މިހާތަނަށް ނުޖަހާއިރު ފުރަތަމަ ޑޯޒު ޖެހުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ އެއްވަނަ ދުވަހެވެ. އަދި ދެވަނަ ޑޯޒު ނުޖަހާ 40 ޕަސެންޓް މީހުން އެބަ ތިއްބެވެ.

ވެކްސިން ޖަހާ އުމުރުގެ 90 އިންސައްތަ މީހުންނަށް މި މަހުގެ ނިޔަލަށް، ވެކްސިން ޖަހައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު މިހާރު ކޮންޓްރޯލް ކުރެވިފައި އޮތްއިރު، ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ވަނީ ކޮންޓްރޯލް ކުރެވިފައެވެ. އަދި ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އަންނަނީ ލުއި ދެމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top