ފާފަ ކުރުމަށް ފަހު އެވާހަކަ ދެއްކުމަކީ ނުބައިކަން ބޮޑު އަމަލެއް: ޚުތުބާ

DSCN2884.jpg

ފާފަތައް ކުރުމަށްފަހު، އޭގެ ވާހަކަ ދައްކައި، އެމީހުން ކުރި ފާފަތަކާ މެދު ފަޚުރުވެރިވެ އެވާހަކަ ދައްކައި އުޅުމަކީ ނުބައިކަން ބޮޑުވެގެންވާ އަމަލެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފި އެވެ.

”ފާފައިގެ އަސަރު“ ގެ މައްޗަށް ބިނާކޮށްފައިވާ މިއަދުގެ ހުކުރު ޚުތުބާގައި ބުނީ, މާތް الله އަށް އުރެދުމަށް ކުރެވޭ ކޮންމެކަމަކީ ފާފައެއް ކަމަށާއި ފާފައަކީ އޭގެ ނުބައިކަން އިންތިހާއަށް ބޮޑު އެއްޗެއް ކަމަށެވެ. ފާފައަކީ އޭގެ ސުންޕާކަން އެކަންކުރާ މީހާއަށާއި މުޅި މުޖުތަމައަށް ކުރިމަތި ކުރުވާ އެއްޗެއް ކަމަށް ބުންޏެވެ.

ޚުތުބާގައި ބުނީ، މާތް ﷲއަށް އުރެދުމަށް ކުރެވޭ ކޮންމެ ކަމަކީ ފާފައެއް ކަމަށެވެ. ފާފައަކީ އޭގެ ނުބައިކަން އިންތިހާއަށް ބޮޑު އެއްޗެއް ކަމަށާއި ރަސޫލު ޒަމާނުގައި އެކި ދަރިފަސް ކޮޅުތައް ހަލާކު ކުރެއްވީ ފާފައިގެ ސަބަބުން ކަމަށް ޚުތުބާގައި ބުންޏެވެ.

ފާފައަކީ އޭގެ ސުންޕާކަން އެކަންކުރާ މީހާއަށާއި މުޅި މުޖުތަމައަށް ކުރިމަތިކުރުވާ އެއްޗެއް ކަމަށާއި އޭގެ ސަބަބުން ދިރިއުޅުމުގެ ހަޔާތް ނާމާންވެ، ބިންމަތި ފަސާދަވެ އަދި މުޖުތަމައުގައި ބިރުވެރިކަން އުފެދޭ ކަމަށް ޚުތުބާގައި ބުންޏެވެ.

“ފާފައަކީ އޭގެ ސަބަބުން މާތްﷲގެ ކޯފާ އާއި އަޒާބަށް ހުށަހެޅޭ ކަމެކެވެ. ބައެއް ފާފަތަކަށް ދުނިޔެމަތީގައި ވެސް އަޒާބު އާދެ. އަމަން އަމާންކަން ގެއްލި ބިރުވެރިކަމާއި ނާމާންކަން ފެތުރޭ،” ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނި ގޮތުގައި، މާތްﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިކަން އަދާކުރުމަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ހާސިލުވާނެ މަގެކެވެ. އަދި އެކަލާނގެއަށް އުރެދުމަކީ އަބާއްޖަވެރިކަން ލިބި ނިކަމެތިވާނެ މަގެއް ކަމަށާއި ޔަމަންކަރަ އާއި ސަބައުގެ އަހުލުވެރިންގެ ވާހަލަ ﷲ ބަޔާން ކުރައްވާފައި ވަނީ އިބުރަތަކަށް ކަމަށް ޚުތުބާގައި ބުންޏެވެ.

އިންސާނުންގެ ތެރެއިން ބައެއް މީހުން ފާފައާ މެދު ދެކެނީ ވަރަށް ލުއި ގޮތަކަށް ކަމަށާއި ދުންޔަވީ މަންފާއަށްޓަކައި ފާފަކުރުމަށް ޖެހިލުމެއް ނުވާ ކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން ބޮޑެތި ފާފަތަކަށް ވެސް އަރައިގަންނަ ކަން މިއަދުގެ ޚުތުބާގައި ފާހަގަކުރިއެވެ.

“ބަނގުރާ ބުއިމާއި މަސްތުވާތަކެތި ބޭނުންކުރުމާއި ޒިނޭ ކުރުމާއި ވައްކަން ކުރުމާއި ރިބާ ކެއުމާއި ޖުވާ ކުޅުމާއި މީހުން މެރުމާއި ސިހުރު ހެދުމާއި ޣީބަ ބުނުމާއި ނެތި މޮށުމާއި ފުރައްސާރަކުރުމާއި އިއްފަތް ފޭރުން ފަދަ ކަންކަމަށް މީހުން އަރައިގަންނަނީ އެއްވެސް ބިރެއް ނެތި،” ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން، ﷲއަށް ތަގުވާވެރިވެ އެކަނލާނގެ ނަހީކުރެއްވި އެންމެހާ ކަންކަމުން ދުރުހެލިވުމަށް ޚުތުބާގައި ނަސޭހަތްތެރިވިއެވެ. އަދި ސަލާމަތުގެ މަގު ބޭނުންވާނަމަ ފާފަތަކުން ތައުބާވުމަށް އަވަސްވެ ގަތުމަށާއި އެކަމަކީ ކިހާ މާތް ކަމެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top