ބަހިއްޔާ އިންޓަނޭޝަނަލް ކުރަން ނިންމުން ގާނޫނާ ޚިލާފް : އޭސީސީ

DSCN3447-Copy-2.jpg

ބަހިއްޔާ ޕްރީ ސްކޫލް./ ފައިލް ފޮޓޯ

ބަހިއްޔާ ޕްރީސްކޫލް އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކޮށް އިޤްރާ އިންޓަނޭޝަނަލް ސްކޫލާ ގުޅިގެން އޭދަފުށީ ކައުންސިލުން ހިންގަން ނިންމި ނިންމުމަކީ ގާނޫނާ ޚިލާފް ނިންމުމެއްކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.

އޭދަފުށީ ކައުންސިލްގެ ކުރީ ދައުރުގައި ހިނގި މިމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައެޅީ އަމިއްލަ ފަރާތަކުންނެވެ. އެކޮމިޝަނުން ކަންހިނގި ގޮތް ބެލުމަށްފަހު މިދިޔަ ހަފްތާގައި އޭދަފުށީ ކައުންސިލަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ އިޤްރާ އިންޓަނޭޝަނަލް ސްކޫލްއާ ގުޅިގެން އޭދަފުށީ ކައުންސިލުން ބަހިއްޔާ އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކުރުމަށް އެއްބަސްވެފައިވަނީ، މާލިއްޔަތު ގާނޫނުގައި ބަޔާން ކޮށްފައިވާ އިޖްރާއަތްތަކާ ޚިލާފަށްކަމަށެވެ.

އޭސީސީއާ ހަވާލާދީ އޭދަފުށީ ކައުންސިލުން ބުނީ މިކަން ހިނގާފައިވަނީ ހުޅުވާލެވިފައިވާ ބިޑިންއަކަށް ނުގޮސްކަމަށާ، މާލިއްޔަތު ގާނޫނުގެ ދަށުން ބަހިއްޔާ އިންޓަނޭޝަނަލް ކުރުމަށް އަލުން ބީލަމަށް ލާންޖެހޭނެކަމަށެވެ.

ބަހިއްޔާ ، އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކޮށް އިޤްރާ އިންޓަރނޭޝަނަލް ސްކޫލް ހިންގަމުން އަންނަ އައިލެންޑާސް މޯލްޑިވްސް އާއި ކައުންސިލް ގުޅިގެން އެސްކޫލް ހިންގުމަށް އޭދަފުށީ ކައުންސިލުން ފާސްކުރީ މިއަހަރުގެ މާރޗް 1 ވަނަ ދުވަހުއެވެ.

މި ގޮތަށް ހަމަޖެހުމާއެކު ދަރިވަރުންގެ އަތުން މަހަކު -/500ރ ގެ ފީއެއް ނެގުމަށްވެސް ކައުންސިލުން ފާސްކޮށްފައިވެއެވެ. އޭގެފަހުން ދަރިވަރުން  ރަޖިސްޓްރީ ކުރުމަށް ކަމަށްބުނެ ބެލެނިވެރިން އަތުން -/500ރ ގެ ފީއެއްވެސް ވަނީ ނަގާފައެވެ.

ބަހިއްޔާ ހިނގުން އައިލެންޑާސް މޯލްޑިވްސް އާގުޅިގެން ކުރިޔަށް ގެންދަން ނިންމީ އޯޕަން ބިޑިންއަކަށް ގޮސްގެންތޯ އީވީން ކުރިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ކައުންސިލްގެ ކުރީގެ ރައީސް ނާޒްނީން ވިދާޅުވެފައިވަނީ “ބަހިއްޔާ ޕްރީސްކޫލް ހިންގުމަށް އެއްވެސް ބަޔަކާ މިކައުންސިލުން ހަވާލެއް ނުކުރާ ކަމަށެވެ. އަދި އެއްވެސް ބަޔަކަށް ކުއްޔަކަށްވެސް  ނުދޭކަމަށާއި ހަމައެކަނި މި ކައުންސިލުން މި ކުރާކަމަކީ އިޤްރާ މުޤައްރަރު ބަހިއްޔާގައި ކިޔަވައިދެނީއެވެ.”

1940ގެ އަހަރުތަކުގެ ތެރޭގައި އޭދަފުށީ ޔޫސުފް ކަލޭފާނުގެ މޭސްތިރިކަމުގައި އުފެދުނު އޭރުގެ މަދްރަސަތުލްބަހިއްޔާ ، ޕްރީ ސްކޫލަކަށް ބަދަލުވީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. ނަމަވެސް ޕްރީ ސްކޫލް ތައުލީމް އޭގެކުރިންވެސް އެމަދުރަސާއިން ދެމުން އައެވެ.

މަދްރަސަތުލް ބަހިއްޔާއަކީ 1950ގެ އަހަރުތަކުން ފެށިގެން 1980 ގެ ކުރީކޮޅާ ހަމައަށް ބ. އަތޮޅާއި މުޅިރާއްޖެއިންވެސް ފާހަގަކުރެވުނު މަތީ ފެންވަރުގެ ތައުލީމު ދިން މަދު ސްކޫލްތަކުގެ ތެރެއިން ވަރަށްބޮޑަށް ވިދާލި އެއްސްކޫލެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top