އަންނަ އަޟްހާ އީދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ހިންގޭ ހަރަކާތްތަކުގެ މިންގަނޑުތައް އިތުރަށް ފުރިހަމަކުރުމަށް ނިންމައިފިއެވެ.
މި ކަމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވަނީ އަޟްހާ އީދުގެ ހަރަކާތްތައް ރާވައި، އުސޫލުތައް ކަނޑައެޅުމަށް އެކުލަވާލައިފައިވާ ފަންނީ ކޮމެޓީން ބޭއްވި ބައްދަލުވުމުގައެވެ.
މި ކޮމިޓީގެ ބައްދަލުވުމުގައި އީދުގެ ހަރަކާތްތައް ފާއިތުވި އަހަރަށް ވުރެ ފުރިހަމަކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކޮށްފަ އެވެ. އަދި ގައުމީ ފެންވަރުގައި ރަސްމީކޮށް ތިން ސަރަހައްދެއްގައި ބޭއްވިޔަސް މުޅި ރާއްޖެ ޝާމިލު ވާނެހެން ކަންކަން އިންތިޒާމުކުރުމަށް ވެސް މަޝްވަރާ ކުރިއެވެ.
މީގެއިތުރުން އެކި ކަންކޮޅުތަކުގައި އެކި ފަރާތްތަކުން ބާއްވާ ހަރަކާތްތައް ގައުމީ ޓީވީން ދުރަށް ދެއްކޭނެ ގޮތްތައް ހަމަޖެއްސުމަށާއި އިސްލާމީ އިންތަކާއި މިންތަކަށް ފެތޭނެހެން އީދުގެ ހަރަކާތްތައް ބަންޓަން ކުރުމަށް ބާރު އަޅައި، އެކަން ކަމަށް އިސްކަން ދިނުމަށް ވެސް ވަނީ މަޝްވަރާކޮށްފައެވެ.
އެ ކޮމެޓީގައި ދީނީ ކަންކަމުގައި ލަފާދެއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންނެވެ. ފަންނީ ކަންކަމުގައި ޕީއެސްއެމުންނެވެ. އިންތިޒާމީ އިދާރީ ކަންކަން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިންނެވެ.