ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި، އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭ ގޮތަށް ހަދަން ސަރުކާރުން އިސްލާހެއް ހުށަހަޅައިފިއެވެ.
ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު އަޒާން މަރްޒޫޤް ހުށަހެޅުއްވި މި އިސްލާހުގައި ވަނީ ޖުވާއަކީ ކޮބައިކަމާއި ޖުވާގެ ގޮތުގައި ނުހިމެނޭ ކަންކަންވެސް ހިމަނައިފައެވެ.
މި ބިލުގެ ފުރަތަމަ ކިޔުން މާދަމާ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި އިއްވުމަށް ވަނީ އެޖެންޑާ ކޮށްފައެވެެ.
އިސްލާހުގައިވާ ގޮތުން، މުނިފޫހިފިލުވުން ނުވަތަ ކުޅިވަރުގެ ބޭނުމަށް އެކި ފަރާތްތަކުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތްތަކުގައި ބައިވެރިވެ، އެފަދަ މުބާރާތްތަކުގެ ބައިވެރިންނަށް ފައިސާ، ނުވަތަ އަގުހުރި އެއްޗެއް އެކުލެވޭ އިނާމެއް ދިނުމާއި، އެއްވެސް އަގެއް ދިނުމަކާ ނުލާ މީހުންގެ މެދުގައި ގުރުއަތު ލައިގެން ހޮވޭ ފަރާތަކަށް ނުވަތަ ފަރާތްތަކަށް ފައިސާ، ނުވަތަ އަގުހުރި އިނާމެއް ދިނުން ޖުވާ ކުޅުމުގެ ތެރޭ ނުހިމެނެއެވެ.
ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުގައި އޮންލައިންކޮށް ހިންގާ ޖުވާ ކުޅުމުގެ ވިޔަފާރި ވެސް ވަނީ ހިމަނައިފައެވެ.
ޖުވާ ކުޅުމުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ.
ބިލުގައިވާ ގޮތުން ޖުވާ ކުޅުމުގެ އާލަތަކީ އެ އެއްޗެއް އޮޕަރޭޓް ކޮށްގެން އެއީ އެ މީހެއްގެ ނަސީބަށް ނުވަތަ ހުނަރަށް ބިނާކޮށް ކަމުގައިވިޔަސް އެ މީހަކަށް ފައިސާ ނުވަތަ އަގެއް ހުރި އެއްޗެއް ލިބޭ ގޮތަށް ފަރުމާކޮށްފައި ހުންނަ އެއްޗިއްސެވެ. އަދި އެފަދައިން ފައިސާ ނުވަތަ އަގެއް ހުރި އެއްޗެއް ލިބިގަތުމުގެ ހައްގެއް ނުވަތަ މަސްލަހަތެއް ލިބޭ ގޮތް މަގުފަހިކޮށްދޭ އެއްޗެކެވެ.
އަދި ޖުވާކުޅޭ ތަނެއް ހިންގުމުގެ މާނައަކީ ވަކި ތަނެއްގައި ޖުވާކުޅުމުގެ އާލާތެއް ބޭނުންކޮށްގެން ނުވަތަ އެ ނޫން ވެސް ގޮތަކުން ޖުވާކުޅުމުގެ ހަރަކާތްތައް އިންތިޒާމުކޮށް ހިދުމަތެއް ނުވަތަ ވިޔަފާރިއެއް ނުވަތަ މުބާރާތެއް ހިންގުން ކަމަށް ބިލުގައި ފާހަގަކޮށްފައި ވެއެވެ. މީގެ ތެރޭގައި އޮންލައިންކޮށް ހިންގާ ޖުވާކުޅުމުގެ ވިޔަފާރި ވެސް ހިމެނޭ ކަމަށް ބިލުގައިވެއެވެ.
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތްތައް ފަށްޓަވައިފައިވާ ކަމަށާއި، އެގޮތުން ޤާނޫނުލްޢުޤޫބާތު އިސްލާޙުކުރަން ސަރުކާރުން ބިލެއް ހުށަހެޅިކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ މިދިޔަ މަހުގެ 10ވަނަ ދުވަހެވެ.






