ބަނދަރު އޮތީ ނޭވާހޮޅިއަށް އެޅިފައި – ދޮންފަނު ކައުންސިލް

75551401.jpg

ބ. ދޮންފަނު ބަނދަރުގެ ހާލަތު ވަރަށް ދެރަކަމަށާ، ބަނދަރު ވަނީ ނޭވާހޮޅިއަށް އެޅިފައިކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ދޮންފަނު ކައުންސިލުން ބުނީ އެރަށުގެ ބަނދަރު 2004 ވަނައަހަރުގެ ސުނަމީއަށްފަހު ވަރަށް ބޮޑަށް އަރިއަޅާލާފައިވާތީ، ބޭނުން ނުކުރެވޭ ކަމަށާ، އެކަމުގެ ސަބަބުން އޮޑިވެރިންނަށް ބޮޑެތި ދަތިތައް ދިމާވާކަމަށެވެ. ދޮންފަނު ކައުންސިލްގެ ރައީސް ހަނީފް އިބްރާހީމް އީވީއަށް ވިދާޅުވީ ކުރިޔަށް އޮތީ އިރުވައި މޫސުން ކަމަށާ، ހަޅަޖަހާ ދުވަސްވަރު އޮޑިވެރިން ނުނިދާ ތިބެންޖެހޭނެ ކަމަށެވެ.

“ކަނޑު ތޮށި އެއޮތީ އެއްކޮށް ވެއްޓިފައި. އެއްގަމު ތޮށި ދެންމެ ދެންމެ ފަޅަށް ވެއްޓިދާނެކަމުގެ ބިރުގަ. އަރިއަޅާލާފަ އެއޮންނަނީ. ހަޅަޖަހާއިރު އޮޑި ދޯނިފަހަރުވެރިން ހޭލާ ނުތިބެއްޖެއްޔާ ދޯންޏެއް ނުލިބޭނެ. ވަރަށް ހާލުގަ މިއޮތީ”

ހަނީފް ވިދާޅުވީ ބަނދަރު މަރާމާތު ކުރަން 2015 ވަނައަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާފައި އޮތްކަމަށާ، އެހެންނަމަވެސް އެކަމުގެ އެއްވެސް ހަބަރެއް ކައުންސިލަށް ނުލިބޭކަމަށެވެ. އަދި މިއަހަރުގެ ބަޖެޓްގައިވެސް އަންނަ އަހަރުގެ ބަޖެޓްގައިވެސް ބަނދަރު މަރާމާތުކުރަން ހިމަނާފައި ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

“ވާނުވާއެއް ނޭނގޭ. ބަޖެޓްގައި 2015ގައި އޮތް. އެކަމު އިޢްލާނެއް ނުކުރޭ. މިނިސްޓްރީން އޭރުބުނި އިއްލާން ކުރާނެޔޭ. ކެންދޫ ބަނދަރަށްފަހު އޭ ހަދާނީ މިރަށް. 2016ވެސް މިނިމެނީ. ހަބަރެއް ނުވޭ. ކެންދޫވެސް އަދި ނުނިމޭ” ހަނީފް ވިދާޅުވިއެވެ.

ހަނީފް ވިދާޅުވީ ބަނދަރު މަރާމާތުކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ އެކައުންސިލުން މަޝްވަރާ ކުރަމުންދާނެކަމަށާ، އަންނަ އަހަރު ބަނދަރަށް އެދެވޭ ހައްލެއް ގެނެވޭތޯ މަސައްކަތް ކުރާނެކަމަށެވެ.

ފައްސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮތް ދޮންފަނުގެ މިހާރުގެ ބަނދަރަކީ ސަރުކާރާ، އަމިއްލަ ފަރާތްތަކުގެ އެހީގައި އެރަށު ރައްޔިތުން ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ހެދި ބަނދަރެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top