ބައިނަލްއަގްވާމީ އުމުރުންދުވަސްވީ މީހުންގެދުވަސް ތުޅާދުގައި ފާހަގަކޮށްފި

14754005047260.jpg

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ބ. ތުޅާދޫގައި ސަރުކާރުން ރަސްމީގޮތުން ފާހަގަ ކޮށްފިއެވެ. ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަޖަލްސާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރއޮފް ޖެންޑަރ އެންޑް ފެމިލީ ، ޒެނީޝާ ޝަހީދު ޒަކީއެވެ.  މިޖަލްސާގައި އެކަމަނާ ދެއްކެވި ވާހަކަފުޅު ބިނާކުރައްވާފައިވަނީ  އުމުރުން ދުވަސްވީ މީހުންނަށް އަޅާލާ، އޯގާތެރި އަދި ރައްކާތެރި ވެއްޓެއް ބިނާކުރުމާއިބެހޭ ގޮތުންނެވެ. އެގޮތުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ދޮށީއުމުރުގެ މީހުންގެ ބައިވެރިވުން މުޖުތަމަޢުގައި އިތުރުކޮށް، އެމީހުންނަށް މިނިވަންކަމާ އުފާވެރިކަމާއެކު އުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މި މަޤްޞަދުގައި، އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ޚިދުމަތްތަކާއި ވަސީލަތްތައް ޤާއިމްކޮށްދީ، އެކަމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތައް ފަށާފައިވާކަމަށާއި، ދޮށީއުމުރުގެ މީހުންގެ ޤައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތްތައްވެސް ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަދުގެ މުނާސަބާގައި އެކަމަނާވަނީ އުމުރުން ދުވަސްވީ މީހުންގެ ޚިދުމަތުގެ އަގުވަޒަންކުރުމަށާއި މުޖުތަމަޢުގައި އެމީހުން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރުމުގެގޮތުން އަގުވަޒަންކުރުން މިނަމުގައި ޚާއްސަ ސޯޝަލް މީޑިއާ ކެމްޕެއިންއެއް އިފްތިތާޙްކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ މި ކެމްޕެއިނަކީ، ރަށު ފެންވަރާއި އަތޮޅު ފެންވަރާއި ޤައުމީ ފެންވަރުގައި އުމުރުންދުވަސްވީ މީހުން ކޮށްދެއްވާފައިވާ މަސައްކަތްތަކާއި އަދި މިހާރުވެސް ކުރަމުންގެންދާ މަސައްކަތްތަކާއި ޚިދުމަތްތައް ފާހަގަކުރުމުގެ ރޫހު އާލާކޮށް، އަގުވަޒަންކުރުމަށް ފެއްޓެވި ކެންޕޭނެއް ކަމަށް ވިދާޅުވެފައެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމާއި، ޚާއްސަ ހެލްތު ސްކްރީނިންގ ޕްރޮގްރާމެއް މިދުވަހާއި ގުޅިގެން ބ.އަތޮޅު ތުޅާދޫ، ގޮއިދޫ، ފުޅަދޫ، ފެހެންދޫ އަދި ހިތާދޫގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ބައިނަލްއަޤްވާމީ ދޮށީ އުމުރުގެ މީހުންގެ ދުވަހަކީ، އުމުރުން ދުވަސްވީ މީހުންގެ އަގުވަޒަންކުރުމަށާއި އެމީހުންނަށް ކުރިމަތިވާ އެކި ކަންކަމާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އ.ދ. ގެ އާންމު މަޖިލީހުން ފާސްކުރައްވާ، 1991 ވަނަ އަހަރުން ފެށިގެން ދުނިޔޭގައި ފާހަގަކުރަމުންދާ ދުވަހެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top