އިސް ރަށްވެހިންނަށް ޚާއްސަ މަރުކަޒުތަކެއް ގާއިމުކުރުމަށް ރަށު ކައުންސިލްތަކުގެ ޝައުގުވެރިކަން

DSCN7718.jpg

އިސް ރަށްވެހިންނަށް ޚާއްސަ މަރުކަޒުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ރަށު ކައުންސިލްތަކުން ޝައުގުވެރިކަން ފާޅުކުރަމުން ގެންދާކަަމަށް ސޯޝަލް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ލަހުފާ ޚަލީލް ވިދާޅުވެއްޖެއެވެ.

އެމްޓީވީގެ “ބޮޑު ޚަބަރު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ލަހުފާ ވިދާޅުވީ އިސްރަށްވެހިންނަށް ޚާއްސަ ޖާގަތައް ތަރައްގީކޮށް އެޚިދުމަތްތައް ރަށްރަށުގައި ފެށުމަށް 13 ކައުންސިލަކުން މިހާރުވެސް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށެވެ.

ޝައުގުވެރިކަން ފާޅުކުރެއްވި 13 ކައުންސިލުން ބޭނުންވާ އެހީތެރިކަން ފާހަގަ ކުރައްވަމުން ލަހުފާ ވިދާޅުވީ އެކައުންސިލް ތަަކާއެކު އެ ބޭފުޅުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީގެން އިސްރަށްވެހިންނަށް ޚާއްސަ ޖާގަތައް ރަށްރަށުގައި ގާއިމުކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން ގެންދާ ކަމަށެވެ.

މީގެއިތުރުން ރަށްރަށުގައި ހުރި އިމާރާތްތައް މަރާމާތުކޮށްގެން އެފަދަ ޖާގަތައް ތަރައްގީކުރެވޭނެ ގޮތްތައް އެބަހުރި ކަމަށާއި، އެގޮތަށް ތަރައްގީކުރާ ޖާގަތަކުގައި ހިދުމަތް ދޭނީ ރަނގަޅު ފެންވަރުގެ ޕްރޮގްރާމްތަކާއެކު ކަމަށް ވެސް ވިދާޅުވިއެވެ. މީގެތެރޭގައި ލުއި ކަސްރަތު ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ގަވާއިދުން ހިންގުމަކީ އަމާޒެއް ކަމަށް ވެސް ވިދާޅުވިއެވެ.

ދޮށީ އުމުރުގައި އެކަނިވެރިކަން އިހުސާސްކުރާ މީހުންގެ އަދަދު ރާއްޖޭގައި ވެސް އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި އެކަމަށް ހައްލެއް ހޯދުމަކީ މުހިންމު ކަމެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވިއެވ. އަދި ވިދާޅުވީ އިސްރަށްވެހިންނަށް ހާއްސަކޮށް މުޅި ރާއްޖޭގައި ހިންގާ ޕްރޮގްރާމްތަކާއި ޖާގަތައް ތަރައްގީކުރާނީ ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމާއެކު އެހެން މުއައްސަސާތަކާ ވެސް ގުޅިގެން ކަމަށެވެ.

އިސްރަށްވެހިންގެ ފުރަތަމަ ނާދީ ގާއިމުކުރެވިފައިވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު މާލޭގައެވެ.

ސޯޝަލް މިނިސްޓްރީން މިހާރު ވަނީ ހުޅުމާލޭގައި ވެސް އިސްރަށްވެހިންގެ ނާދީއެއް ހުޅުވައި، ދޮށީ އުމުރުގެ ފަރާތްތަކުގެ ދުޅަހެޔޮކަމާ ގުޅޭ ގިނަ ޕްރޮގްރާމްތަކެއް އެތަންތަނުގައި ހިންގަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top