”ދެވަނަޑޯޒް ޖަހަންފަށާނީ އިތުރު ޝިޕްމަންޓެއް ލިބުމުން“

151110924_1879667008853932_4291821659375972152_o.jpg

ބ.އަތޮޅު ހޮސްޕިޓަލަށް ކޮވިޑް ވެކްސިން ޖެހުމަށް ގޮސްތިބި ބަޔަކު ކިޔުގައި މަޑުކޮށްލައިގެން --ފޮޓޯ :އަތޮޅު ހޮސްޕިޓަލް

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށާނެ ތާރީހެއް އިއުލާން ކުރާނީ ފުރަތަމަ ޖަހަން ފެށި ކޮވިޝީލްޑު ވެކްސިންގެ އިތުރު ޝިޕްމަންޓެއް ލިބުމުން ކަމަށް ހެލްތު މިނިސްޓްރީގެ ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސް، ތަސްލީމާ އުސްމާނު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕު (ޓެގު) ގައި ހިމެނިވަޑައިގަންނަވާ ޕީޑިއޮޓްރިކް އިންފެކްޝަސް އެކްސްޕާޓް ޑރ. ނަޒްލާ މުސްތަފާ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން ރާއްޖޭގައި ކޮވިޑު ވެކްސިންގެ ދެވަނަ ޑޯޒު ޖަހާނީ ފުރަތަމަ ޑޯޒު ޖަހާތާ އަށް ހަފުތާ އާއި 12 ހަފުތާއާ ދޭތެރޭގަ އެވެ.

ރާއްޖޭގައި ފުރަތަމަ ޖަހަން ފެށިީ އިންޑިއާ އިން ތައްޔާރުކުރާ ކޮވިޝީލްޑް ވެކްސިނެވެ. އެ ވެކްސިން ޖަހަން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ. އެހެންކަމުން މިއަދަކީ ރާއްޖޭގައި ކޮވިޑު ވެކްސިން ޖަހަން ފެށިތާ އަށް ހަފުތާ ފުރިހަމަވީ ދުވަހެވެ.

ތަސްލީމާ ވިދާޅުވީ ރާއްޖޭގައި ކޮވިޑު ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން ފަށަން ނިންމާފައި އޮތީ އަށް ހަފުތާ އާއި 12 ހަފުތާއާ ދޭތެރޭގައި ކަމުން, އެ މުއްދަތުގެ ކޮންމެ ތާރީޚެއްގައި ވެސް ދެވަނަ ޑޯޒު ޖެހޭނެ ކަމަށެވެ.

ތަސްލީމާ އިތުރަށް ވިދާޅުވީ, ދެވަނަ ޑޯޒު ވެސް ޖަހަން ފަށާނީ ފުރަތަމަ ޑޯޒު ޖެހި ތަރުތީބުން ކަމަށެވެ.

ރާއްޖޭގައި ދެލައްކަ އަށްވުރެ ގިނަ މީހުންނަށް ކޮވިޝީލްޑު ވެކްސިންގެ ފުރަތަމަ ޑޯޒު ވަނީ ދީފައެވެ. އެ ވެކްސިނަކީ އިންޑިއާ އިން ހަދިޔާކުރި ދެ ލައްކަ ވެކްސިނާއި ކޮވެކްސް ފެސިލިޓީން ލިބުނު 12,000 ވެކްސިނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top