
ބ. އަތޮޅު ހޮސްޕިޓަލް. މިދުވަސްވަރު ފެތުރެމުންދާ ބަލިތަކަށް ސަމާލުވުމަށް މިހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައި / ފޮޓޯ: އިންޓަނެޓް
މިދުވަސްވަރު ރާއްޖޭގެ އެކިސަރަހައްދުތަކުގައި ވައިރަލްހުމާ، ހޭންޑް ފުޓް އެންޑް މައުތު ބަލި ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް ބ. އަތޮޅު ހޮސްޕިޓަލުން ބ. އަތޮޅުގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފިއެވެ.
ބ. އަތޮޅު ހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓްގެ ހެޑް ސިދުގީ އަބްދުﷲ ރޭ އީވީއަށް ވިދާޅުވީ މިދެބަލި ފެތުރެމުންދާތާ ދެހަފްތާއެއްހާ ދުވަސްވެފައިވާކަމަށާ، ހޭންޑް ފުޓް މައުތު ޑިޒީސް މަޑުމަޑުން ކޮންޓްރޯލް ވަމުންއަންނައިރު، ވައިރަލް ހުން ޖެހޭކުދިން އިތުރުވަމުންދާކަމަށެވެ. އޭނާ ވިދާޅުވީ މިބަލި ޖެހެމުންދަނީ ކުޑަކުދިންނަށް ކަމަށްވާތީ، އާންމުސަރަހައްދުތަކަށް ކުދިން ނެރުން މަދުކޮށް އާންމު ސާފުތާހިރުކަމަށް ބޮޑަށް ސަމާލުކަން ދޭންޖެހޭކަމަށެވެ.
“ހޭންޑް ފުޓް މައުތު ޑިޒީސް މިހާރު މަދު ފެންނަލެއް. އެހެންނަމަވެސް ވައިރަލް ހުން މިހަފްތާގައި މަތިވަމުންދާކަމަށް ދައްކަނީ. އެހެންވީމާ، އެއްވެސް ވަރަކަށް ކުދިންގައިގައި ބިހިނަގާފައި ހުންނަންޏާ ސްކޫލަށް ނުފޮނުވުން އެދެން. މީ ވައިރަސް އަކުން ފެތުރޭ ބަލިތަކެއް. އެހެންވީމާ، އަތާފައި ގިނަގިނައިން ދޮވުމަށާ، އާންމު ސާފުތާހިރުކަމަށް ބޮޑަށް ސަމާލުކަން ދޭންވީ. ދެން އާންމުންގެ ތެރެއަށް ކުދިން ނެރުން މަދުކުރަންވީ.
ސިދުގީ ވިދާޅުވީ ބަލީގެ އަސަރު ފެނިއްޖެނަމަ ވަގުތުން ޑޮކްޓަރަށްދައްކާ ފިޔަވަޅުއަޅަންޖެހޭކަމަށާ، ނޫންނަމަ ބަލީގެ އަސަރު ބޮޑުވެ ފަސޭހަވުން ލަސްވެގެންދާނޭކަމަށެވެ.
ހުޅަނގު މޫސުމާ ދިމާކޮށް ކޮންމެ އަހަރަކުވެސް މިފަދަ ހުމުގެ ރޯގާތައް ފެތުރެމުންދާތީ، ކުރިޔަށް އޮތް ދުވަސްތަކަށް ސަމާލުވުމަށްވެސް ބ. އަތޮޅު ހޮސްޕިޓަލުން އެދިވަޑައިގަތެވެ. ސިދުގީ ވިދާޅުވީ ޑެންގީހުން މައިތިރިކުރުމަށް ގައުމީ ފެންވަރުގައި ހިންގާ ކެންޕޭން މިއަހަރުވެސް ފެށުމަށް ތައްޔާރުވަމުންދާކަމަށާ، އެކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާކަމަށެވެ.