މިޔަންމާގެ ރަހީން ސްޓޭޓުގައި އަނިޔާލިބެމުންދާ ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ބ.އަތޮޅުގެ ރަށްރަށުންވެސް ހީނުކުރާ ވަރުގެ ތަރުހީބެއް ލިބެމުންދާ ކަމުގައި އެރަށްރަށުން ބުނެފިއެވެ.
އެގޮތުން ހިތާދޫގައި އިއްޔެ ބެހެއްޓި އެހީގެ ފަންޑު ފޮއްޓަށް 9 ގަޑިއިރުގެ ތެރޭގައި 32000ރ އަށްވުރެ ގިނަ ފައިސާ ލިބިފައިވާ ކަމަށް ހިތާދޫ ކައުންސިލުން ރޭ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވެއެވެ.
އެ އިއުލާނުގައި ބުނެފައިވަނީ އިއްޔެ މެންދުރު 11 ޖެހިއިރު ބެހެއްޓި ހިތާދޫ ފަންޑު ފޮށި ރޭ 8 ޖެހިއިރު ބަންދުކޮށް ލިބުނުފައިސާގެ އަދަދު ބެލިއިރު ދިވެހި ރުފިޔާގެ 31879.50 އަދި ޔޫއެސްޑޮލަރުން 37 ޑޮލަރު ލިބިފައިވާ ކަމުގައެވެ.
ހިތާދޫ ކައުންސިލްގެ ރައީސާ ހަވާލާދީ ހިތާދޫ އޮންލައިނުން ބުނީ މިއީ ކުޑަ ވަގުތުކޮޅުގައި ލިބުނު ހީވެސް ނުކުރާ ވަރުގެ އަދަދެއްކަމަށެވެ. އެކަމަށްޓަކާ އެރަށު ރައްޔިތުން ދެއްކި ނަމޫނާއަށް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ހާލުގައި ޖެހިފައިވާ މިޔަންމާގެ ރޮހިންޖާ މުސްލިމުންނަށް އެހީވުމުގެ ގޮތުން ބ. ކުޑަރިކިލުގެ ރައްޔިތުން ވަނީ ގިނަ އަދަދަކަށް އަންނައުނާއި، ނެފީ ހަދިޔާކޮށްފައެވެ.
ކުޑަރިކިލު ރައްޔިތުން މިތަކެތި ހަދިޔާ ކުރަމުންދަނީ ކުޑަރިކިލު ޒުވާނުންގެ ޖަމްއިއްޔާގެ ފަރާތުން މިދިޔަ ހުކުރު ދުވަހު އެރަށުގައި ފެށި ޓެލެތޯންގައެވެ. މިމަހުގެ ފަންސަވީހާ ހަމައަށް އެޖަމްއިއްޔާއިން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މިހަރަކާތުގައި ރަށުގެ ހުރިހާ ފިހާރައަކާއި، ޖަމްއިއްޔާ ގޭގައި ފަންޑް ފޮއްޓެއްވެސް ވަނީ ބަހައްޓާފައެވެ.
ކުޑަރިކިލު ޒުވާނުންގެ ޖަމްއިއްޔާގެ ނާއިބް ރައީސް އާސިފް މޫސާ އީވީއަށް ވިދާޅުވީ ފަންޑް ފޮށިތަކަށްވެސް އެކަށީގެންވާ ތަރުހީބެއް ލިބެމުން އަންނަކަމަށާ، އެހެންނަމަވެސް އަންނައުނާއި، ނެފީ ފަދަތަކެތި ލިބެމުންދަނީ އާދަޔާ ހިލާފަށް ގިނައިން ކަމަށެވެ.
“ހަމަ ފަޓްލޫނާ ގަމީސްވެސް އެބައާދޭ އެވަރަށް، އަންހެނުންގެ ހެދުންވެސް ގިނަ އަދަދަކަށް ލިބޭ. އަނެއްކާ ކުޑަކުދިންގެ ނެޕީވެސް. ވަރަށް ބޮޑު ތަރުހީބެއް ލިބޭ އެބަ އަންނައުނު ހަދިޔާ ކުރުމަށް ހާއްސަކޮށް. ދެން ފަންޑު ފޮށިތަކަށްވެސް ފައިސާ ލިބެމުންދޭ. އަދަދު ސީދާ އެނގޭނީ ފަންސަވީސްވަނަދުވަހު. އެދުވަހު ފޮށިތައް ކަނޑާނީ” ކުޑަރިކިލު ކައުންސިލްގެވެސް މެމްބަރެއްކަމުގައިވާ އާސިފް ވިދާޅުވިއެވެ.
އާސިފް ވިދާޅުވީ އެހީގެ ގޮތުގައި ލިބޭތަކެތި، 25 ވަނަދުވަހުގެ ފަހުން ސަރުކާރުން މިކަމާ ގުޅިގެން އުފައްދާފައިވާ ކޮމެޓީއާއި ހަވާލުކުރެވޭނެކަމަށެވެ.
މީގެ އިތުރުން ކަމަދޫ ރައްޔިތުން އިސްނަގައިގެން އެރަށުގައި މިމަހުގެ 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތުގެ ފަންޑަށް 40000 އަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.
މިޔަންމާގައި މިހާރު ހިނގަމުންދާ އަނިޔާވެރިކަަން ފެށުނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ރޮހިންޔާ ދަރިކޮޅަށް ނިސްބަތްވާ ކުޑަ ގްރޫޕަކުން ”ބޯޑާ ޕޯސްޓް”ތަކަކަށް ހަމަލާދިނުމާ ގުޅިގެން ކަމަށްވެއެވެ.
އެކަމުގެ ބަދަލު ހިފުމުގެ ގޮތުން މިޔަންމާގެ އަސްކަރިއްޔާއިން ވަނީ ރަހީން ސްޓޭޓަށް ވަދެގަނެ އެތަނުގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންގެ ގެތަކުގައި ހުޅުޖަހާ، އަންހެނުންގެ އިއްފަތްތެރިކަން ފޭރިގަނެ، އަންހެނުންނާއި ކުޑަކުދިން ރޭޕްކޮށް، ކުޑަކުދިންގެ ކަރު ބުރިކޮށްފައެވެ.
އެ އަނިޔާވެރިކަމަށް ކެތްނުކުރެވި މިޔަންމާ ދޫކޮށް އަވަށްޓެރި ބަންގާޅަށް މިޔަންމާ މުސްލިމުން ހިޖުރަކުރަމުންދާއިރު ބަނގުލަދޭޝް ސަރުކާރުން ބުނާ ގޮތުގައި، އެ ގައުމަށް އެތެރެވި ރޮހިންޔާ މީހުންގެ އަދަދު ވަނީ ތިން ލައްކައަށްވުރެ ގިނަ ވެފައެވެ.