ކައުންސިލް އިންތިޚާބަށްފަހު ކައުންސިލަރުންގެ މުސާރަ ބޮޑުވަނީ

1579073580Council-final.jpg

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެކު ކައުންސިލަރުންނާއި މޭޔަރުންގެ މުސާރަ ބޮޑުވާނެކަމަށް ރައީސް ސޯލިހު ހާމަކުރައްވައިފިއެވެ.

ރައީސް ސޯލިހް މިކަން ހާމަކޮށްފައިވަނީ، އެމްޑީޕީއިން ކުޅުދުއްފުށީ ސިޓީ ކައުންސިލްގައި މިހާރު ކުރިއަށްދާ “ތިލަދުންމަތީ އިރުވައި ކޮންފަރެންސް” ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރު ޤާނޫނުގައި އޮތްގޮތަށް ސަރުކާރުން ވަނީ އަދަދުތަކެއް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިއިކަމަށެވެ.

” ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެން ފޮނުވި މުސާރަ ޝީޓްގައި އޮންނާނީ ސިޓީގެ މޭޔަރަކަށް 40000ރ، ޑެޕިއުޓީ މޭޔަރަކަށް 35000ރ، ސިޓީ ކައުންސިލް މެމްބަރަކަށް 30000ރ، އަތޮޅު ކައުންސިލް ރައީސްއަކަށް 28000ރ، ރަށު ކައުންސިލްގެ ރައީސްއަކަށް 23000ރ، ޑެޕިއުޓީއަށް 15000ރ އަދި މެންބަރަކަށް 12000ރ.” ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް  ވިދާޅުވީ، ކައުންސިލަރުންނާއި ސިޓީ ކައުންސިލްތަކުގެ މުސާރައިގެ އޮނިގަނޑު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި، މަޖިލިސް ހުޅުވުމާއެކު މަޝްވަރާ ކުރެވި ނިންމުމެއް ނިންމިގެންދާނެ ކަމަށެވެ.

“އަޅުގަނޑުމެން ސިޓީތައް ކަނޑައެޅުމާއި، ފަސް މެންބަރުން ތިއްބަވާ ކައުންސިލަކާއި، ހަތް މެންބަރުން ތިއްބަވާ ކައުންސިލަކާވެސް ތަފާތުނުކޮށް މިކަން ނިންމާފައި މިއޮތީ. އެކަމު ފުރަތަމަ އައިއިރުގައި އޭގައި ހުރި ތަފާތުތަކެއް، މާލޭ ސިޓީއާއި އެެހެން ސިޓީތަކުގެ މޭޔަރުންނާއި ޑެޕިއުޓީންނާއި މުސާރަ ކަނޑައެޅުމުގައި. އަދި ރަށްރަށުގައިވެސް ފަސް މެންބަރުން ތިއްބަވާ ރަށަކާ ހަތް މެންބަރުން ތިއްބަވާ ރަށެއްގެ ހުރި ތަފާތުތަކެއް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ ރަށު ކައުންސިލެއް ވެއްޖިއްޔާ އޮންނާން ވާނީ ހަމަހަމައަށޭ. ރަށު ކައުންސިލްތަކާ ސިޓީ ކައުންސިލްގެ މުސާރަތައް އެއޮތީ އެއްގޮތަށް ކަނޑައެޅިފައި.” ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކައުންސިލަރުންގެ މުސާރަތައް ކަނޑައަޅާފައިވަނީ ދައުލަތަށް ލިބޭ އާމްދަނީ އަށްވެސް ބަލައިގެން ކަމަށާއި އާމްދަނީއަށް އަންނަ ބަދަލަކާ ގުޅިގެން މުސާރަތައް މުރާޖައާ ކުރެވިދާނެ ކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން އެމްޑީޕީއިން ފަށާފައިވާއިރު، “އެޖެންޑާ 19 ރަށަށް” ގެ ނަމުގައި އެޕާޓީއިން ދަނީ ރާއްޖޭގެ އެންމެ އުތުރަށް ދަތުރެއް ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top