4000 އަށްވުރެ ގިނަ މަގޫގަސް މާޅޮހުން ބޭރުކުރަން އުޅެނިކޮށް ހުއްޓުވައިފި

maGOO.jpg

މޫބާލާފައިހުރި މަގޫގަސްތަކެއް މިއަދު މާޅޮހުން ގެންދިއުަމށް ބަދަރަށް ނެރެފައި. މިތަކެތި ގެންދިއުން ހުއްޓުވާފައިވާކަމަށް ބ. އަތޮޅު ބަޔޮސްފިޔަރ ރިޒާވް އޮފީހުން ބުނޭ / ފޮޓޯ: އޭދަފުށީ ވޮއިސް

ބ. މާޅޮހުގެ ހޭޅިފަށުގައިހުރި 4000 އަށްވުރެ ގިނަ މަގޫގަހުގެ އޮފިތަކެއް މޫބާލައިގެން އެރަށުން ބޭރުކުރަން އުޅެނިކޮށް އެންވަޔަރންމަންޓް ޕްރޮޓެކެޓް އެޖެންސީ (އީޕީއޭ )އިން އެކަން ހުއްޓުވައިފިއެވެ.

ބ. އަތޮޅުގައި ރިސޯޓެއް ތަރައްޤީކުރުމަށް މަސައްކަތް ކުރަމުން އަންނަ ރަށަކަށް މިގަސްތައް ބޭރުކުރަން އުޅެނިކޮށް މިކަން މިއަދު ހުއްޓުވީ އީޕީއޭއާއި، ބ. އަތޮޅު ބަޔޮސްފިޔަރ ރިޒާވް އޮފީސް އަދި ބ. އަތޮޅު ޕޮލިސް ސްޓޭޝަންގެ އެހީތެރިކަމާއެކުގައެވެ. ބ. އަތޮޅު ބަޔޮސްފިޔަރ ރިޒާވް އޮފީހުން ބުނީ އީޕީއޭއިން ލިބުނު ރިޕޯޓަކާ ގުޅިގެން އެއޮފީހުގެ އޮފިޝަލުންނާއި، ފުލުހުން އެރަށަށް ދިޔައިރު ގިނަ އަދަދެއްގެ މަގޫ ގޮފިތައް މޫބާލައި އެރަށުން ގެންދިއުމަށް ތައްޔާރުކޮށްފައި ހުއްޓާ ފެނިފައިވާ ކަމަށެވެ.

ބަޔޮސްފިޔަރ ރިޒާވް އޮފީހުގެ ކޮންޒަވޭޝަން އޮފިސަރ އަހްމަދު ޝާން އީވީއަށް ވިދާޅުވީ މިތަކެތި އެރަށުން ބޭރުކުރަން އުޅުނީ އެރަށު ކައުންސިލާ، ރިސޯޓް ހަދާ ރަށާ ގުޅިގެން ވިޔަފާރި އުސޫލުންކަމަށެވެ. ނަމަވެސް ހޭޅިފަށުގައި ހައްދާފައިހުންނަ މިފަދަ ގަސްގަސް އީޕީއޭގެ ހުއްދަނެތި ނުގެންދެވޭނެކަަމަށް ޝާން ވިދާޅުވިއެވެ.

“އީޕީއޭއިން އަޅުގަނޑުމެންނަށް އެންގީ ފުލުހުން މެދުވެރިކޮށް އެކަން ބަލައި ގަވާއިދުން ފިޔަވަޅުއެޅުމަށް، އީޕީއޭގެ ސީދާ އެންގުމަށް އެކަން ހުއްޓުވާފައި މިހާރު އެއޮތީ، ވަރަށް ގިނަ ގަސް އެބަހުރި މިހާރު މޫބާލާފައިވެސް. ހުރިހާ ގަސްތަކެއް އަޅުގަނޑުމެންނަށް ނުވެސް ބެލުނު މިއަދު ގިނަކަމުން. އެހެންނަމަވެސް އެރަށުން މައުލޫމާތު ދޭ މީހުން އެބަބުނޭ ހަތަރުހާހެއްހާ އޮފިގަނޑު މޫ ބާލާފައި އެބަހުރިކަމަށް” ޝާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިކަމުގެ ސަބަބުން ރަށުގެ ހޭޅިފަށަށް ބޮޑު ގެއްލުމެއް ކުރިމަތިވެދާނެތީ، ހުއްދަ ނަގައިގެން މިކަން ކުރުމަށް މިހާރު ކައުންސިލަށް އަންގާފައިވާ ކަމަށެވެ. އަދި މިކަން ހިނގާފައިވާ ގޮތް ފުލުހުން ތަހްގީގް ކުރަމުންދާކަމަށްވެސް ޝާން ވިދާޅުވިއެވެ.

ބަޔޮސްފިޔާ ރިޒާވްއެއްގެ ގޮތުގައި ބ. އަތޮޅު ހަމަޖެހުނު ފަހުން އަތޮޅުގެ އެކި ރަށްރަށުގައި ހިނގާ މިފަދަ ކަންކަން ބަޔޮސްފިޔާ ރިޒާވް އޮފީހުން ގާތުން ބަލަމުންދާކަމަށް އެއޮފީހުން ބުނެއެވެ. އަދި ތިމާވެށި ހިމާޔަތްކުރުމާބެހޭ ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާ ކަމަށްވެސް އެއޮފީހުން ބުންޏެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top