އަތޮޅު ފިހާރަތަކުން ކައުންސިލުތަކަށް 38.4 މިލިއަން ރުފިޔާ ދީފި

b_ViB4wv56sDDvDhKzmN130aIjY.jpeg

މާލޭ އުތުރުފަރާތު ހާބަރު ސަރަހައްދުގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ އަތޮޅު ފިހާރަތައް

މާލޭގައި ހިންގަމުންދާ އަތޮޅު ފިހާރަތަކުން ލިބޭ ފައިސާއިން 38.4 މިލިއަން ރުފިޔާ, އަތޮޅު ކައުންސިލްތަކަށް ޖަމާކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މާލޭގައި ހިންގަމުން އަންނަ އަތޮޅު ފިހާރަތަކުން 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު އަތޮޅު ކައުންސިލްތަކަށް ލިބެން ޖެހޭ 38.4 މިލިއަން ރުފިޔާ އަތޮޅު ކައުންސިލްތަކަށް ޖަމާކޮށްފި ކަމަށާއި 20 އަތޮޅު ކައުންސިލަށް ދޫކޮށްފައިވަނީ, 2016 ވަނަ އަހަރަށްވާ 17.9 މިލިއަން ރުފިޔާ އާއި 2017 ވަނަ އަހަރަށްވާ 20.5 މިލިއަން ރުފިޔާ ކަމަށެވެ.

2019 ވަނަ އަހަރު ވަނީ އަތޮޅު ފިހާރަތަކުގެ ފައިސާއިން ކައުންސިލްތަކަށް ލިބެން ޖެހޭ 12.5 މިލިއަން ރުފިޔާ ޖަމާކޮށްދީފައެވެ. އެއީ 2015 ވަނަ އަހަރުގެ ފައިސާ ކަމަށް ފިނޭންސުން ބުންޏެވެ.

2013 ވަނަ އަހަރު ލޯކަލް ކައުންސިލް އިންތިޒާމު ހަރުދަނާކޮށް ތަރައްގީކޮށް ކުރިއެރުވުމަށް ސަރުކާރުން ދޭ އެހީއެއްގެ ގޮތުގައި، މާލޭގައި ހުރި އަތޮޅު ފިހާރަތަކުން ލިބޭ ކުލީގެ 50 އިންސައްތަ އަތޮޅު ކައުންސިލްތަކަށް ދޫކުރަން ވަނީ ނިންމައިފައެވެ.

ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ލައްމާން ވަހީދު ވިދާޅުވީ، ރައީސް ޔާމީންގެ ދައުރުގައި ކައުންސިލްތަކަށް ދޭންޖެހޭ 2014 އާއި 2015 ވަނަ އަހަރުގެ ފައިސާވެސް މިނިސްޓަރު އިބްރާހީމް އަމީރު މަގާމާ ހަވާލުވުމަށްފަހު ދޫކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެހެން އަހަރުތަކުގެ ފައިސާ ވެސް ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މާލޭ އުތުރުފަރާތުގައި ގާއިމްކޮށްފައިވާ އަތޮޅު ފިހާރަތައް ކުއްޔަށް ދީފައިވަނީ އެކި ފިހާރަތައް އެކި އަގުގައެވެ. ކޮންމެ ކައުންސިލަކަށްވެސް ލިބެނީ އެ އަތޮޅެއްގެ ފިހާރައިން ކުލީގެ ގޮތުގައި ލިބޭ ފައިސާގެ ދެބައިކުޅަ އެއްބައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top