އަންނަން އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ދީފިނަމަ މުޅި ގައުމު ފެއިލް ވާނެ ކަމަށް ތ.ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަދި އެ ޕާޓީގެ ނާއިބު ރައީސް ޣައްސާން މައުމޫން ވިދާޅު ވެއްޖެ އެވެ.
”ވިސްނާ’ ގެ ނަމުގައި ރޭ ޕީޕީއެމް އިން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ބައިވެރވި އެތައް ސަތޭކަ ސަޕޯޓަރުންނާއި މުޚާތަބް ކުރައްވައި ޣައްސާން ވިދާޅުވީ ޕީޕީއެމުން އަބަދުވެސް މަސައްކަތް ކުރަނީ ގައުމަށް ޚިދުމަތް ކުރަން ކަމަށެވެ. ނަމަވެސް “ފޮނި ވާހަކަ” ތަކުން ރައްޔިތުން ހައްލައިގެން އިންތިޚާބުތައް ހޯދަމުންދާ ބަޔަކު ވެސް ރާއްޖޭގައި އެބަތިބި ކަމަށެވެ. ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އަދި 2019 ވަނަ އަހަރުގެ މަޖިލީސް އިންތިހާބު ވެސް އެމްޑީޕީން ކާމިޔާބު ކުރީ އެފަދަ ވާހަކަތައް ދައްކައިގެން ކަމަށް ޣައްސާން ވިދާޅުވި އެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން “ވިސްނާ” ނަމުގައި ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޣައްސާނު ވިދާޅުވީ، އެމްޑީޕީ ވެރިކަމާ ހަވާލުވާ ކޮންމެ ފަހަރަކު އިގްތިސާދު ހުއްޓި، ޑޮލަރުގެ އަގު މަތިވެ ރައްޔިތުންގެ އަތްމަތި ދަތިވަނީ ކީއްވެ ކަމާއިމެދު ރައްޔިތުން ވިސްނަން ޖެހޭ ކަމަށެވެ.
“މީހުން ހިތްހަމަޖެހޭ ގޮތަކަށް މުޚާތަބުކޮށް ހިތްދަމައިގަންނަ ގޮތަކަށް ޝިއާރުތައް ހަދައިގެން ކެންޕޭން ކޮށްލާ ކޮންމެ މީހަކީ ކަމަށް ގާބިލް މީހަކަށް ނުވާނެކަން ރައްޔިތުންނަށް ފަހުމްވާނެއޭ. މޮޅު ވާހަކަ ދެއްކުމުގެ ތެރޭގައި، ތާހިރު ދިރިއުޅުމެއް ހޯދުމުގެ ނަމުގައި ގެނައި އަނެއް ދިވެހިރާއްޖެ އާއި އިންސާފުގެ ދަތުރެކޭ ކިޔައިގެން ގެނައި މި ސަރުކާރު ފެއިލްވެފައި އޮތްގޮތަށް ރަށްވެހި ފަތިހަކަށް އެ މީހުންނަށް ކައުންސިލް ދީފިއްޔާ މުޅި ގައުމު ވާނީ ފެއިލް،” ޣައްސާން ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވީ ޕީޕީއެމުން ވެރިކަމަށް އައުމަށްވެފައިވާ ވައުދުތައް ފަސް އަހަރުތެެރޭ ފުއްދާފައިވާ ކަމަށާ އެކަންކަން މިއަދު ކޮންމެ ދިމާއަކަށް ބަލައިލި ނަމަވެސް ފެންނަން އެބަ ހުރި ކަމަށެވެ. މާލެ-ހުޅުމެ ގުޅާލި ބްރިޖާއި ހުޅުލެ-ހުޅުމާލެ ގުޅުވާލި ހައިވޭގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހި އަދި ހިޔާ މަޝްރޫއަކީ އެކަމުގެ ހެކިތައް ކަމަށް ވެސް ވިދާޅުވިއެވެ.
އެކަމަކު ތިލަމާލެ ބްރިޖްގެ މަސައްކަތް މިވެރިކަން ދެބައިވާއިރު ނުފެށި އޮތީ ކީއްވެ ކަމާއި ކުރީ ސަރުކާރުން އެޅި ހިޔާ ފްލެޓްތައް ނުނިމި ލަސް ވަނީ ކީއްވެތޯ އާއި މިއީވިސްނާލަން ޖެހޭ ކަންކަން ކަމަށް ޣައްސާން ވިދާޅުވިއެވެ. މީގެ އިތުރުން 7،000 ފްލެޓް ދޭނެ މީހުން ކަނޑައަޅާފައި ވަނިކޮށް އެމްޑީޕީން ބޭނުންވާ ވަކި ބަޔަކަށް ފްލެޓްދޭން މަސައްކަތް ކުރަނީ ކީއްވެގެންތޯ ރައްޔިތުން ވިސްނާލަން ޖެހޭ ކަމަށާ އެމްޑީޕީ ވެރިކަމާ ހަވާލުވާ ކޮންމެ ފަހަރަކު އިގްތިސާދު ހުއްޓި، ޑޮލަރުގެ އަގު މަތިވެ ރައްޔިތުންގެ އަތްމަތި ދަތިވަނީ ކީއްވެތޯ ވިސްނާލުމަށް ޣައްސާން އެދިވަޑައިގެންނެވި އެވެ.