ޝައިޚް މަޖީދުގެ ދަރެސް : ލަދުވެތިކަމަކީ، އީމާންކަމުގެ ބައެކެވެ

shy_to_cry_by_mizyuso-d3ivjrx.jpg

ލަދުވެތިކަމަކީ، ދީނީގޮތުން ބަލާއިރު ވަރަށް މަތިވެރި ސިފައެކެވެ. އެއީ، އިންސާނާގެ އިއްޒަތާއި،ޤަދު މަތިވެރިކޮށްދީ، އެންމެހާ ނޭދެވޭ ކަންކަމުން ރައްކާތެރިކޮށްދޭ ސިފައެކެވެ. އަދި އެއީ، އިންސާނާގެ ޙަޔާތް ކާމިޔަބުގެ ހަރުފަތާ ހަމައަށް ގެންގޮސްދިނުމުގެ ސަބަބުވެސްމެއެވެ. މިކަން ވަނީ، ކީރިތިމާތް ނަބިއްޔާ ޞައްލަﷲޢަލައިހި ވަސައްލަމަ މިއުންމަތަށް ކަށަވަރުކޮށްދެއްވާފައެވެ. އެކަލޭގެފާނާއި އެކަލޭގެފާނުންގެ އަޞްޙަބުން ވަނީ، މުޅިދުނިޔެއަށް އެކަމުގެ ނަމޫނާ ދައްކަވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވަނީ “ލަދުވެތިކަން، ހެޔޮކަމެއްނޫނީ، ގެނެސްނުދެއެވެ.” (ރިވާކުރެއްވީ، އަލްއިމާމުލް ބުޚާރީއާއި އިމާމު މުސްލިމް) އިސްވެދިޔަ ބަސްފުޅުން ދޭހަވަނީ، ލަދުވެތިކަމަކީ، ކޮންމެ މީހަކުވެސް ނޭދެވޭ ސިފަތަކުން ދުރުކޮށްދީ އެދެވޭ ރަނގަޅު ސިފަތައް އެމީހެއްގެ ކިބައިގައި އަށަގެންނެވުމުގެ ބާރެއްކަމެވެ.

އަލް އިމާމުލްބުޚާރީއާއި، އިމާމު މުސްލިމު ރިވާކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. “މާތްﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އުމަރުގެފާނުގެ ދަރިކަލުން ޢަބްދުﷲގެ ކިބައިން ރިވާވެގެންވެއެވެ. އެކަލެގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން އަންޞާރުންކުރެ ބޭކަލަކު، އެކަލޭގެފާނުގެ އަޚަކަށް ލަދުވެތިކަމާމެދުގައި ނަސޭހަތް ދެއްވަނިކޮށް އެތަނުން، ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަ ހުރަސްކުރައްވައި ވަޑައިގަތެވެ. ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އޭނާ ނަސޭހަތް ދެއްވުމަށް ދޫކޮށްލައްވާށެވެ! ފަހެ، ހަމަކަށަވަރުން ލަދުވެތިކަމަކީ، އީމާންކަމުގެ ތެރެއިންވާ ކަމެކެވެ.”  މިއީ، ލަދުވެތިކަމުގެ އަގު ވަޒަންކޮށްދެއްވުމުގެ ގޮތުން ކިތިރިތަސޫލާ ޞައްލަﷲއަލައިހިވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެކެވެ.

އިސްވެދިޔަބަސްފުޅުން ދޭހަވަނީ،ފުރިހަމަ މުއުމިނަކަށް ވާނީ، އެމީހެއްގެ ކިބައިގައި ލަދުވެތިކަންވެސް ހުރެގެންކަމެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި، ލަދުވެތިކަން ފަދަ ސިފަތަކަކީ، އިސްލާމްދީނުގެ އަގު ވަޒަންކުރަން ދަންނަ، އިސްވެގޮސްފައިވާ ގިނަބަޔަކު ލިބިގެންފައިވާ ސިފަތަކެކެވެ. އެބައިމީހުންގެ ދިރިއުޅުން ކަމިޔާބު ދިރިއުޅުމަކަށް ހަދާފައިވަނީ، އެފަދަ މަތިވެރި ސިފަތައް އެބައިމީހުންނާއި އެބައިމީހުންގެ ދަރިންގެ ކިބައިގައި، އަށަގަންނުވައިގެންނެވެ. ނަމަވެސް އެއާ ޚިލާފަށް މިއަދު އިސްލާމީ މުޖުތަމަޢު ފަސާދަވުމަށް މެދުވެރިވެފައިވާ މައިގނޑު އެއްކަމަކީ، މުޖުތަމައުގެ ގިނަ ބަޔަކަށް އިސްލާމްދީނުގެ އަގު ވަޒަންކުރަން ނޭގުމުގެ އިތުރަށް ލަދުވެތިކަންފަދަ މަތިވެރި ސިފަތަކުގެ ލާބައާއި މަންފާއާ މެދު ޣާފިލުވުމުގެ ސަބަބުންނެވެ. އިސްލާމީ މުޖުތަމަޢު ހެޔޮގޮތުގައި ބިނާކުރުމަށް، ފަރުން ތަރުބިޔަތުކުރުމުގައި އެފަރުދުންގެ ކިބައިގައި ހަރުލައްވަން ޖެހޭ ހެޔޮލަފާ ސިފަތަކުގެ އަގުވަޒަންކުރަން ނޭގުމުގެ ސަބަބުންނެވެ.

އަލްއިމާމުންނަވަވީ، ވިދާޅުވިކަމަށް ބައެއްޢިލްމުވެރިން ލިޔުއްވާފައިވެއެވެ. “ޢިލްމުވެރިން ވިދާޅުވާގޮތުގައި، ލަދުވެތިކަމަކީ، އެންމެހާ ނުބައިކަންކަމާ ދުރުހެލިވުމަށް ބާރުއަޅާ، އަދި ޙައްޤުވެރިޔާއަށް އޭނާގެ ޙައްޤު ލިބިދިނުމަށް ހުރަސްއަޅާ ކަންކަމާ، ދެކޮޅުވެރިވުމުގެ ރޫޙު އުފައްދައިދޭކަމެކެވެ.”  

އަޅުގަނޑުގެ ދުޢާއަކީ،  މިއަދުގެ މުސްލިމުންނަކީ، އިސްލާމްދީނުގެ މާތްކަމާއި މަތިވެރިކަން ރަނގަޅަށް ދަންނަ، އަދި ލަދުވެތިކަންފަދަ މަތިވެރި އަޚްލާޤީ ސިފަތަކުގެ އަގު ވަޒަންކުރަން ދަންނަ، އެކަމުގެ ލާބައާއި މަންފާ އެނގި އެފަދަ ސިފަތަކުން ޒީނަތްތެރިވެގެންވާ، ޤިޔާމަތްދުވަހުގެ ޢާޛާބަށް ބިރުވެތިވާ، ހެޔޮލަފާ ބަޔަކުކަމުގައި މާތްﷲ މިންވަރުކުރެއްވުމެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top