އިންޑިއާ އައުޓްގެ މަފްހޫމަކީ, މިގައުމުގައި އިންޑިއާގެ މިލިޓަރީން ނުތިބުން- ޔާމީން

9E0AE9A3-121D-49DB-8F31-830FF42225ED-850x548.jpeg

އިންޑިއާ އައުޓްގެ މަފްހޫމަކީ އިންޑިއާ އައުޓްއޭ މި ބުނަނީ، މިތަނުގައި އިންޑިއާގެ މިލިޓަރީން ތިބެގެން ނުވާނެ ވާހަކަ ކަމަށް އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޖަލުން މިނިވަންވެ ވަޑައިގަތުމަށް ފަހު، ދެއްވި ފުރަތަމަ އިންޓަރވިއުގައި އޮންލައިން ނޫސް، “ދިޔަރެސް”އަށް ދެއްވި އިންޓަރވިއު އެއްގައި ރައީސް ޔާމީން ވިދާޅުވީ، މިތާންގައި އިންޑިއާގެ މައްސަލަ، މައްސަލައަކަށް ވެގެން ދިޔައީ، އިންޑިއާގެ މިލިޓަރީ ރާއްޖޭގެ އެކި ހިސާބުގައި ތިބޭތީ، އަދި އެކަމާ ގުޅިގެން ސަރުކާރުން ދޮގު މައުލޫމާތު ރައްޔިތުންނަށް ދެމުން ދިޔައީމަ ކަމުގައެވެ.

ރައީސް ޔާމީން ވިދާޅުވީ ޓީޝާޓުގައި މަޒުމޫނެއް ނުލިޔޭނެ ކަމަށާއި، އިންޑިއާ އައުޓްއޭ ބުނުމުން އެއީ ކޮން މާނައެއްގައި ބުނާ އެއްޗެއްކަން ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމަށެވެ.

“އިންޑިއާ ރަނގަޅުއިރު، އިންޑިއާ ހަމަ ރަނގަޅޭ ބުނާނީ ދެއްތޯ، އަޅުގަނޑުމެންގެ ހައްގުތަކަށް އަރައިގަތީމަ ބުނާނަން ދެއްތޯ ‘އިނަފް އިސް އިނަފް’އޭ. ދެނެއް ތިކަމެއް ނުވާނޭ. އެއްއިރެއްގައި އެ ވާހަކަ ދައްކައިފައި އޮވެދާނެ. އެއީ އޭރު އެ މައްސަލަ ދިމާވެފައި ނުވާތީ.” ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އިންޑިއާގެ ޑޮކްޓަރުން ދޭ ފަރުވާ ރަނގަޅު ކަމަށާއި ނަރުހުންގެ އެހީތެރިކަން ރަނގަޅު ކަމަށާއި އަދި ޓީޗަރުންގެ ޚިދުމަތައް ވެސް ރަނގަޅު ކަމަށެވެ. އަދި އެކަމަށް ފާޑު ނުކިޔާ ކަމަށާއި އެކަންތައްތައް ގޯސްވެގެން އުޅޭ މީހަކު ނޫޅޭ ކަމަށް ވެސް ވިދާޅުވިއެވެ.

“އަޅުގަނޑުމެން އެމީހުން ކައިރިއަށް ކަންތަކު ދާތީ، ނުވަތަ އަޅުގަނޑުމެންނަށް އެ މީހުންގެ ބިރިޔާނީ މީރުވާތީ، ނޫނީ އަޅުގަނޑުމެން އިންޑިއާއިން ގެންނަ ޓީޗަރުންނަށް މުސާރަ ދީގެން، ދަރިވަރުންނަށް އުނގަންނައިދެން ތިބޭތީ، އެއީ ސަބަބެއް ނޫން މުޅި ރާއްޖޭގެ ސިޔާސަތު އެމީހުންގެ ފައި ދަށަށް ދާކަށް” ރައީސް ޔާމީން ވިދާޅުވިއެވެ.

މި އިންޓަވިއުގައި ރައީސް ޔާމީން ވަނީ އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި ތިބުމާ ދެކޮޅުތޯ ބެލުމަށް ވޯޓެއް ނެގުމަށް ގޮވައިލެއްވި ގޮވައިލެއްވުން ތަކުރާރު ކުރައްވައިފައެވެ، ވިދާޅުވީ، އިންޑިއާ ސިފައިން މިތާންގައި ތިބެން ރައްޔިތުން ބޭނުން ކަމަށް ވަންޏާ ރައީސް ޔާމީން ގެޔަށް ވަދެވަޑައިގަންނަވާނެ ކަމަށެވެ. އަދި ޑިމޮކްރަސީއަށް ލޯބިކުރާ ފަރާތްތަކެއް ކަމަށް ސަރުކާރުން ދައުވާ ކުރާއިރު، ރައްޔިތުން މިކަމުގައި ނިންމާ ގޮތަކީ ކޮބައިކަން ބަލަން ކެރެންޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

“މިހާރު ވެސް ސާވޭ ޕޯލެއް ހެދިޔަސް، ކޮންމެ ދިހަ މީހަކުން ނުވަ މީހަކު ބުނާނެ، ތިމަންނަމެން ނޭދެމޭ މިތާންގައި އިންޑިއާގެ އަސްކަރިއްޔާއިން ތިބޭކަށް.” ރައީސް ޔާމީން ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top