އޭދަފުށީގައި ހައުސިން މަޝްރޫއަކާއި އިތުރު ބަނދަރެއް ހެދުމުގެ މަސައްކަތް މި އަހަރު ފަށާނެ: ރައީސް

ioii-1.jpg

9 ޖެނުއަރީ 2022: ރައީސް ސޯލިހުގެ ކެމްޕެއިން ޓީމުން ބ. އޭދަފުށީގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ---- ފޮޓޯ: އެމްޑީޕީ ކުރިއަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އޭދަފުއްޓަށް ކޮށްދެއްވަން ކުރިން ވައުދުވެފައިވާ ކަންތައް ތަކުގެ މަތިން ހަނދުމަފުޅު ނައްތާލައްވައި މިއަދު އަނެއްކާވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އޭދަފުއްޓަށް ވަޑައިގެން އިތުރު ކަންތައްތަކެއް ކޮށްދެއްވުމަށް ވައުދުވެވަޑައިގެންފި އެވެ.

އޭދަފުއްޓަށް ވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، އޭދަފުއްޓަށް ބޭނުންވާ ވަރަށް މުހިންމު ދެ ކަމެއް އެބައޮތް ކަމަށާއި އެއީ ރަށުގެ ހުޅަނގު ފަރާތުގައި ބަނދަރެއް ހެދުމާއި އެ ރަށުގައި ހައުސިން މަޝްރޫއެއް ހިންގުން ކަމަށެވެ. އެހެންކަމުން އޭދަފުށީގައި އާ ބަނދަރަކާއި ރަށުގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް ހައުސިން މަޝްރޫއެއް ހެދުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށްް ވިދާޅުވިއެވެ.

“އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި އޭދަފުށީގައި ބަނދަރެއް ހެދުމުގެ މަސައްކަތް ފެށިގެންދާނެ. އަދި މި އަހަރުގެ ބަޖެޓުގައި ހައުސިން ޔުނިޓް ހެދުމަށް އޮންނާނެ ވަކި ރަށްތަކެއް ނުޖަހައި، އޭގެ ތެރެއިން އޭދަފުއްޓަށް ބޭނުންވާވަރު އަޅުގަނޑުމެން ބަޖެޓުގެ ތެރެއިން ހަމަޖައްސައި މި ރަށުގައި ހައުސިންގެ މަސައްކަތްތައް ފެށޭނެ ކަމުގެ ޔަގީންކަން އަރުވަން،” ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، އޭދަފުށީ ހޮސްޕިޓަލް އަޕްގުރޭޑް ކުރުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށާއި ރަށުގެ މަގުތައްވެސް ވަރަށް އަވަހަށް ނިންމަވައިދެއްވާނެ ކަމަށެވެ.

މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top