ރަށު ކައުންސިލް އިންތިޚާބު : ހޮވަންވީ ކޮން ބައެއް؟

DSC_00321.jpg

ކައުންސިލްތަކުގެ އިންތިޚާބު ބޯމަތިވެއްޖެއެވެ. މިހާރުގެ ކައުންސިލްތަކުގެ މުއްދަތު އަންނަ ޖެނުއަރީ މަހު ހަމަވާނެއެވެ. އެހެންކަމުން އާ ކައުންސިލަކަށް ތައްޔާރުވުމަށް ލިބިފައިވަނީ މަދު ދުވަސްކޮޅެކެވެ.

ކައުންސިލަށް ތައްޔާރުވާން އެންމެ ބޮޑަށްޖެހެނީ ކައުންސިލަރުންގެ މަގާމަށް ވާދަކުރާ މީހުންކަމަށް ހީކުރުމަކީ ރަނގަޅު ހީއެއް ނޫނެވެ. އެކަމަށް އެންމެ ބޮޑަށް ތައްޔާރުވާން ޖެހެނީ ރައްޔިތުންނެވެ. ދާއިރާގެ ރައްޔިތުންނެވެ. ދާއިރާގެ ކުރިމަގާއި ތަރައްގީވަނީ ކައުންސިލަރުންގެ ގާބިލްކަމާ ގުޅިފައިކަމަށް ވާތީއެވެ. ރަށުގެ ކުރިއެރުމާއި ތަރައްގީއަށް ކުރިއެރުންތަކެއް ހޯދަން ބޭނުންވާނަމަ ރައްޔިތުންގެ ވާޖިބަކަށް ވާންޖެހޭނީ ރަށް ހިންގުމުގެ ހުންގާނު ހަވާލުކުރަން ގަސްދުކުރާ މީހާއަކީ ހަގީގަތުގައިވެސް ރައްޔިތުން ގޮވައިގެން މަސައްކަތްކުރެވޭނެ ޕަވަރފުލް ކައްޕިއެއް ހޯދުމެވެ. މީގެ މާނައަކީ ކައުންސިލަރަކަށް ހޮވަންވާނީ ރައްޔިތުންނާ ގުޅުންބޮޑު ސަރުކާރާވެސް ގުޅުން އުފައްދައިގެން ރައްޔިތުންގެ ބޭނުންތަކާ އިހްސާސްތައް އަމިއްލައަށްވެސް ދެނެގަނެވޭނެ ވަރުގެ މީހެކެވެ. ތަރައްގީގެ ކަންކަން ވިލަރެސްކޮށް އެކަމަށް މަގުފަހި ކުރުމާއެކު ކަން ކުރެވޭނެ ގާބިލު މީހެކެވެ.

ފާއިތުވި ހަ އަހަރަށް ބަލާނަމަ އޭދަފުށީ ކައުންސިލްވަނީ ފެއިލްވެފައޭ ބުނާ މީހުން މަދެއްނޫނެވެ. ރައްޔިތުން ގޮވައިގެން އުޅުމުގެ ގާބިލްކަމެއް އެމީހުންގެ ކިބައިގާ ނެތްކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ. އެހެންނަމަވެސް އެއީ ޓީމެއްގެ ގޮތުގައި މަސައްކަތްކުރަން ހޮވާފައި ތިބި ބައެއްގެ އިހުމާލުންކަމުގައި ނިންމުމުގެ ކުރިން ވަކިވަކި މެންބަރުންގެ ހަރަކާތްތަކަށްވެސް ބަލައިލާން ޖެހެއެވެ. އެޓީމްގައި ރަނގަޅު މީހަކު ހުރިނަމަވެސް ޓީމެއްގެގޮތުގައި ހަރަކާތްތެރިވާއިރު އޭނާގެ ޕާފޯމަންސް ނުދެއްކޭ މީހަކުވެސް ހުރެދާނެއެވެ. ހަމަ އެއާއެކު މިހާރުގެ ކައުންސިލަށް އިތުރު ދައުރެއްދިނުން ކިހިނެއްވާނެތޯ މިއީވެސް ކޮށްލަން ރަނގަޅު ސުވާލެކެވެ. އެބޭފުޅުން ކައުންސިލްގައި ހޭދަކުރި ތިން އަހަރު ނުވަތަ ހަ އަހަރުގެ ތަޖްރިބާގެ ބޭނުންކޮށްގެން އާ ދައުރު މުޅިން އެހެން ގޮތަކަށް ބަދަލުކޮށްލެވިދާނެއެވެ.

މި ސުވާލުތަކާއެކު މި ހިނދު ރައްޔިތުންނަށް އެންމެ ބޭނުންވާނީ މިހާރު ގޮނޑީގައި ތިއްބެވި ކައުންސިލަރުން ނިންމަވާގޮތެއް ބަލައިލުންކަން ނޭނގެއެވެ. އެގޮތުން ފުރަތަމަ އޮޅުން ފިލުވާލަން ބޭނުންވާނީ ކައުންސިލްގެ މިހާރުގެ ރައީސާ ނާޒްނީން ޔޫސުފް އާ ދައުރަކަށް ކުރިމަތިލުމާމެދު ގެންގުޅުއްވާ ޚިޔާލެވެ.

އޭދަފުށީ ވޮއިސް އާ ވާހަކަދައްކަވަމުން ނާޒް ވިދާޅުވީ އާ ދައުރަކަށް ކުރިމަތިލުމާމެދު އަދި ވަކި ގޮތެއް ނިންމާފައި ނުވާކަމަށެވެ.

“އަޅުގަނޑު އަދި ވަކި ގޮތެއް ނުނިންމަން. ފަހަރުގައި ކުރިމަތިނުލާންވެސް ނިންމަން ޖެހިދާނެ. އަދި އެގޮތް ބަދަލުވެ ކުރިމަތިލާކަހަލަ ގޮތަކަށް ވެސް  ޚިޔާލު ބަދަލު ވެދާނެ. ” ނާޒް ވިދާޅުވީ މިހެންނެެވެ.

ނާޒްގެ ދައުރުގައި އޭދަފުށީގެ ކުރިއެރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާކަމަށް ގަބޫލުކުރައްވަންތޯ އެހުމުން އެކަމުގެ ޖަވާބުވެސް ސީދާ ދެއްވާފައެއް ނުވެއެވެ. އެހެންނަމަވެސް އޭނާގެ މުޅި ވާހަކައިން ދޭހަވީ ނާޒްގެ ރައީސާ ކަމުގައި އަދި އާއްމު މެންބަރެއްގެ ގޮތުގައި ހޭދަކުރެއްވި ދުވަސްތަކުގައި ކައުންސިލަށް ، ޓީމެއްގެ ގޮތުގައި ހަރަކާތްތެރިވެވިފައި ނުވާކަމުގައެވެ. ނާޒްގެ ޕްލޭނަށް ނުވަތަ އޭނާ ބޭނުންވާ ސްޕީޑްގައި ކައުންސިލަށް ތެދުވެ ހިންދަމައިނުލެވުނީ އެހެންވެގެންކަމުގައި އޭނާ ދެއްކެވި ވާހަކައިން އެނގުނެވެ.  ނާޒް ވިދާޅުވީ ކައުންސިލް މިހާރަށް ވުރެ ބޮޑަށް ހަރަކާތްތެރިވާން ޖެހިފައިވާ ކަމަށާއި އެކަން ކުރެވޭނީ ރަނގަޅު ބަޔަކު ކައުންސިލަށް އައިސްގެންނެވެ. ނާޒް އޭނާގެ ޚިޔާލީ ދުނިޔެއަށް ދޫކޮށްލަމާ ހިނގާށެވެ. ރަނގަޅު ނަތީޖާއަކާ ހަމައަށް އާދެވޭނެ ކަމަށް އުއްމީދު ކުރަމެވެ.

ނާޒްގެ ޚިޔާލު މިގޮތަށް ހުރިއިރު ނާއިބުރައީސް ނައުރީފްވެސް ކައުންސިލަށް ކުރިމަތިލުމާމެދު ހުންނެވީ ވަކި ގޮތަކަށް ނުނިންމަވައެވެ.

” ރަށު ކައުންސިލަށް ރަނގަޅު ބަޔަކު ކުރިމަތިލައިފިނަމަ އަޅުގަނޑު ކުރިމަތިލާނަން. އެކަމަކު ރަނގަޅު ނޫންބަޔަކު ކުރިމަތިލައިފިނަމަ ކުރިމަތިލާކަށް ގަސްދެއް ނުކުރަން. ” ނައުރީފް އިތުރު ތަފްސީލަކަށް ނުގޮސް ވިދާޅުވީ ހަމައެކަނި މިހެންނެވެ.

ރައީސާއި ނާއިބުރައީސަށް ފަހު ދެންހުރީ އެންމެންގެ ކުޑޭ (މުހައްމަދު ރިޒާ )އެވެ. އެންމެންނާވެސް ގުޅިގެން އުޅުއްވަން ބޭނުންވާކަމަށް ވިދާޅުވާ ކައުންސިލްގެ މަސައްކަތްތަކުގައިވެސް  އުޅުއްވާތަން އެންމެ ގިނައިން ފެންނަ ފަރިތަ މޫނެކެވެ. ކުޑޭގެ ޝުއޫރުތައް އީވީއަށް ބަންޑުންކޮށްލީ މިހެންނެވެ.

އޭދަފުށީ ކައުންސިލްގެމެންބަރު މުހައްމަދު ރިޒާ (ކުޑޭ )

އޭދަފުށީ ކައުންސިލްގެމެންބަރު މުހައްމަދު ރިޒާ (ކުޑޭ )

“އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑު ކައުންސިލަރަކަށް ކުރިމަތިލުމަކީ ރައްޔިތުންގެ ހައްގުގައި ކަމަށް ވާނަމަ ކުރަންޖެހޭނެކަމެއް. އެއީ ފަރުދީ ގޮތުން އަދި ޖަމާއަތުގެ ފެންވަރުގައިބެލި ކަމުގައިވީނަމަވެސް ރަށުގެ ތަރައްގީއަށް މުހިއްމު ކަމެއްކަމުގައި އަޅުގަނޑުދެކޭތީ އަޅުގަނޑު ގަސްދުކޮށްފިން ރަށު ކައުންސިލް އިންތިޚާބުގައި ވާދަކުރަން.  މިވަގުތަކީ ތަރައްގީގެ ބޮޑެތި މަސައްކަތްތަކެއް މި ރަށުގައި ހިނގާ ދުވަސްވަރަކަށްވެފައި އެކަމުގައި އަމަލީގޮތުން ބައިވެރިވެ އަދި ޕްރޮޖެކްޓްތައް ހިންގާ ފަރާތްތަކާ އެންމެ ގާތް ގުޅުމެއް އޮތީ އަޅުގަނޑާމެދުކަމަށް ވާތީ އަޅުގަނޑު އެއްފަރާތަށް ޖެހިއްޖެނަމަ އެއީ މަޝްރޫއު ތަކުގެ އަވަސް ސްޕީޑްގައި ބްރެކް ޖެހޭނެކަމެއް ކަމުގައި އަޅުގަނޑު ދެކެނީ. “މިއީ ކުޑޭގެ ޝުއޫރެވެ.

ވޭތުވެދިޔަ ދައުރުގައި ރަށުގެ ކުރިއެރުމާއި ތަރައްގީއަށް ކައުންސިލްގެ ފަރާތުން މާބޮޑު ކަމެއް ކުރެވިފައި ނުވާ ކަމަށް ގަބޫލުކުރައްވަމުން އޭނާ ވިދާޅުވީ އެހެން އެކަން ދިމާވީ ހުރިހާ ކައުންސިލަރުން ގުޅިގެން ޝައުގުވެރިކަމާއެކު މަސައްކަތް ނުކުރުމުންކަމުގައެވެ. މި ނަތީޖާއަކީ ބަލައިގަންނަން އެހާ ފަސޭހަ ނަތީޖާއަކަށް ނުވެ ހިނގައިދާނެކަމަށާއި އެހެނަސް ހަގީގަތަކީ  ރަށުކައުންސިލް އޮތީ ރޫޅި ވަކިވަކިވެ ބައިބައިވެފައިވާ ތަނެއްގެ ގޮތުގައެވެ. ބައެއް ކައުންސިލަރުން އަމަލުކުރައްވާ ގޮތަކީ ރަސްމީގަޑި ނިންމާލާފައި މަހަށްދިއުމާ ދެންވެސް މުޅިން އަމިއްލަ ކަންކަމުގައި ވަގުތު ތައް ދުއްވާލުން ކަމަށާ ރަސްމީގަޑީގައިވެސް އޮފީހުގައި ހޭދަކުރާވަގުތަށްވުރެ ބޭރުގައި ގިނަ ވަގުތުހޭދަކުރާ ކައުންސިލުން އެބަތިއްބެވިކަމަށް  ކުޑޭ ވިދާޅުވިއެވެ.

“ލިބިފައިހުރި ވަސީލަތްތަކާ ފައިސާގެ ތަނަވަސްކަމާ ސަރުކާރުން އެއްވެސްކަމެއްގައި އެއްވެސް ވަރަކަށް ހިފަހައްޓާފައި ނުވުމާއެކު އަޅުގަނޑުމެންނަށް ކަންތައްތަކެއް ނުކުރެވެންވީ ކީއްވެގެންތޯ؟ ” ކުޑޭ ސުވާލު އުފެއްދެވިއެވެ.

ރަށު ކައުންސިލަށް ކުރިއަށް ދިއުމަށް މަގު ބަންދުވެފައިވާ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި  އޭނާ ނެންގެވީ ކައުންސިލް ހިންގޭވަރުގެ ކެޕޭސިޓީހުރި ރަނގަޅު ރައީސެއް ނެތުމުގެ މައްސަލައެވެ.

އޭނާ އެކަމަށް މިސާލު ނެންގެވީ ހުންގާނު ނެތް އޮޑިއެއްގެ މިސާލެވެ. ވިދާޅުވީ ރަނގަޅު ރައީސަކު ހުރިނަމަ އޭނާގެ ލީޑަރޝިޕްގެ ދަށުން ގިނަ ކަންތައް ތަކެއް ކުރެވުނީސް ކަމަށާއި ރައީސްގެ ސިކުނޑި އެންމެ ކުޑަމިނުން އޮފީހުގައި ހޭދަކުރާ ވަގުތު ހުންނަންޖެހޭނީ ރައްޔިތުންނާ ދިމާލަށް ފޯކަސް ކުރެވިފައިކަމުގައެވެ.  މާނައަކީ އެވަގުތުކޮޅުގެ ތެރޭގައި ވެސް ސީދާ ރައްޔިތުންނާމެދު ވިސްނިނަމަ އޭދަފުށީގެ އާއްމު ހާލަތު މިދަރަޖައަށް ވެއްޓޭކަށް ނުޖެހުނީހެވެ.

މިހާރު ކައުންސިލްގައި އެންމެ އިސްކޮށް ތިއްބެވި ތިން ބޭފުޅުންގެ ވާހަކަ މި ދެންނެވީއެވެ.

ދެން އެހެންވިއްޔާ މިފަހަރު އޭދަފުށީ ކައުންސިލަށް ހޮވަންވީ ކޮން ބައެއް ހެއްޔެވެ؟

އޭދަފުށި މިހާރުމިވަނީ ތަރައްގީގެ ރޮނގުން އެތައް އަހަރެއްގެ ފަހަތަށް ގޮސްފައެވެ.  މަންޒަރު ސިފަކުރެވެނީ ބެލެނި ވެރިއެއްނެތް ރައްޔިތެއްގެ ގޮތުގައެވެ. މިއީ މިރަށުގެ ރައްޔިތުންނާއި ރަށުން ބޭރުގައި ދިރިއުޅޭ އޭދަފުށީ ރައްޔިތުންގެވެސް އެންމެ ބޮޑު ޝަކުވާއެވެ. ރަށުގައި ކުރިން ހިނގަމުން އައި އާއްމު އުސޫލުތަކާ ރީތި އާދަތައް މަޑުމަޑުން ނެތެމުން ދާން ފަށައިފިއެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަނީ ބައެއްގެ އިހުމާލުން ކަންތައްތަކެއް ނުކުރެވި ހުރި މަންޒަރެވެ. ޒިންމާދާރު ރަށުކައުންސިލެއް ނެތުމުގެ ނަތީޖާއެވެ.

އެހެންވީމާ އޭދަފުށީގައި ތިއްބެވި ތަޖްރިބާ އާއި އިލްމީ ގޮތުން ގާބިލް ބޭފުޅުން ކައުންސިލަށް ކުރިމަތި ލާންވީ ވަގުތު އައިސް ޖެހިއްޖެކަމުގައި ގަބޫލުކުރައްވާށެވެ. ރައްޔިތެއް ގޮވައިގެން އުޅުމުގެ ގާބިލް ބޭފުޅުން މި ރަށުގައި މަދެއް ނޫނެވެ. އެފަދަ ބޭފުޅުން ކުރިމަތިލައްވައިގެން ކައުންސިލް އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ މި ރަށް އޮންނާނީ ވަސީލަތްތައް ފުރިހަމަ ވެފައިވާ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖެހެމުން އަންނަ ރަށަކަށް ވެފައެވެ.

ކައުންސިލަށް ކުރިމަތިލައްވާފައވާ ބޭފުޅުންނަށް ވޯޓްދެއްވުމުގެ ކުރިން އެބޭފުޅެއްގެ ކުލައަށް ނުވަތަ އާއިލާ އަށް ބެއްލެވުމުގެ ބަދަލުގައި އެމީހާގެ ގާބިލްކަމަށް ވޯޓު ދެއްވުމަކީ މި ދެންނެވި ކާމިޔާބާހަމައަށް ވާސިލްވުމަށް އޮތް ހަމަ އެކަނި ގޮތެވެ.

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު