އަންނަ އަހަރު ސަރުކާރު ބަންދަށް އިތުރު ދެދުވަސް

DSCN0674.jpg

އަންނަ އަހަރު ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ދުވަސްތަކުގެ އިތުރުން އިތުރު ދެ ދުވަސް ރަސްމީ ބަންދު ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ އަންނަ އަހަރުގެ ސަރުކާރު ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ދުވަސްތަކުގެ އިތުރުން އަންނަ ޖުލައި މަހުގެ 18 ވާ އާދިއްތަ ދުވަހާއި 25 ޖުލައި ވާ އާދިއްތަ ދުވަސް ބަންދު ދުވަހުގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވާ ކަމަށެވެ.

ސަރުކާރުން ބަންދު ކުރަން ރައީސް ނިންމަވާފައިވާ މި ދެ ދުވަހަކީ އަންނަ އަހަރުގެ އަލްހާ އީދު (ބޮޑު އީދު) ދުވަހުގެ އިތުރުން މިނިވަން ދުވަހާ ގުޅިގެން ލިބޭ ބަންދު ދުވަސްތަކުގެ މެދަށް ވަންނަ ދެ ދުވަހެވެ.

އެގޮތުން، 16 ޖުލައި 2021 އަކީ ހުކުރު ދުވަހެއް ކަމަށްވާއިރު، އަންނަ އަހަރުގެ ހައްޖު ދުވަހަކީ 19 ޖުލައި ވާ ހޯމަ ދުވަހެވެ. އެހެންކަމުން އެމަހުގެ 18ވާ އާދިއްތަ ބަންދުކުރުމުން އީދު ބަންދުގެ ދުވަސްތައް 24 ޖުލައިވާ ހޮނިހިރު ދުވަހާއި ހަމައަށް ދެމިގެންދާނެއެވެ. އަދި ޖުލައި 25 ވާ އާދިއްތަ ބަންދުކުރުމުން މިނިވަންދުވަހުގެ ބަންދު ދުވަސްތަކުގެ ގޮތުގައި ތިން ދުވަސް ލިބޭނެއެވެ. އެއާއެކު ޖުލައި 16 އިން ފެށިގެން އެ މަހުގެ ނިޔަލަށް ޖުމްލަ 12 ދުވަސް ސަރުކާރު ބަންދުވާނެއެެވެ.

ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި އާއްމުކޮށް އަހަރަކު 18 ދުވަސް ލިބެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top