ކުރިއަށް އޮތް ތަނުގައި މިނިސްޓްރީތަކަށް މީހުން އައްޔަން ކުރެއްވުމުގައި އެމީހާގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާނެކަމަށާއި ސްޓޭޓް މިނިސްޓަރުންކަން ދިނުމުގައި މާސްޓާސް އަދި ޑެޕިއުޓީ މިނިސްޓަރުކަން ދިނުމުގައި ޑިގްރީގެ މިންގަނޑަށް ބަލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރައީސް ވިދާޅުވީ މިހާރު ކުރިއަށް ދަނީ ސަރުކާރު ކުޑަ ކުރުމުގެ މަސައްކަތް ކަމަށާއި އެގޮތުން ކެބިނެޓް 15 މިނިސްޓްރީއަށް ކުޑަކުރެވިފައިވާ ކަމަށެވެ. މިނިސްޓްރީތައް މަދު ކުރުމަކުން ސަރުކާރު ކުޑަ ނުވާނެ ކަމަށާއި އެހެންކަމުން މިހާރު އައްޔަނުކޮށްފައި ތިބި މުވައްޒަފުންގެ ތެރެއިން ޕާފޯމެންސަށް ބަލައި ވީހާވެސް ގިނަ ފަރާތްތަކެއް ރިލީޒް ކުރުމުގެ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑުގެ ވިސްނުން ކުރިއަށް އޮތް ތަނުގައި ސްޓޭޓް މިނިސްޓަރަކަށް ކޮންމެހެން ލާންޖެހޭ މީހެއްގެ އަތުގައި މާސްޓާސް ޑިގްރީއެއް އޮތުން. ޑެޕިއުޓީ މިނިސްޓަރަކަށް ކޮންމެހެން މީހަކު ލާންޖެހޭ ހާލަތުގައި އެމީހާގެ އަތުގައި އެކަމާ ބެހޭ ދާއިރާގެ ޑިގްރީއެއް އޮތްތޯ ބެލުން. މިކަހަލަ ރަފް މިންގަނޑެއް އަޅުގަނޑުމެން ގެންގުޅެން ނިންމާފައި މިވަނީ،” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވަޒީފާތަކަށް މީހުން ނަގާނީ އިއުލާނު ކޮށްގެން، ސީވީއަށް ބަލައިގެން މެރިޓް ބޭސްކޮށް ކަމަށެވެ. ނުގަވާއިދުން ނުވަތަ ގަވާއިދާ ހިލާފަށް ވަޒީފާ ދީފައިވާ ފަރާތްތައް ވަކި ކުރަން އަންގާފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އަދި އެއްވެސް ފަރާތަކަށް ކެމްޕޭނަކާ ގުޅިގެން ނުވަތަ ސިޔާސީ ގޮތަކުން ވަޒީފާ ދިނުން މިގައުމުގައި ނިމުމަކަށް އަންނަން ޖެހޭ ކަމަށް ރައްޔިތުން ބުނެފައިވާ ކަމަށާއި އެގޮތަށް އަމަލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.






