ޝައިޚް މަޖީދުގެ ދަރެސް: ހަސަދަވެރިކަމާ ދުރުވާށެވެ

AAEAAQAAAAAAAAkNAAAAJDZjMzFhZTE0LTg5MGMtNDM1ZS05YmY2LTE5ODZlYTU0YWJmYg.jpg

ޙަސަދަވެރިވުމަކީ، މީހަކަށް ލިބިފައިވާ ނިޢުމަތެއް ނެތިދިއުމަށް އެދުމެވެ. އަދި ތިމާއަށް އެފަދަ ނިޢުމަތެއް ލިބިފައިވާ ޙާލަތުގައި، ނުވަތަ ލިބިފައިނުވާ ޙާލަތުގައިވެސް، އަނެކުންގެ ކިބައިން އެނިޢުމަތެއް ބީވެދިއުމަށް އެދުމެވެ. ތިމާގެ ނަފުސަށް އެދޭ ކޮންމެ ރަނގަޅުކަމެއް ތިމާގެ އަޚާއަށް ލިބުމަށް އެދުމަކީ، ކޮންމެ މުއުމިނެއްގެ އެދުންކަމުގައި ވާންޖެހޭނެއެވެ. އަނެކުން ނިކަމެތިކޮށްލުމަށް ކުރެވޭ ކޮންމެ ކަމެއް އަނބުރާ އަންނާނީ ހަމަ ތިމާއަށެވެ. އެހެންކަމުން އަނެކުންނަށް ކޮންމެވެސް މޮޅެއް ލިބުމަށް އެދުމަކީ، ބުއްދިވެރިގޮތެވެ.

ޙަސަދަވެރިވުމަކީ، މާތްﷲ ޙަރާމްކުރައްވާފައިވާކަމެކެވެ. މާތްﷲ އެބޭކަލަކަށް ރުއްސުންލެއްވި އަނަސުގެފާނުގެ ކިބައިން، ރިވާކުރައްވާފައިވާ ކީރިތިރަސޫލާގެ ބަސްފުޅެއްގެ މާނައިގައިވަނީ، “ތިޔަބައިމީހުން އެއްބަޔަކުއަނެއްބަޔަކާ ރުޅިނުވާށެވެ! އަދި ތިޔަބައިމީހުން އެއްބަޔަކުއަނެއްބަޔަކަށް ޙަސަދަވެރިނުވާށެވެ! އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ފުރަގަސްނުދޭށެވެ! އަދި ތިޔަބައިމީހުން އެއްބަޔަކުއަނެއްބަޔަކަށް ގުޅުންކަނޑައިނުލާށެވެ! އަދި ތިޔަބައިމީހުންނީ، ﷲގެ އަޅުންކަމުގައިވާ ޙާލު އަޚުންކަމުގައިވާށެވެ!”

ޙަސަދައަކީ، އިންސާނާއަށް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިކުރުވާ، ވަރަށް ސުންޕާ ނަފްސާނީ ބައްޔެކެވެ. ޙަސަދަވެރިޔާގެ ހުރިހާ ހެޔޮކަމެއް ނެތިކޮށްލާ ކަމެކެވެ.

މާތްﷲ އެބޭކަލަކަށް ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެން ވެއެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން ޙަސަދަވެރިކަމާ ދުރުހެލިވާށެވެ. އެހެނީ، ހަމަކަށަވަރުން، އަލިފާނުން ދަރު އަންދާފަދައިން ޙަސަދަވެރިކަން ހެޔޮކަންތައް ނެތިކޮށްލައެވެ.”

އިސްވެދިޔަ ބަސްފުޅުން ދޭހަވަނީ، ޙަސަދައަކީ، ޙަސަދަވެރިޔާއަށްހުރި ބޮޑު ނުރައްކަލެއްކަމެވެ. މީހަކާމެދު ޙަސަދަވެރިވެ އުޅޭ މީހެއްގެ ހުރިހާ ހެޔޮކަމެއް ނެތިކޮށްލާ އެއްޗެއްކަމެވެ. އަލިފާނުން ދަރުގަނޑު އަނދާ ހުލިވާ ފަދައިންނެވެ. އެންކަމުން މި ބަލިން ދުރުހެލިވުމަށް ކުރެވިދާނެ ބައެއްކަންތައްތަކަކީ،

1- ތަޤްވާވެރިވުން.

2- ކެތްތެރިވުން

3- ހިތުގައިވާ ރުޅިވެރިކަން ފިލުވައިލުން.

4- ޙަސަދައަކީ، ދީނީގޮތުން ބަލާއިރު، ދުނިޔެއާއި އާޚިރަތުގެ ޙަޔާތް ބާއްޖަވެރިކުރުމުގެ ދޮރު ބަންދުކުރުގެ ވަސީލަތެއްކަން ދެނެގަތުން.

5- ތިމާ ޙަސަދަލައިގެންއުޅޭ މީހަކުވެސް ރަނގަޅުކަމެއް ކޮށްފިނަމަ އެކަމަކަށް ތަޢުރީފުކުރުން.

6- ތިމާގެ އަމިއްލަ ނަފުސުގެ އަގު ހިފެހެއްޓުމުގެގޮތުން، ޙަސަދަވެރިކަން ނެތިކޮށްލުމުގެ ސަބަބުތައް ދެނެގަނެ އެ ސަބަބުތަކުގައި ހިފެހެއްޓުން.

7- އިޚްލާޞްތެރިވުން.

8- ގިނަގިނައިން ޤުރްއާންކިޔެވުން. (މާނައާއެކު)

9- އަމިއްލަނަފުސު ޙިސާބުކުރުން. (ހެވާއި ނުބައި)

10- ހެޔޮދުޢާކުރުން

އަޅުގަނޑުމެންނީ ހެޔޮބަސްއަހާ އެޔޮބަސް ޤަބޫލުކުރާ ބަޔަކުކަމުގައި މިންވަރުކުރައްވާށި. އާމީން!

އެޑިޓަރުގެ ނޯޓް: “ޝައިޚް މަޖީދުގެ ދަރެސް” އަކީ ދީނީ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުން އޭދަފުށީ ވޮއިސްގެ ފަރާތުން ގެނެސްދޭ ސިލްސިލާއެކެވެ. މި ސަފްހާ ގައި ލިއުއްވަމުންގެންދަވާނީ ޝައިޚް މަޖީދުއެވެ. 

އޭދަފުށީ ފިނިހިޔާގޭ ޢަބްދުލް މަޖީދު މުހައްމަދު އަކީ މިސްރުގެ އަލްއަޒްހަރު ޔުނިވަރ ސިޓީއިން ޤުރުއާން ތަފްސީރުގެ ރޮނގުން ޑިގްރީ ނަންގަވާފައިވާ ބޭފުޅެކެވެ. އަމިއްލަފުޅުރަށުގައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ކީރިތި ޤުރުއާންގެ އިމްލު އުނގަންނައި ދެއްވުމަށްމަސައްކަތް ކުރައްވަމުން ގެންދަވާތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. ވަޒީފާއަދާކުރައްވަމުން ގެންދަވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ. އީވީ ގެ ދީނީ ސަފްހާ މުއްސަނދި ކޮށްދެއްވުމަށް ޝައިޚްގެ ދަރުމަވެތި މި އެހީތެރިކަމަށް ޝުކުރުވެރިވަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top