ކުށަށް ޒިންމާ ނަގަންޖެހޭ އުމުރު 12 އަށް ދަށްކުރަނީ

big_JDaguuirDfJhma8MPOS8PeKFZ-850x548-1.jpeg

ހޯމް މިނިސްޓަރު އަލީ އިހުސާން

ކުށްކުރާ ކުޑަކުދިންނަށް 15 އަހަރުނުވާ ނަމަ އަދަބު ނުދެވޭ ގޮތަށް އޮތްއޮތުން އުވާލައި, ކުށަށް ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ދަށްކުރަން ސަރުކާރުން ނިންމައިފި އެވެ.

އއ. ރަސްދޫގައި ތަރާވީހް ނަމާދު ވަގުތު މިސްކިތުގައި ކުޑަ ކުއްޖަކަށް އަނިޔާކޮށް ބުލީކުރާ މައްސަލައިގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ފަރާތުން މިކަން އިއުލާން ކުރައްވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ކުޑަކުދިން ކުރާ ކުށްތައް ހުއްޓުވުމަށް މިހާރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރަކީ 15 އަހަރުގެ ގޮތުގައި އޮތުން ކަމަށެވެ. ނަމަވެސް ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ 200 ވަރަކަށް ކުޑަކުދިން މިހާރު ތިބި ކަމަށާއި އޭގެ ތެރޭގައި 12، 13 އަދި 14 އަހަރުގެ ކުދިން ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކުށްތަކަށް ޒިންމާވާންޖެހޭ އެންމެ ހަގު އުމުރުގެ ގޮތުގައި ކަނޑައަޅާފައިވަނީ 12-14 އަހަރު ކަމަށެވެ.

މި ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ސަރުކާރުން ގިނަ އިސްލާހުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ކުށުގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ބަދަލު ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ.

އޭގެ އިތުރުން ކުޑަކުއްޖަކު ބަންދު ކުރަންޖެހިއްޖެ ނަމަ އޮންނަ ގާނޫނީ އިޖުރާއަތު މިހާރު އޮތީ އެހާ ސާފުކޮށް ނޫން ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ. އެގޮތުން ކުޑަކުއްޖާ ބަންދު ކުރުމުގެ އަމުރު ނެރެންޖެހޭ ކޯޓު ވެސް ސާފު ނުވާ ކަމަށާއި ގާނޫނަށް ގެނެވޭ އިސްލާހުތަކާއެކު ކޯޓު އަމުރު ހޯދުމުގެ ހުރި ގޮންޖެހުންތައް ވެސް ހައްލުވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top