ރިސޯޓު މުބާރާތް : ސޮނެވާއިން ރޯޔަލް ބަލިކޮށްފި

DSCN0150.jpg

ސޮނެވާއާއި ރޯޔަލް ވާދަ ކުރި މެޗްގެ ތެރެއިން : އީވީ ފޮޓޯ

އޭދަފުށި ވެލާ ސްޕޯޓްސް ކްލަބް އިން އިންތިޒާމުކޮށްގެން އޭދަފުށީގައި މިހާރު ކުރިއަށްދާ ލެވިސްތާ އިންޓަރ ރިސޯޓުް ފުޓްބޯލް މުބާރާތުގައި މިއަދު ކުޅުނު މެޗް ސޮނެވާ އިން ކާމިޔާބު ކޮށްފިއެވެ. ސޮނެވާއިން މި މެޗް ކާމިޔާބު ކުރީ ރޯޔަލް އައިލެންޑް ރިސޯޓާ ވާދަކޮށް 0-2 އިން ރޯޔަލް ބަލިކޮށްގެންނެވެ.

މިއަދުގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 12ވަނަ މިނިޓުގައި ސޮނެވާފުށީގެ އިތުބާރު ލަނޑުޖެހުންތެރިޔާ އާދަމް ނިޒާމެވެ. އޭގެ ފަސްމިނިޓް ފަހުން ސޮނެވާއަށް ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގައި މޮޅު ކުޅުމެއްދެއްކި ސަލާމް ހާމިދެވެ.

ދެވަނަ ހާފުގައި ރޯޔަލް އިން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ގޯލަށް ނުރައްކާތެރި ކޮށްފައެވެ. އެހެންނަމަވެސް ސޮނެވާގެ ގޯލްކީޕަރު ވަނީ އެހަމަލާތައް ދިފާއުކޮށްފައެވެ.

މެޗުގެ ފަހު ވަގުތު ރޯޔަލްއަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިފައެވެ. އެކަމަކު މި ޕެނަލްޓީ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ސޮނެވާގެ ކީޕަރު އިބްރާހީމް ނިހާދު މަތަކޮށްފައެވެ.

ދެން މި ގްރޫޕްގެ މެޗެއް އޮންނާނީ ހޮނިހިރު ދުވަހު ހަވީރުއެވެ. މި މެޗުގައި ދުސިތުތާނީއާއި ދެކޮޅަށް ވާދަ ކުރާނީ ސޮނެވާފުއްޓެވެ. މި މެޗުން ދުސިތު، ސޮނެވާފުށި އަތުން 0-3 އިން މޮޅުވެއްޖެނަމަ ދުސިތު އަށް ރޯޔަލް ކަޓުވާލުމަށް ފަހު ސެމީއަށް ދަތުރު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މާދަމާ ހަވީރު މި މުބާރާތުގައި ފިނޮޅު ރިސޯޓާ ދެކޮޅަށް ނުކުންނާނީ އަނަންތަރާ ކިހަވައް ވިލާސް އެވެ. މި މެޗް ފެށުމަށް ހަމަޖެހިފައިވަނީ 4:15ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top